(ލިޔުނީ: ފާތިމަތު ޒަނަން- ފޭދޫ ސްކޫލް)
އާއްމުކޮށް ގޭގޭގައި ހައްދާ ޑައިފެންބެކިއާ ގަހަކީ ނުރައްކާތެރި،ވިހަގަދަ އެއްޗެއްގެ ގޮތުގައި މީސްމީޑިއާގައި ވަނީ މައުލޫމާތު ފެތުރިފައެވެ. މިގޮތުން ހައުސް އެންޑް ފެމިލީ ޓިޕްސް ނަމަކަށް ކިޔާ ވެބްސައިޓުގައި މިކަމާ ގުޅޭ ލިޔުމެއްވަނީ ޝާއިއުކޮށް،ފަހުން ޑިލީޓް ކޮށްފައެވެ.
“އަހަރެންގެ ފިރިހެން ދަރިފުޅު މަރުވީ މި ގަހުގެ ސަބަބުން،މިކަން އެންމެންނަށް އެނގުން މުހިންމު،1 މިނެޓުން ކުޑަ ކުއްޖަކު އަދި 15 މިނެޓުން ބޮޑު މީހަކު މަރާލާ!!”މިމައުޟޫއަށް ލިޔެފައިވެއެވެ.
“ވަރަށް ސަމާލުކަމާއެކު ކިޔާށެވެ. އަހަރެންގެ ފިރިހެން ކުއްޖާ މަރުވީއަނގައިގެ ތެރެއަށް ފަތެއް ލެއްވުމުން ނޭވާލާން އުނދަގޫ ވާވަރަށް ދުލާއި އަނގަ ދުޅަވުމުންނެވެ. މިގަހަކީ ގިނަ ގޭގޭގައްޔާއި އޮފީސްތަކުގައި ވަރަށް އާއްމު އެއްޗެކެވެ. މިއީ ވަރަށް ވިހަގަދަ ނުރައްކާތެރި އެއްޗެއް ކަމުން 1 މިނެޓުން ކުޑަ ކުއްޖަކު އަދި 15 މިނެޓުން ބޮޑު މީހަކު މަރާލައެވެ.މީގައި އަތްލުމަށްފަހު ލޮލުގައި އަތް ނުލާތި،ދާއިމަށް ލޯ އަނދިރި ވެދާނެއެވެ.ރައްޓެހިންނާއި އާއިލާއަށް އިންޒާރު ދޭށެވެ.”މިފަދައިން އެލިޔުމުގެ ތަފްސީލުގައިވެއެވެ.
މިގަހުގެ ނުރައްކަލާމެދު ދިރާސާކުރި ޔުނިވާސިޓީ އޮފް ޕިޓްސްބާގް މެޑިކަލް ސެންޓަރުގައި މަސައްކަތް ކުރައްވާ ޕްރޮފެސަރ އެޑް ކްރެންޒެލޮކް ވެސް މިލިޔުމަށް ފާޑުވިދާޅުވެއެވެ.
“އަހަރެން މިބާވަތުގެ ގަސްތަކާ ބެހޭގޮތުން ވަރަށް ގިނަ ދިރާސާތައް ކުރިން، ނަމަވެސް ދުވަހަކުވެސް ޑައިފެންބެކިއާ އަދި އެބާވަތުގެ އެހެން ގަހަކުންވެސް މަރުގެ ހާދިސާއެއް ތަޖުރިބާއެއް ނުކުރަމެވެ. ” ޕްރޮފެސަރ އެޑް ކްރެންޒެލޮކް “ސްނޯޕް ޑޯޓް ކޮމް” އަށް ދިން ބަސްދީ ގަތުމެއްގައި ވިދާޅުވިއެވެ.
ޑައިފެންބެކިއާ ގެ ސެލްތަކުގައި ކުޑަ “މައިކްރޮސްކޯޕިކް” ކަށި ތަކެއް ވެއެވެ. “މައިކްރޮސްކޯޕިކް” ބޯޅައެއް ފަދަ އެއްޗެއްގެ ތެރޭގައި ހުންނަ މިކަށިތަކަކީ ވަރަށް ތޫނު ބިއްލޫރި ފަދަ އެއްޗެކެވެ. މިކަށިތަކަށް ކިޔާ ނަމަކީ “ރެފައިޑް”އެވެ. “ރެފައިޑް” އުފެދެން މެދުވެރިވާ ސަބަބަކީ ގަހަށް ލިބޭ ކެލްސިއަމް އޮކްސޮލޭޓް ގިނަވުމުންނެވެ. ޑައިފެންބެކިއާ ގަހުގައި އަތްލުމަކުން އަދި އަތުގައި އުނގުޅުމަކުން، އެފަތް ހަލާކުވެ މައިކްރޮސްކޯޕިކް ބޯޅަތައް ހަލާކު ނުވާހާހިނދަކު އެއްވެސް ކަމެއް ނުވާނެއެވެ. ރެފައިޑަކީ ވަރަށް ގިނަގަސް ގަހުގައި އެކި މިންވަރަށް ހުންނަ އެއްޗެކެވެ. މިގޮތުން 200 އަށް ވުރެ ގިނަ ނަސްލުގެ ގަހުގައި މިމާއްދާ ހުރެއެވެ. އަލަނާސި، އަލަ، އެސްޕެރަގަސް، ލީކްސް، ބްލެކް ޗެރީ އަދި ކައްޓަލަ ފަދަ ކެއުމަށް ބޭނުންކުރާ ވަރަށްގިނަ ބާވަތްތަކުގައިވެސް މިމާއްދާހުރެއެވެ.
