ކުރުވާހަކަ: ސިއްރަކީ ލޯބި
8 މަސް ކުރިން
ހަސަން ނަޖުމީ

“އުޅެ އުޅެފަ ދުވަހަކުވެސް ދުރަށް ނުދައްޗޭ.” އަހަރެން މިހެން ބުނީ ނިމާންއާ ވަކީން ނޫޅެވޭހާ ބޮޑަށް  އޭނާދެކެ އަހންނަށް ލޯބިވެވިފައިވާތީއެވެ.

“މި ދުނިޔެ އޮތްހާ ދުވަހަކު، އިރާހަނދު ވާހާ ދުވަހަކު،  އަހަރެން ދިރި ހުރިހާ ހިނދަކު ސިނާއާ އަހަރެން ވައްކެއް ނުވާނަށް.”

Advt

Advertisement

މި ވާހަކަ ކޮޅު އިތުރަށް ކުރިޔަށް ނުދިޔައީ އަހަރެމެން ދެމީހުން އެކަކު އަނެކެއްގެ ތުންފަތުގެ ހަރަކާތް ހުއްޓުވާލީމައެވެ.

ކިތަންމެ ސިއްރުން ނަމަވެސް އަހަރެމެންގެ ބައްދަލުވުން މެދު ކެނޑުނަ ނުދެމެވެ. އެއީ އަހަރެމެންގެ ދިރިހުރުމުގެ ސިއްރަކީ މިލޯބި ކަމަށްވާތީއެވެ.

އަހަރެމެންގެ ލޯބި ސިއްރު ކުރަން ޖެހިފައިވަނީ އަހަރެންގެ މަންމައަށެވެ. އަހަރެން ނޫން އެހެން ދަރިއެއް މަންމަގެ ނެތެވެ. އަހަރެންގެ ވެސް މަންމަ ނޫނީ އެކަކުވެސް ނެތެވެ. ބައްޕަ އުމުރުން އެންމެ ފަހަރުވެސް ފެނިފައެއްނެތެވެ. މަންމަ ބުނާގޮތުން އެއީ ބޭރު ބޯޓުތަކުގައި ދަތުރު ކުރަން އުޅުނު މީހެކެވެ. ފަހުން ޚަބަރެއް ނުވީއެވެ. އަހަރެން އެންމެ ހިތާމަކުރާ ކަމަކީ ބައްޕަ ދުނިޔޭގައި ހުރިކަން ނުވަތަ ނެތްކަންވެސް އެނގެން ނެތީމައެވެ. މަންމަ ބުނާގޮތުން އެއީ މިހާ ފަސޭހައިން ގުޅުން ގާއިމުވެފައިވާ ޒަމާނެއް ނޫންކަމެވެ.

“އޭރަކު ނުހުރޭ އެފްބީއެއް، މެސެންޖަރެއް. ސްކައިޕެއް” އެހާވަރުން މަންމަގެ ޖަވާބު ކުރުކޮށްލައެވެ.

ނިމާންއާ އަހަރެންނަކަށް މުޅި އުމުރަކު ސިއްރަކުން މިގުޅުމެއް ކުރިޔަކަށް ނުދެވޭނެއެވެ. އަހަރެމެންނަށް މިގުޅުމާ ނުލާ ދުނިޔޭގައި އުޅެވޭކަށް ނެތެވެ. އެހެންކަމުން އެންމެ ފަހުން މަންމަގެ ގާތު މިވާހަކަ ކޮންމެވެސް ގޮތަކަށް ދައްކަން އަހަރެން ނިންމީމެވެ.

އަހަރެން ނިންމީ މަންމަ ގޮވައިގެން ކެއުމަކަށް ދިއުމަށެވެ. އަދި އެ ކެއުމަށް ނިމާންއަށް ވެސް ދައުވަތު ދިނުމަށެވެ. މިއީ ރަނގަޅު ޚިޔާލެއް ކަމަށް ނިމާންވެސް އެއްބަސްވިއެވެ.

