English Edition
Dhivehi Edition

ކައުންސިލްތަކަށް ބާރުތައް ލިބި މިނިވަންކަން ލިބުމަކުން ނުފުދޭ ކަމަށާއި އެބާރުތަކާއި މިނިވަންކަން ބޭނުންކުރަން ޖެހޭނީ ޒިންމާދާރުކަމާއެކު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ސަރުކާރުން ފަށާފައިވާ “ޖަޒީރާ ހޮޅުއަށި” ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައެވެ.

“ލާމަރުކަޒީ މަގަށް ރާއްޖެ” މިނަމުގައި ރޭ ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައްޔިތުންގެ ފަރާތުން އިވުނު އެންމެ މުހިންމު އަޑަކީ ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ ވާހަކަ ކަމަށެވެ. ސަރުކާރުގެ ސިޔާސަތުތައް ރާވަމުންދާއިރު ރައްޔިތުންގެ ޚިޔާލާއި އަޑު އެހުމުގެ ވާހަކަ ކަމަށެވެ. އެހެންކަމުން ސަރުކާރުން މަސައްކަތް ކުރަމުންދަނީ އެގޮތުގެ މަތިން ކަމަށް ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ފާހަގަކުރައްވާފައެވެ. މިވައުދު ފުއްދުމަށް ގާނޫނަށް ރައްޔިތުން ގެންނަން ބޭނުންވާ އިސްލާހުތައް ވަރަށް މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކައުންސިލްތަކަށް ގާނޫނީ ބާރު ވީހާވެސް ބޮޑަށް ދޭން ސަރުކާރުން ބޭނުންވާ ކަމަށާއި ގާނޫނީ ބާރު ލިބުނަސް އޭގެ ޒާތުގައި ކައުންސިލްތަކުން މަސައްކަތް ކުރާ ތަނެއް ނުފެންނަ ކަމަށެވެ. އެއާއެކު ކައުންސިލްތަކަށް މާލީ ބާރުވެރިކަން ވެސް ލިބެންޖެހޭކަން ފާހަގަކުރައްވަވާ ރައީސް ވިދާޅުވީ އެކަންތައް ކުރާނެ ގޮތަކާމެދު ރައްޔިތުންގެ ޚިޔާލު ބޭނުންވާ ކަމަށެވެ. އެގޮތުން ރައްޔިތުންގެ ޚިޔާލު ލިބުމާއެކު ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“ކައުންސިލްތަކަށް ބާރުތައް ދޫކޮށްލުމުން ޒިންމާ އުފުލަންވާނެ. ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ޒިންމާދާރު ވާންވާނެ. ކައުންސިލްތަކަށް ދޭ ފައިސާއަކީ ރައްޔިތުން ދައުލަަތަށް ދައްކާ ފައިސާ. އެބޭނުންކުރެވެން ވާނީ ޒިންމާދާރުކަމާއެކު. އެކައުންޓެބިލިޓީ ވަރަށް މުހިންމު. މިކަމުގައި ބައެއް ކައުންސިލްތައް ވަރަށް ރަގަޅު. އެކަމަކު އަނެއްބައި ކައުންސިލްތައް އެހާ ރަގަޅެއް ނޫން” ރައީސް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހުކުރުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ބައްދަލުވުންތައް ބާއްވާފައެވެ. މިބައްދަލުވުންތައް ބޭއްވިފައިވަނީ ހދ.ކުޅުދުއްފުއްޓާއި، ށ.ފުނަދޫއާއި، ރ.އަލިފުއްޓާއި، ކ.ގާފަރާއި، އައްޑޫ ސިޓީގައެވެ. ރައީސް ވިދާޅުވީ އެބައްދަލުވުންތަކުން ވަރަށް ރަގަޅު ޚިޔާލުތައް ލިބިފައިވާ ކަމަށާއި އަދި ރޭގެ ބައްދަލުވުމަކީ މީގެ ފަހު ބައްދަލުވުން ކަމަށެވެ.