English Edition
Dhivehi Edition

އިންޑިޔާއަކީ ވަރުގަދަ އަސްކަރިއްޔާއެއް އޮތް ޤައުމެއް ކަމަށާއި އިންޑިޔާ ބޭނުން ކޮންމެ ވަގުތެއްގައި ރާއްޖެ ހިފިދާނެކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވި މައްސަލައިގައި އެކަމަނާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ. މިއީ، މި ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުން މެމްބަރުންނަށް ލިބިދީފައިވާ ބާރުގެ ދަށުން މި ސަރުކާރުގެ މިނިސްޓަރަކު މަޖިލީހަށް ހާޒިރު ކުރަން ހުށަހެޅި ދެ ވަނަ ފަހަރެވެ.

ޓޮމް ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން މިނިސްޓަރާ މަތިކޮށްފައިވާ ގާނޫނީ އެންމެ ބޮޑެތި ޒިންމާތަކުގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކޮށް، ހިމާޔަތް ކުރުން ހިމެނޭ ކަމަށެވެ. މީގެއިތުރުން ރާއްޖޭގެ އިއްޒަތާއި ކަރާމާތާއި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައިދީ ހިފެހެއްޓުމާއި ރާއްޖޭގެ ކަނޑާއި ހާއްސަ އިގްތިސާދީ ސަރަހައްދު ހިމާޔަތްކުރުމުގެ ސިޔާސަތު ކަނޑައެޅުމަކީ ގާނޫނުއަސާސީ އާއި ސިފައިންގެ ގާނޫނުން ވަޒީރާ ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށް މިމައްސަލާގައި ބަޔާންކޮށްފައި ވެއެވެ.

އެހެންކަމުން މާރިޔާ މިނިސްޓަރުގެ މަގާމުގައި ހުންނަވައި ފާޅުކުރައްވަމުން ގެންދަވާ ސިޔާސަތުތަކުން ނުވަތަ ވާހަކަތަކުން ޒިންމާތައް އަދާކުރެއްވޭތޯ، ތޯރިގް ހުށަހެޅުއްވި ސުވާލުގައިވެ އެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފުމުގެ ވިސްނުމެއް ނުގެންގުޅުނު ނަމަވެސް، އިންޑިއާ އިން ބޭނުންވެގެން ރާއްޖެ ހިފަން އުޅޭ ނަމަ، އެކަން ކުރެވޭނެ ކަމަށެވެ.

މިމައްސަލާގައި މާރިޔާއަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އެކަމާ ގުޅިގެން އެމްއެންޑީއެފުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ނޫހަކަށް ދެއްވި ބަސްދީގަތުމުގައި ވިދާޅުވި އެއްޗެއް އާންމު ރައްޔިތުންނަށް އޮޅޭގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާ ކަމަށެވެ.