ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އައްޑޫ މީދޫ ދާއިރާއިން ރައްޔިތުންގެ މަޖިލިހަށް ވާދަކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓް،ނެޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް، ސ.ހިތަދޫ ހަސަންކާރީގޭ މުހައްމަދު ފަރުހާދަށް ދެއްވަވައިފިއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު ޖޭޕީއަށް ސޮއިކުރެއްވެވި ފަރުހާދު، އެންއައިސީގެ ރައީސްކަމަށް އައްޔަން ކުރައްވަވާފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައެވެ. ނަމަވެސް 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފަރުހާދު ވަނީ އެ މަގާމުން ވަކިކުރައްވަވާފައެވެ. އޭނާ އެ މަގާމުން ވަކިކުރުމަށް ފަހު، އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ޔޫސުފް މާނިއު މުހައްމަދެވެ. އެންއައިސީގެ ރައީސްކަމުން އޭރު ފަރުހާދު ވަކިކުރި ނަމަވެސް، މެމްބަރެއްގެ ގޮތުގައި އޭނާ ހުންނެވިއެވެ. އަދި އޭގެ ފަހުން ފަރުހާދު ވަނީ މެމްބަރުކަމުގެ މަގާމުން އިސްތިއުފާދެއްވައިފައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި މަޖިލީހަށް ވާދަ ބައެއް ކެންޑިޑޭޓުންނަށް ޓިކެޓް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ފަރުހާދު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިތިޚާބުގެ ކެމްޕޭންގައި އެމްޑީޕީން ގެންގުޅޭ ސްލޯގަން، އެޖެންޑާ19 އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ފަރުހާދު ވިދާޅުވީ މިިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހު ކިލަނބުކުރަން ނިކުމެވަޑައިގެން އުޅުއްވާ ބޭފުޅުން އެޖެންޑާ 19 އަކާ އެނެކައްޗެއްގެ ބޭނުމަކީ ސީދާ ހުދުމުހުތާރުވުން ކަމަށެވެ.
ރާއްޖެއަށް ޑިމޮކްރަސީ ގެންނަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ފަރުހާދު ވިދާޅުވިއެވެ. އަދި މިވަގުތު ރާއްޖޭގެ ސިޔާސީ މަޝްރަހު އޮތް ގޮތަށް ބެލިނަމަވެސް ޖޭޕީއަކީ ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ސިޔާސީ ޕާޓީކަމަށާއި އެ ޕާޓީއަކީ މިގައުމަށް ހެޔޮ އޯގާތެރިވެރިކަމެއް ގެނެސްދޭނެ ޕާޓީއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖޭޕީގެ ޓިކެޓްގައި މަޖިލިހުގެ ގޮނޑިއަށް ފަރުހާދު ވާދަކުރައްވަވާއިރު މީގެ ކުރިން ވެސް ހަމަ އެދާއިރާއިން މަޖިލިހުގެ ގޮނޑިއަށް ވާދަކުރައްވަވާ ވަނީ ނާކާމިޔާބުވެ ލައްވަވާފައެވެ.