އެމެރިކާގެ ފިލަޑެލްފިޔާގެ ކުޑަކުދިންގެ ހޮސްޕިޓަލުން ހާމަ ކޮށްފައިވާ ގޮތުގައި ކެލްސިއަމް އޮކްސޮލޭޓްގެ ސަބަބުން އިންސާނުންނަށް ނުރައްކާވަނީ އެ ވިހައަކަށް ވެގެނެއްނޫނެވެ. ނަމަވެސް ރެފައިޑް ގެ ސަބަބުން ހިރުވާތީއެވެ. އަދި މިފަދަމާއްދާއެއް މީހަކަށް ނުވަތަ ކުއްޖަކަށް ގެއްލުމެއް ލިބޭމިންވަރަށް ކެވި، ލޮލުގައި އުނގުޅުމުގެ ފުރުސަތު ވަރަށް ކުޑަކަމަށެވެ. ސަބަބަކީ އަނގަ ހިރުވާއެޗެއް ގިނައަދަދަކަށް ކާނެ ކުޑަކުއްޖަކު ނުވަތަ މޮޔަމީހަކުވެސް ނުހުންނާނެތީއެވެ.
ޕްރޮފެސަރ ކްރެންޒެލޮކް ވިދާޅުވެފައިވަނީ ޑައިފެންބެކިއާގެ އަސަރު ކޮށްފައިވާ މީހުން ވަރަށް އާއްމުކޮށް ފެންނަ ކަމަށާއި، މިބާވަތުގެ ހިރުވާހިރުވުމަކީ އެމެރިކާގެ ޕޮއިޒަން ކޮންޓްރޯލް ސެންޓަރ ގައި ދެވަނައަށް އެންމެ ގިނައިން ފަރުވާދެވޭ އެއް ބައްޔެވެ. އަދި އެސެންޓަރުން ފާހަގަ ކުރެއްވި ގޮތުގައި ފަރުވާއަކަށް ބޭނުންކުރަނީ ކިރު ނުވަތަ ފެނެވެ. އެއީ އެވަގުތަކަށް ހިރުވުން ކަނޑުވާލުމަށެވެ. ހަމައެހެންމެ އެންމެ ގިނައިން ފަރުވާ ދެވެނީ ކުޑަކުދިންނަށެވެ. ނަމަވެސް ދާއިމީ ގެއްލުމެއް ނުވަތަ ދާއިމަށް ފަރުވާ ކުރަންޖެހޭ ފަދަ ކަމެއް މިކަމުގެ ސަބަބުން މެދުވެރިވެފައި ނުވާކަމަށް އެސެންޓަރާއި ހަވާލާދީ “ސްނޯޕް ޑޯޓް ކޮމް”އިން ހާމަކޮށް ފައިވެއެވެ.
މި ގަހާބެހޭ ދޮގު މައުލޫމާތު އެކުލެވޭ ތަފާތު ވީޑިއޯތަކެއް ޔޫޓުބުގައި ވެސް ވަނީ ދައުރުވެފައެވެ. ނަމަވެސް މި ވީޑިއޯތައް މިހާރުވަނީ އެވެބްސައިޓުން ޑިލީޓު ކޮށްފައެވެ. އެހެނަސް އަމިއްލަ ފަރާތްތަކުން ހިންގާ ބައެއް ވެބްސައިޓް ތަކުގައި މިވާހަކަތަށް އަދިވެސް ހުރިކަން ފާހަގަ ކުރެވެއެވެ
ޑައިފެންބެކިއާ އަކީ ނުރައްކާތެރި ވިހަގަދަ އެއްޗެއްގެ ގޮތުގައި ބުނެ ފަތުރާފައިވަނީ ދޮގު ވާހަކައެކެވެ. މިއީ މީސްމީޑިއާ ބޭނުންކޮށްގެން ގިނަބަޔަކު “ގުނބޯ” ހެއްދި ވާހަކައެއްކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. މި ލިޔުން ލިޔުމަށް އަޅުގަނޑުކުރި ދިރާސާގެ ތެރެއިން މައުލޫމާތު ހޯދުމަށް ސުވާލު ކުރި މީހުންގެ 98 އިންސަތަ މީހުން މިވާހަކަ ގަބޫލުކޮށް ފައި ވާކަމީ މީސްމީޑިއާގެ ނުފޫޒު ދިވެހިންގެ މެދުގައި ބޮޑުކަން ހާމަވިކަމެކެވެ. އަދި ޝައްކުކުރުމެއްނެތި ބައެއްކަލަ ވާހަކަތައް ގަބޫލުކުރެވޭ ކަމުގެ މިސާލެކެވެ. އެހެންކަމުން މީސްމީޑިއާ ބޭނުންކުރުމާއި މައުލޫމާތު ފެތުރުމުގައި އިތުރަށް ސަމާލުވުމަށް އަޅުގަނޑު ނަސޭހަތްތެރި ވަމެވެ.
ނޯޓް: މިގަހަށް ދިވެހިން ބަހުން ކިޔާ ‘ސީދާނަމެއް’ އަޅުގަނޑަށް ވަނީ ނުހޯދިއެވެ. ބައެއް ފަރާތްތަކުން މިގަހަށް “އަބަދަށް ފެހިގަސް” ކިޔައެވެ. އައްޑޫ މީހުން މިގަހަށް ކިޔަނީ “ކެޅާ” ނުވަތަ “ލައްޖެހި ކެޅަ” އެވެ.