އަހަރެމެން ދިޔައީ ޑޮލްފިންއަށެވެ. ލޮނުޒިޔާރަތްކޮޅުގެ މޫދާ އެހާ ކައިރިވީމާ ހިތްގައިމު ފިނިވައިރޯޅި ޖެހެމުން އައެވެ. އެއީ އިރު އޮއްސި 7 ޖެހި ވަގުތެވެ. ނިމާން އަށް އަހަރެން އިންތިޒާރު ކުރަމުން ދިޔަ ވަގުތު އަހަރެންގެ ނިތްކުރިން ދާތިކި ފޭދިފައިވާތަން މަންމައަށް ފެނުނެވެ.

“އަހަރެން ސިނާގެ ގާތު ވާހަކައެއް ބުނަން ހިތުލައިގެން ހުންނަތާ ދުވަސްކޮޅެއްވެއްޖެ.” މަންމަ އަހަރެން ހާސްކަން ކެނޑުވުމަށް ވާހަކައެއް ދައްކަން އުޅުނެވެ. “އެއީ ވަރަށް އުފާވެރި ވާހަކައެއް.” މަންމަ ހިނިތުންވެލިއެވެ.

އާދައިގެ ގޮތެއްގައި މަންމަ ހިނިތުންވާތަން ފެންނާނީ މަދުފަހަރަކު އެވެ. އެއީ ވެސް ވަރަށް ބޮޑު އުފާވެރި ކަމެއް ކުރިމަތި ވެގެންނެވެ.

“ދަރިފުޅަށް އެނގޭތަ ރިލުވާނު. ހެންވޭރު ރަސްމު؟”

“އޭނާގެ ފިހާރަ ދަންނަން.”

“ފިހާރަ އެކަންޏެއް ނޫނޭ. އޭނާގެ ރިސޯޓެއްވެސް މިހާރު އެބައޮތް.”

މަންމަ ވާހަކަ ކުރިޔަށް ގެންދަން ފެށިއެވެ.
“ދަރިފުޅާ އޭނާ ގަޔާވާކަން މަންމައަށް އަންގައިފި.”

އެއީ ނިމާން އައިސް މައްޗަށް އެރި ވަގުތުވެސްމެއެވެ. މަންމަގެ އެވާހަކަ އިތުރަށް އަޑުއަހަން އަހަރެން ބޭނުމެއްނުވިއެވެ.

“އަހަރެންގެ ރައްޓެއްސެއް އަންނާނެޔޭ މަންމަ ގާތު ބުނީމެއްނު.”

“ކޮބާ އޭނަ.”

“މިއަންނަނީ.” މަންމަ ބަލާލިގޮތުންވެސް ކަންތައް ގޯސްވެއްޖެކަން އެނގުނެވެ.

އޭނާ މަޑުމަޑުން އައިސް އަހަންނާ ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. “މީ ނިމާން.” އަހަރެން ހާސް ނުވާކަން ދެއްކުމަށް މަސައްކަތް ކުރީމެވެ. “ނިމާން. މީ މަންމަ.”

ވެއިޓަރު ސަޔާއި ހެދިކާ ގެނެސް ބަހަށްޓާފައި ދިޔަފަހުން މިމޭޒު ހަމަ ހިމޭން ވެއްޖެއެވެ. މަންމަގެ ކުރިމަތީގައި ވާހަކައެއް ދައްކާނެ ހިތްވަރެއް ނިމާންގެ ކިބަޔަކު  ނެތެވެ. ސައި ބޮއި ނިމެންދެން ނިމާންއާއި އަހަރެމެން ވާހަކަދެއްކީ އެކަކު އަނެކެއްގެ މޫނުމައްޗަށް ގެނެވޭ ޖަޒްބާތީ ހަރަކާތްތަކުންނެވެ.

