English Edition
Dhivehi Edition
08 ފެބުރުވަރީ 2021: އޮންލައިން ނޫސްވެރިންގެ ބައްދަލުވުމުގައި ރަށްވެހި ފަތިސް ކެމްޕެއިންގެ ސްޕޯސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވާހަކަދައްކަވަނީ -

އައު ކައުންސިލެއް އިންތިޚާބު ނުކުރެވި ލާމަރުކަޒީ ނިޒާމު ފްރީޒްވެފައި އޮތުން ދެކެން އެމްޑީޕީއަށް ކުޅަދާނައެއް ނޫން ކަމުގައި ރަށްވެހި ފަތިސް ކެމްޕެއިންގެ ސްޕޯސްޕާރސަން މުޙައްމަދު ސައިފް ފާތިޙް ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފާތިޙް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، ދިވެހި ރައްޔިތުންގެ ސަލާމަތާއި، ރައްކާތެރިކަމަށްޓަކައި ފަސްކުރަން ޖެހުމާއެކު، އައު ލާމަރުކަޒީ ނިޒާމު ގެނެސްދިން ގިނަ ބާރާއި، ބޮޑެތި އިޚްތިޔާރުތައް ބޭނުން ނުހިފޭ ގޮތަށް، ކައުންސިލްތަކުގެ ދައުރު ދަންމާލަން ޖެހުނު ކަމަށެވެ.

އެކަމުގެ ސަބަބުން ރައްޔިތުންގެ ސީދާ ބަހުގެ މައްޗަށް ހިންގަން އޮތް ލާމަރުކަޒީ ނިޒާމަށް މި ވަނީ ހުއްޓުން އަރާފައިކަމަށާއި، އައު ކައުންސިލެއް އިންތިޚާބު ނުކުރެވި ލާމަރުކަޒީ ނިޒާމު ފްރީޒްވެފައި އޮންނަން މަޖުބޫރުވާ ވުން ދެކެން އެމްޑީޕީ އަށް ކުޅަދާނަ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަރުކަޒީ ސަރުކާރުގެ އަތްދަށުން ބާރުތައް ވީއްލައި، ލާމަރުކަޒު ކުރުމުގެ ހުވަފެނަކީ ދިވެހިރައްޔިތުންގެ ޙައްޤުގައި އެމްޑީޕީން ދުށް ހުވެފެނެއް ކަމުގައި ވާހިނދު، ލާމަރުކަޒީ ނިޒާމު ފްރީޒްކޮށްފައި އޮންނަ އޮތުން ނިމުމަކަށް ގެނެސް، މާތްﷲގެ ރަޙްމަތްފުޅާއެކު، އޭޕްރިލް 10 ވާ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލާން ދިވެހިން ނުކުންނާނީ ވެކްސިން ޖަހާ، ރަނގަޅަށް ސަލާމަތީ ފިޔަވަޅު އަޅައިގެން، ދުޅަހެޔޮކަމާއި، އުފަލުގައި ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ފާތިޙް ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާރޕަރސަން، އަލްއުސްތާޛް ޙަސަން ލަތީފު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހަށް “މާލޭގައި ޒުވާނުންނަށް ފަސޭހަކަމާއެކު މިއުޒިކް އަޑު އަހާލައި، ހާސްކަމުން ބޭރުގައި އުފާވެރި މާޙައުލެއްގައި ހީނ ސަމާސާކޮށް، މަޖާކޮށްލައި، އެއްވެ ތިބެވޭނެފަދަ މަރުކަޒެއް ޤާއިމުކުރުމަށް ސަރުކާރަށް ގޮވައިލާ ޤަރާރު” ހުށަހަޅުއްވާފައެވެ.

އެ ޤަރާރަށް ޢިޝާރާތްކުރައްވާ ޕްރެސް ކޮންފަރަންސްގައި ވާހަކަދައްކަވަމުން ފާތިޙް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ތިލަފަތަށް ވޯޓު ދެއްވާއިރު، އެ ވޯޓުދެއްވެނީ ކުޅިވަރާއި، މުނިފޫހިފިލުވުމާއި، ހުނަރާއި، ފުނަރުން ކުރިއަރައިދާ އުފެއްދުންތެރި، ޒުވާން ޖީލެއް ބިނާކުރުމަށް ބޭނުންވާ ޖާގަ ތަނަވަސްކުރުމަށް ކަމަށެވެ.

އަދި ޒުވާނުންނަށް މިއުޒިކު ކުޅެ، އަޑުއެހޭނެ ޖާގަތަކެއް ނެތްކަމާއި، މިއުޒިކީ ފަންނުގައި ކުރިއަށްދިއުމަށް ބޭނުންވާ ތަމްރީނާއި، ތަޢުލީމު ފުރުސަތު އަދި ރެކޯޑިންގް ސްޓޫޑިއޯ، ޕްރެކްޓިސް ރޫމްފަދަ ވަސީލަތްތައް ނެތް މައްސަލަ ޙައްލުކުރުމުގެ ބޮޑު ދައުރަކާއި، އިޚްތިޔާރުތަކެއް ލިބިގެންވަނީ ލޯކަލް ކައުންސިލުތަކަށް ކަމަށް ވާހިނދު، ރައްޔިތުންގެ ވޯޓް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ދެއްވާނެކަން ޔަޤީންކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިމެއެވެ.

ފާތިޙް އިތުރަށް ވިދާޅުވީ ފަންނާނުންގެ ބޭނުންތައް ދަނެގަނެ، އެބައިމީހުންގެ މަސައްކަތަށް ކަންފަހިކުރުމަކީ ދައުލަތުގެ ޒިންމާއެއްކަމަށް އެމްޑީޕީން ޤަބޫލުކުރާކަމަށެވެ.

އެގޮތުން އައު ލާމަރުކަޒީ ނިޒާމު ތަރުތީބުވެފައިވާ ގޮތުން މުނިއުފާ ފިލުވުމާއި، ކަސްރަތާއި، ދުޅަހެޔޮކަމާ ގުޅުންހުރި ކިތަންމެ ކަމެއް ހަމަޖެއްސުމުގެ ނުހަނު ބޮޑު ދައުރަކާއި، އިޚްތިޔާރުތަކެއް ކައުންސިލުތަކަށް ލިބިދެވޭކަމަށްޓަކައި، ރައްޔިތުންގެ ވޯޓް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ދެއްވާނެކަން ޔަޤީން ކުރައްވާ ކަމަށްވެސް ފާތިޙް ވިދާޅުވިމެއެވެ.