ލާމަރުކަޒީ ނިޒާމަށް ގެންނަން ވާ އިސްލާހު ތަކާ މެދު ރައްޔިތުންގެ ޚިޔާލާ މަޝްވަރާ ހޯދުމަށް ބާއްވާ ބައްދަލުވުންތައް އައްޑޫގައި ފަށައިފިއެވެ.
އައްޑޫސިޓީ ކައުންސިލާއި ޓްރާސްޕޭރެންސީ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދާ މި ބައްދަލުވުން ތަކުގައި މިއަދު ހެނދުނު ވަނީ ހުޅުމީދޫގެ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދާފައެވެ.
މި ބައްދަލުވުންތަކުގެ ސިލްސިލާގެ 2 ވަނަ ބައްދަލުވުން ބޭއްވުމަށް ހަމަޖައްސާފައި އޮތީ މިރޭ 9:00 ގައި ޝަރަފުއްދީން ސްކޫލުގައެވެ.
ޚިޔާލު ހޯދުމުގެ މި ބައްދަލުވުން ތަކުގައި މައިގަނޑު 4 ދާއިރާއަކަށް ބިނާކޮށް ވަނީ ސުވާލު ތައްޔާރުކޮށްފައެވެ. އެގޮތުން މާލޭ ސަރުކާރަށް މާލީ ގޮތުންނާއި ނިންމުންތައް ނިންމުމުގައްޔާއި ވަސީލަތްތައް ހޯދަން ޖެހުމުގައި ބަރޯސާ ވާން ޖެހުމާއި މާލީ ގޮތުން ލާމަރުކަޒުކޮށް މުޖުތަމައު ފެންވަރުގައި ކަންކަން ނިންމުމުގެ އިޚްތިޔާރު ކައުންސިލްތަކަށް ދިނުމަކީ މި މައްސަލައަށް އޮތް ހައްލެއްތޯ ވަނީ ބައިވެރިންނަށް ހުށަހަޅާފައެވެ. ހަމަ އެއާއެކު މާލޭ ސަރުކާރަށް ބަރޯސާ ނުވެ ވަސީލަތް ހޯދުމާއި ކައުުންސިލްގެ ސަރަހައްދުގައިވާ ވަސީލަތްތައް ބަލަހައްޓާ، އެ ވަސީލަތްތަކުން ދެމެހެއްޓެނިވި ގޮތެއްގައި ފައިސާ އުފެއްދުމުގެ ފުރުސަތު ކައުންސިލަށް ދިނުމަކީ މައްސަލައަށް އޮތް ހައްލެއްތޯ ވެސް މި ބައްދަލުވުމުގައި ވަނީ ބައިވެރިންގެ މެދުގައި ޚިޔާލު ބަދަލުކޮށްފައެވެ.
މީގެ އިތުރުން މުޖުތަމައުގެ ކަންކަމުގައި ރައްޔިތުންގެ ބައިވެރިވެރިވުން އިތުރު ކުރުމުގެ ދާާއިރާގައި ސިޔާސީ ބައިބައިވުން އިތުރު ކުރުމުގެ ގޮތުން ސިޔާސީ ޕާޓީ ތަކުން ކައުންސިލަށް ކުރިމަތި ނުލެވޭ ގޮތަށް ހެދުމާއި ކައުންސިލުން އިސްނަގައިގެން ކައުންސިލްގެ ހުރިހާ މާލ ހަރަކާތްތަކުގެ މައުލޫމާތު ހިއްސާ ކުރުމާ މެދު ވެސް ވަނީ ވާހަކަ ދައްކާފައެވެ.
ހަމަ މިއާއެކު މުޖުތަމައުގައި އަންހެނުންގެ ރޯލު ފުޅާކޮށް އަންހެނުންނަށް ބާރުތައް ލިބިދިނުމުގެ ގޮތުން ކައުންސިލްގެ ގޮނޑިތަކުގެ ތެރެއިން ވަކި މިންވަރެއް އަންހެނުންނަށް ލިބޭ ގޮތް ހެދުމާއި އަންހެނުންގެ ކޮމެޓީގެ ރައީސާއަކީ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހަމަޖެއްސުމާ މެދު ވެސް ވަނީ މަޝްވަރާކޮށް ޚިޔާލު ހުށަހަޅާފައެވެ.
ހަތަރުވަނަ މައްސަލައެއްގެ ގޮތުގައި ކައުންސިލް ނިޒާމުގައި ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުގެ ތަމްސީލު ވާން ދަތިވުން ހިމެނެއެވެ. އެގޮތުން މާލޭގައި ރައްވެހިވެ އުޅޭ އައްޑޫއަށް އުފަން ދިވެހިން ވޯޓުލާންވީ އައްޑޫސިޓީ ކައުންސިލަށްތޯ ނުވަތަ މާލޭ ސިޓީ ކައުންސިލަށްތޯ ވެސް ވަނީ ސުވާލުކޮށް ޚިޔާލު ބަދަލުކޮށްފައެވެ.
ޓްރާސްޕޭރެންސީ އިން ބުނީ މި ބައްދަލުވުން ތަކުން ލިބޭ ޚިޔާލުތައް ސަރުކާރަށް ހުށަހަޅާނެ ކަމަށާއި ގަވާއިދު އިސްލާހު ކުރުމުގައި ރައްޔިތުންގެ ޚިޔާލުތަކަށް އިޙްތިރާމު ކުރާނެ ކަމަށެވެ.