“އެއީ އަހަރެން ދާހިތް ނުވެފަ ހުރި ސަބަބަކީވެސް. “ ނިމާންއާ ފަހުން ބައްދަލުވުމުން ބުންޏެވެ. “މަންމަ ނުރުހޭނެކަން އެނގޭ.”

“މަންމަ އެހާ ބޮޑަށް ރުޅިއައީ ތީ ކޮން އަތޮޅެއްގެ ކުއްޖެއްކަން އެނގުމުން.”

“އައްޑޫ ވެއްޖެއްޔާ ވަރަށް ގިނަ މައިންބަފައިން ނުރުހޭނެ.” ނިމާން ބުންނެވެ. “އެއީ ކީއްވެ ކަމެއްވެސް ނޭނގޭ.”

“މަންމަ އެކަން އޮޅުން ފިލުވައެއް ނުދިން. އެހިވަރަކަށް ރުޅިގަދަވަނީ. ދެން އެންމެ ފަހުން ބުނީ..”އަހަރެންނަށް ނިމާންގެ ކުރިމަތީގައި ރޮއިގަނެވުނު ފުރަތަމަ ފަހަރަކީ މިއެވެ. “ ތިޔަ ގުޅުން ކުރިޔަށް ގެންދާނަމަ މަންމަ މިދުނިޔެ ދޫކޮށްފައި ހިނގައިދާނަން.”

އަހަރެން ދެން ބެލީ ވީވަރަކުން ނިމާންއާ ގުޅުން ކުޑަކުރުމަށެވެ. އެގޮތަކީ އޭނާއާ ވަކިވުމަށް ހިތަށް އެރުވުމަކީވެސް އަހަންނަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ވަކި ނުވެ ހަދާނެ ގޮތެއް ވެސް ނެތެވެ. ބައްދަލުވެވެން އޮތް ހުރިހާ މަގެއް މަންމަ މިވަނީ މުޅީންހެން ބަންދުކޮށްލާފައެވެ.

ނިމާން އަހަންނަށް ގުޅި އަދަދު ބުނަންވެސް ނޭނގެއެވެ. އަހަރެން ފޯނު ނުގަގާތާނގައި ފޯން އޮފް ކޮށްލާކަށްވެސް ހިތެއް ނޭދެއެވެ. ނިމާންގެ ކޯލެއް މެސެޖެއް ނައިސް ކިރިޔާ ލަސްވެލިޔަސް އަހަރެންގެ ހިތަށް އެހާ ތަދުވެއެވެ. އެކަމަކު އެއިން އެއްވެސް ކޯލަކަށް މެސެޖަކަށް ޖަވާބެއް ދިނުމަކީ އަހަރެންނަށް މިއަދު ކުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ.

އަހަރެން އެންމެފަހުން ރައްޓެހީންނާ އެކު ބޭރުތެރެއަށް ދާން ފަށައިފީމެވެ. ނިމާން ގާތައް ނޫން ކޮންމެ ތަނަކަށް އަހަރެން ދިޔަޔަސް މަންމަގެ މައްސަލައެއް ނެތެވެ. އެއަތޮޅު ނޫންނަމަ ކޮންމެ މީހަކުވެސް މަންމައަށް ކަމުދެއެވެ.

އަހަރެންގެ ރައްޓެހީންނަކީ ޒަމާނީ ކުދީންތަކެވެ. ވީކެންޑުގައި ރިސޯޓްތަކަށް ދިއުމަކީ އެމީހުންގެ ހޮބީއެވެ. އަހަންނަށް ވެސް ފަހުންގޮސް އެކަންތައް މަޖާވެއްޖެއެވެ. ޑާންސްފްލޯރއަކީ އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދޭ މައިދާން ކަމަށް ހިމެނިއްޖެއެވެ.

