English Edition
Dhivehi Edition

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގައި ގިނަ މައްސަލަތަކެއް އެބަހުރި ކަމަށާއި އެ އިދާރާއަށް ސަރުކާރުގެ އިތުބާރު ގެއްލިއްޖެ ކަމަށް ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ވީ ސްޕޯޓްސް ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަމުން މަހުލޫފް ވިދާޅުވީ، ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ފަރާތުން މިއަދު ސަރުކާރަށް އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށާއި އދިާރާގެ ތެރޭގައި އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލަތައް އެބަހުރި ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން ހަރަދުކޮށްފައިވާ ފައިސާ އާއި ޕްރޮޖެކްތަކަަށް ބޮޑެތި އިހުމާލުތަކެއް އެފްއޭއެމް އިން ވެފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ބަޖެޓްގެ ތެރެއިން މިދިޔަ އަހަރުވެސް 13 ޕަސަންޓް ހަމައެކަނި ހަރަދުކޮށްފައި ވަނީ ފުޓްބޯޅައަށް ކަމަށާއި ދައުލަތުން މިވަރުގެ ބޮޑު ހޭދައެއް އެއްމެ ކުޅިވަރަކަށް ކޮށްފައިވާއިރު އެފައިސާއަށް ހެދިގޮތް ދައުލަތައް އިނގެންޖެހޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ ބޮޑު ލީގެއް ބޭއްވުމުގެ އިތުރުން ފެންވަރު ރަނގަޅު ދަނޑުތައް އަޅަން މިނިސްޓްރީން ބޭނުންވާއިރު އެފްއޭއެމްގައި މިހާރު ތިބީ މިއިން އެއްވެސް ކަމަކަށް އެކުގައި މަސައްކަތް ކުރެވޭނެ އަދި އެކަމަށް ގާބިލު ބަޔެއް ކަމަށްވެސް ގަބޫލު ނުކުރައްވަވާ ކަމަށެވެ.
އަދި ރަށްރަށުގައި ޓާފް ދަނޑުތައް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު ގިނަ ދަނޑުތައް ހުރީ ހުއްޓިފައި ކަމަށާއި ދައުލަތުގެ ބަޖެޓުން އެތައް ހޭދައެއް އެ ދަނޑުތަކަށް ކޮށްފައިވާއިރު ގިނަ ދަނޑުތަކަކީ މިނިސްޓްރީއަށް އަތްވެސް ނުލެވޭ ގޮތައް އެފްއޭއެމްގެ ދަށުގައިހުރި ދަނޑުތައް ކަމަށް މަހުލޫފް ވިދާޅުވިއެވެ.

އެފްއޭއެމް އާއި މަހުލޫފް އާއި މައްސަލަ ޖެހިގެން އުޅޭއިރު މީގެ ކުރިންވެސް ކުޅިވަރާބެހޭ ވަޒީރުކަން ކުރި ފަސް ވަޒީރުންނަށް ވެސް އެފްއޭއެމް އާއެކު މަސައްކަތް ކުރެވިފައި ނުވާކަމަށް މަހުލޫފް ވަނީ ވިދާޅުވެފައެވެ.