English Edition
Dhivehi Edition

ރައްކާތެެރިގޮތުގައި ގަސް ބޭނުންކުރާނެ ގޮތާއި ރަނގަޅު ގޮތުގައި ގޯތި ތެރޭގައި ގަސް އިންދުމާއި ބެހޭ ވޯކްޝޮޕެއް މީދޫގައި ފަށައިފިއެވެ.

މީދޫ އެކުވެރިންގެ ޗޭނު ޖަމިއްޔާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި 30 މީހުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ގިނައިން ތިބީ އަންހެނުންނެވެ. މި ވޯކްޝޮޕްގައި ކިޔަވައިދެއްވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގެ އޮފިސަރ އަބްދުއް ލަތީފެވެ. 5 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕް ބާއްވަނީ މީދޫ ޝަމްސުއްދީން ސްކޫލްގައެވެ.

މި ވޯކްޝޮޕްގައި ރައްކާތެރިގޮތުގައި ގަސް އިންދައި ބެލެހެއްޓުމާއި އަދި ގަހަށް ޖަހާ ބޭހުގެ ގޮތުގައި ބޭނުންކުރާ ކެމިކަލް އެކުލެވޭ ބާވަތްތައް ރައްކާތެރި ގޮތުގައި ބޭނުންކުރާނެ ގޮތާއި ގަސްގަހަށް ޖެހޭ ބަލިން ގަސް ސަލާމަތްކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.

މިއީ ޔޫއެންޑީޕީގެ ސްމޯލް ގްރާންޓް ޕްރޮގްރާމް ޕްރޮޖެކްޓްގެ ދަށުން ޗޭނު ޖަމިއްޔާއިން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. މި ޕްރޮޖެކްޓްގެ ފޭސް އެކެއްގައި ނަމޫނާ ފާމް އަދި ގަސްއިންދުމުގެ ޕްރޮގްރާމެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ފޭސް 2 ގައި 3 އެކްޓިވިޓީއެއް ހިމެނޭ އިރު މި ފޭސްގައި ނާސަރި ތައްޔާރުކުރުމާއި ގަސް އިންދުމާ ބެހޭ ތަމްރީން ދިނުމުގެ ވޯކްޝޮޕެއް ކުރިއަށް ގެންދިއުމާއި ދާއިމީ ގޮތަށް ގަސް ލިބޭނެ ގޮތް ހެދުން ހިމެނެއެވެ.

ޗޭނު ޖަމިއްޔާގެ ރައީސާ ޝައްފާފް ވިދާޅުވީ މި ޕްރޮޖެކްޓް ގެ ހުރިހާ މަސައްކަތެއް ކާމިޔާބު ކަމާއެކީ ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ގެންދާ ތަމްރީން ޕްރޮގްރާމަކީ ޕްރޮޖެކްޓްގެ އެންމެ ފަހު ހަރަކާތް ކަމަށެވެ. އަދި މީދޫ އަކީ ދަނޑުވެރިކަން ކުރުމަށް މަޝްހޫރު ތަނަކަށް ވާއިރު މިފަދަ ތަމްރީން ޕްރޮގްރާމުގެ ސަބަބުން ދަނޑުވެރިކަމުގެ މަސައްކަތަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ހަމަ އެއާއެކު މީދޫގެ ގިނަ އަންހެނުންނަކީ ގޭގައި ގަސް އިންދާ އަދި އެ ގަސްތައް ވިއްކައިގެން އާމްދަނީ ހޯދާ ބަޔަކަށް ވާއިރު ރަނގަޅު ގޮތުގަިއ ގަސް އިންދުމާ ބެހޭ ގޮތުން މައުލޫމާތު ލިބިގެން ދިއުމަކީ މުހިއްމު ކަމެއް ކަމަށް ޝައްފާފު ވިދާޅުވިއެވެ.

މީދޫ އެކުވެރިންގެ ޗޭނުން މީދޫގެ ދަނޑުވެރިކަން ކުރިއެރުވުމަށް މީގެ ކުރިންވެސް މިފަދަ ގިނަ މަސައްކަތް ކޮަށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.