ކުލަ އަލިތަކާއި މިއުޒިކްގެ ގަދަ   އޮއިވަރެއްގައި އަހަރެން ބެހިގެން ދާކަށް ލަހެއް ނުވިއެވެ. ނިމާންގެ ކޯލެއް މެސެޖެއްގެ އަޑު އިވޭތޯ ބެލުމުގެ ބޭނުން ކުޑަވާން ފަށައިފިއެވެ. މިއުޒިކްގެ ބީޓުތަކަށް ފައިހަމަ ކުރާ ޒުވާނުންގެ އަތުގެ ތެރޭގައި ބުމަރެއްހެން އެނބުރެވެން ފަށައިފިއެވެ. އަހަރެން ހައިރާންވީ މި އުފާވެރި މަންޒިލްގެ ހިތްގައިމު ކަމުގެ މަސްތުގައި ނިމާންގެ މަތީން އެންމެފަހުން އަހަރެން މުޅީން ހަނދާން ނެތިގެން ދިޔައިމައެވެ. އެއްގޮތަކަށްވެސް އޭނާ މިސްނުވާން ފެށީމައެވެ.

އެންމެފަހުން ޕެރެޑައިސް ރިސޯރޓްގެ ސާރފިން އިންސްޓްރަކްޓަރެއް އަހަރެންގެ ހިތް ކާމިޔާބު ކޮށްފިއެވެ. އަަހަރެން އޭނާގެ އަތުގެ ތެރޭގައި ފޮޅިފައިވާ ފިނިފެންމަލެއްގެ މަގާމަށް އަތުވެއްޖެއީމެވެ.

ނިމާންއާ އަހަރެންގެ ގުޅުން ކެނޑިގެން ދިޔުމުން މަންމަ ހުރީ އުފާވެފައެވެ. އަދި އަހަރެން ހާޝިމްގެ ކާވެންޏަށް މަންމަގެ ރުހުން ހޯދުމަށް އެދިއްޖެއީމެވެ.

ހާޝިމްއާ މަންމަ އެންމެ ފުރަތަމަވެސް ކުރި ސުވާލަކީ އޭނާއަކީ ކޮން އަތޮޅެއްގެ މީހެއްހޭ އެވެ. ހާޝިމްގެ ރަށަކީ ދިއްދޫކަން އެނގުމުން މަންމަ ހުރީ އުފާވެފައެވެ. އެހެންކަމުން އަހަރެމެންގެ ގުޅުން މަޑުމަޑުން ކާވެންޏަކާ ދިމާއަށް ދާން ފަށައިފިއެވެ.

އަހަރެންގެ ކާވެންޏަށް ވަގުތު ކުޑަތަން ވެފައިވަނިކޮށް ދެން އަހަންނަށް ދިމާވީ ހީވެސް ނުކޮށް ހުރި ކަމެކެވެ. އަހަރެންގެ ރައްޓެއްސަކު ގުޅާފައި ހާޝިމާ ބެހޭގޮތުން ދިން ޚަބަރަކީ އަހަރެންގެ މެޔަށް ހަރާލެވުނު ވިހަގަދަ ޚަންޖަރަކަށްވިއެވެ. އެއީ އަހަންނަށް ގަބޫލު ކުރެވޭނެ ޚަބަރަކަށް ނުވިއެވެ. ހާޝިމް އެހާ ކުއްލިއަކަށް އަހަރެން ދޫކޮށްލާނެޔެކޭ ކުޑަކޮށް ވެސް އަހަރެންގެ ހިތަކަށް ނާރައެވެ.  އެހެންވެ އަހަރެން ހާޝިމާ ބައްދަލު ކުރީމެވެ.

“އާން. އެއީ ތެދެއް. “އޭނާއަކަށް އެއްވެސް އަސަރަކާ ނުލާ ބުންޏެވެ. “ އެއްވެސް ގުޅުމަކީ އެއްތަނެއްގައި މޮހޮރުޖަހާ ހަރުކޮށްފައި ހުންނަން ޖެހޭ އެއްޗެއްތަ؟”
އޭނާގެ ބަސްތަކުގައި އެކުލެވުނީ މަލާމާތުގެ ރާގެކެވެ.
“ޖެހޭ ވައިރޯޅި އެއްތަނެއްގައި ހަރުލާފައި ހުރޭތަ؟”

ހަފަރާތުން އަނދިރިކަން އައިސް އަނެއްކާވެސް އަހަރެން  ވަށާލައިފިއެވެ.  އަހަރެން މުޅީން މާޔޫސްވެއްޖެއެވެ.  ހިތަކީ އިރުއިރުކޮޅާ ބިންމައްޗަށް ވައްޓައި ތަޅާލެވޭނެ ބިއްލޫރިގަނޑެއް ފަދަ އެއްޗެއް ހެއްޔެވެ؟ ބިއްލޫރިގަނޑެއް ވެސް ތެޅޭނީ އެއްފަހަރުއެވެ.  ވެއްޓި ދެފަޅި ވުމުން   އެއީ ނުތެޅި އޮންނަ ބިއްލޫރި ގަނޑަކަށް ނުވާނެއެވެ. އަހަރެންގެ ހިތް މިވީ ދެފަޅިއެއްވެސް ނޫނެވެ. ތެޅި ކުދިކުދިވީއެވެ. މުގުރި ހިމުން ވީއެވެ.

އަހަރެން ހަމަ ވަގުތުން ފާމަސީއަކަށް ގޮސް ފަސްޓް ރެސްޕޮންސް ކިޓެއް ހޯދައިފީމެވެ.  ނަތީޖާ  އެނގޭކަށްވެސް ލަހެއް ނުވިއެވެ.  އެކަން އެނގުމާއެކު ވަގުތުން މަންމަ ބިންމައްޗަށް ވެއްޓިއްޖެއެވެ.

މަންމަ އެޑްމިޓް ކުރުމުން އަހަރެންގެ ދުނިޔެ ހުއްޓުމަކަށް އަތުވެއްޖެއެވެ. އަހަންނާ ކުރިމަތިވި މާސިންގާ ބޮޑު މުސީބާތާ އަހަރެން އެކަނިމާއެކަނި ކުރިމަތިލާން ޖެހިއްޖެއެވެ. އަހަރެންގެ އަމިއްލަ ހާލުގެ މަތީން އަހަރެން ހަނދާން ނައްތާލައިފީމެވެ.

އަހަރެންގެ ހުރިހާ މީހަކީ އެއީ އެވެ. ބައްޕައެއް ނުވަތަ ތިމާގެ މީހަކު ހުރިކަމެއް އަހަންނަކަށް ނޭގެއެވެ. މަންމަ ހުރީތީ އަހަންނަށް ފުދުނެވެ. ފަހަރެއްގައިވެސް މަންމަ ބަލިވެ ހާލެއް ނެތިދާނެކަމުގެ ފިކުރެއް މީގެ ކުރީން އަހަންނަށް ކުރެވިފައެއް ނުވެއެވެ.

ޑޮކްޓަރ ބުނާގޮތުން މަންމައަށް ދިމާވީ ހިތްދަތިވުމާއި ޝޮކެއްގެ ހާލަތެކެވެ. އެކަމަށް މިވަގުތު ދެވެން އޮތް ފަރުވާއަކީ އަރާމުކުރުމެވެ. ފުންކޮށް ނިންދެވުމެވެ.   ޑޮކްޓަރ އިރުޝާދު ދިނީ އެއްގޮތަކަށްވެސް މަންމަ ހިތުގައި ނުޖެއްސުމަށެވެ. އެހެންނޫނީ މަންމަގެ ހާލު ސީރިއަސްވެ އަތްނުފޯރާ ހިސާބަކަށް ހިނގައިދާނެ ކަމަށެވެ.

އަހަރެން މަންމަގެ އެނދުގެ މަގަތުގައި ރެޔާދުވާލު ބަލަން އިނީމެވެ. މަންމައަށް ވަނީ އައިވީ ގުޅާފައެވެ. މަންމަގެ ކިބައިން ފެންނަހާވެސް ހަރަކާތަކީ ނޭވާލުން އެކަންޏެވެ. ލޯ ހުޅުވައި ވާހަކަ ދައްކާތަނެއް ނުފެނެއެވެ.

ޑޮކްޓަރގެ ފަރާތުން ލިބޭ ޖަވާބަކީ މަންމަގެ ހާލަތު ހަމަޔަކަށް އެޅުމުން ހޭލެވިދާނެ ކަމަށެވެ.

އަހަރެންގެ ފޯނުގެ ހިމޭންކަން އަނެއްކާވެސް ކެނޑިގެން ދިޔައެވެ. އަހަރެން ހީކުރީ ހާޝިމް ކަމަށެވެ. އޭނާ އަލުން އަހަންނާ ގުޅެން ބޭނުންވީ ކަމުގައެވެ.  ބޭއިޚްތިޔާރުގައި އެހާ އަވަހަށް ފޯން ނެގުނީވެސް އެހެންވީމައެވެ.

“ސިނާ، އަހަރެންނާ އެއްފަހަރު ނަމަވެސް ބައްދަލުކޮށްދީބަލަ.” ނިމާންގެ އަޑުގައިވާ ހިތްދަތިކަން އެވަގުތު އަހަރެންގެ ހިއްސުތަކާ ކުޅެލިއެވެ.   އަހަރެން މިވަގުތު މިވަނީ މާކަނޑަކަށް ގެނބިގެންދާ މީހަކަށް އެހީތެރިކަން ބޭނުންވާނެ ފަދަ ހާލަތެއްގައެވެ. ނިމާންގެ ހުށަހެޅުމަށް ނޫނެކޭ އަހަރެން ބުނާނީ ކިހިނެއްހެއްޔެވެ؟

ނިމާން އައިސް ރޫމަށް ވަނުމުން ވެސް އަހަރެން ހުއްޓުވާކަށް ނޫޅެމެވެ. މަންމަ އޮތީ ހަމަ އަބަދުވެސް ފަދައިން ގަދަޔަށް ނިދާފައެވެ. “ކީކޭތަ އަހަރެންގެ ގާތު ބުނަން ތިޔަ އައީ؟” އަހަރެން މިހެން ބުނި އިރުވެސް އަހަރެން ނިމާންއާ ވަކިވީ އޭނާގެ ކުށެއް އޮވެގެން ނޫންކަން އެނގެއެވެ.

“އަހަރެން ބުނަން އޮތީ ހަމަ އެންމެ އެއްޗެއް.” އޭނާގެ އަޑުގައިވަނީ ތަދެވެ. “ އަހަރެން ސިނާއާ ވަކި ނުވާ ވާހަކަ. އަދި ވަކި ނުވެސް ވެވޭނެ ވާހަކަ.”

“އެކަމަކު ނިމާންއާ އަހަންނަށް އަލުން ގުޅެވިދާނެތަ؟” އަހަރެންގެ އަޑު މަޑުކުރީ މަންމައަށް ނީއްވުމަށެވެ. “   “ކިތަންމެ ވަރެއް ވިޔަސް ނިމާންއާ މަންމަ ގަބޫލު ވެދާނެތަ؟ ނިމާން މާލޭގައި އުޅޭތާ ކިތަންމެ ގިނަ ދުވަހެއް ވިޔަސް ނިމާންގެ އުފަން ރަށް ބަދަލު ކުރެވިދާނެތަ؟”

“އަހަރެން ކޮންމެ ރަށަކަށް އުފަން ވިޔަސް އަހަންނަށް ސިނާ ދެކެ ލޯބިވުމުގެ ހައްގު އޮންނަންވާނެއެއްނު؟”

“ނޫން. މިހާރު އެހައްގުވެސް މިވަނީ ގެއްލިފައެވެ. “

އަހަރެން ކަރުނައިގެ ތެރޭން ނިމާންއަށް ކަންތައް ހިނގިގޮތް ކިޔާ ދިނީމެވެ. “އޮތްހާވެސް ހައްލަކީ އެބޯޝަން. އަހަރެން ސިއްރުވެތި ގޮތަކަށް ބުނީމެވެ. ” އޭރުން ނިމާން އަނބުރާ އަހަރެން ބަލައިގަންނާނަންތަ؟”

“އެބޯޝަން؟ “

އެއީ މަންމަ  ލޯ ހުޅުވާލި ވަގުތު ކަމެއް އަހަންނަކަށް ނޭނގެއެވެ. ހަމަ ކުއްލިއަކަށް މަންމަ ތެދުވެއްޖެއެވެ. “އުހުން! ސިނާ. “

މަންމަގެ އަޑު ކެނޑެމުން އެކަމަކު ބާރަށް ބުންޏެވެ. “ތިޔަކަންތައް ކޮށްގެން ނުވާނެ. އެއީ ހާދަ ނުބައިކަމެއް.”

މަންމަ ރޮމުން ރޮމުން ފުރަތަމަ ފަހަރަށް މަންމަގެ މާޒީގައި ކަންތައް ހިނގިގޮތް ކިޔާދިނެވެ. އަދި މަންމައާ އިންނަން ހަމަޖެހިފައިވަނީ ނިމާންގެ ރަށުގެ މީހެއްކަން ވެސް ކިޔާދިނެވެ. މަންމަ ނިމާންއާ އަހަރެން އިންނަން ނުރުހުނީ އެކަމާހެދިއެވެ.   އެންމެ ފަހުން  މަންމަ މިހެން ވެސް ބުނެފިއެވެ.

“އެފަހަރު މަންމަ އެގޮތަށް ކަންތައް ކުރި ނަމަ ދަރިފުޅު މިއަދު ދުނިޔޭގައި ހުރީސްތަ؟”

“ސިނާ ތިޔަ ކަމާ ކަންބޮޑު ނުވޭ. “ ނިމާން ބުންޏެވެ. “ އަސްލު ލޯތްބަކަށްޓަކައި އެވަރުގެ ގުރުބާނީ އެއް ވުމަކީ ގޯހެއްތަ؟ އަހަރެން ސިނާ ދެކެ މިވަނީ ހަގީގީ ލޯތްބެއް. އެހެން ކަމުން އަހަރެން ސިނާ ދެކެ މިވާ ލޯތްބަށް ހުރަސް އެޅޭނެ އެއްވެސް ކަމެއް ނޯންނާނެ. އެއީ އަހަރެންގެ އަމިއްލަ ދަރިއެއް ކަމަށް ދެކޭނަން.” ނިމާން އަދި އިތުރަށް ވެސް ބުންޏެވެ. “އަސްލު ލޯތްބަކީ އެއީ.”

މަންމަގެ ލޮލުން އެވަގުތު އޮހިގަތީ އުފާވެރިކަމުގެ ކަރުނައެއްކަން އެނގުނެވެ. ޑޮކްޓަރ އައިސް ވަނީ އަހަރެމެން ރޯނެ ވަރަކަށް ރުހިމަށް ފަހު ހޭން ތިއްބައެވެ.

މަންމައަށް ފުރަތަމަ މާމަ ކީ ކުޑަކުޑަ ނީނާ ގޮވައިގެން އަހަރެމެން   އޭނާގެ ބައްޕަގެ އުފަން ރަށަށް އަތުވެއްޖެއީމެވެ.   އެރަށަށް އައިސް އުޅެން ފެށިފަހުން މަންމަގެ މޫނުމަތީން ފެންނަމުން ދިޔައީ ހިނިތުން ވުމެވެ. ހިތާމައެއްގެ ކުލަވަރެއް ފެނުނު އެންމެ ހިނދުކޮޅެއްވެސް ނާދެއެވެ.

ނިމުނީ.