އައްޑޫ ސިޓީގެ މަރަދޫއާއި ހިތަދޫއާ ދޭތެރޭގައި އޮންނަ ފަޅުރަށްތަކުގެ ތެރޭގައި އޮންނަ ހަންކެޑެ ގައި ސިޓީހޮޓަލެއް ތަރައްގީކުރުމުގެ އެއްބަސްވުން ބާތިލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާތަނަށްވެސް އެއްވެސް މިންވަރަކަށް ހަންޑެކެ ތަރައްގީކުރެވިފައި ނުވާތީ، އަދި އެ ބިމުން ސަރުކާރަށް އަދި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުލިބި ދިގު މުއްދަތެއް ފާއިތުވެގެން ގޮސްފައިވާ ކަމަށެވެ. އަދި ހޮޓާ ތަރައްގީކުރެވިފައި ނުވަނީ އެއްބަސްވުމުގައި ބަޔާންކުރާފަދަ، އެ ފަރާތުގެ އަމިއްލަ ބާރު ނުފޯރުވޭ ކަމެއްގެ ސަބަބުން ކަމަށް ނުފެންނަކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ. އެހެންކަމުން މިއީ ހަންކެޑޭގެ ލީސް އެގްރިމެންޓާ ހިލާފުވުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އަދި މިނިސްޓްރީއަށް ލިބިފައިވާ އިހްތިޔާރުގެ ދަށުން ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީން ވެފައިވާ އެއްބަސްވުން ބާތިލުކޮށްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެ ކުންފުންޏާ ހަތް ދުވަހުގެ ނޯޓިސްއެއް ހަވާލުކޮށްފައިވާ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ހަންކެޑެގައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ 2006 ވަނަ އަހަރު ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާއެވެ. 18 މަސް ތެރޭ ނިންމަން ހަވާލުކުރި އެ މަސައްކަތް އެ ކުންފުނިން ނިންމާފައިނުވާތީ ކުންފުނި ޖޫރިމަނާކޮށް 2008 ވަނަ އަހަރު މަސައްކަތް ހަވާލު ކުރީ ހާފް ޑިގްރީ ކިޔާ ކުންފުންޏަކާއެވެ. ނަމަވެސް އެ ކުންފުންޏާ ހަވާލުކުރި މަސައްކަތްވެސް ކުރިއަކަށް ނުދިޔައެވެ. އޭގެ ފަހުން 2011 ވަނަ އަހަރުގެ ޖޫން މަހު ހަންކެޑެއާ ގުޅޭ ހުރިހާ ހައްގުތައް ޑޮލަރޓަން ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކަށް ވަނީ ބަދަލުކޮށްފައެވެ.
އޭގެ ފަހުން 2013 ގައި ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ހަންކެޑެ ތަރައްގީ ކުރަން ސަރުކާރުން ހަވާލުކުރި އެވެ. އޭރު އެ ކުންފުނިން ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ޕްލޭންތަކެއް ވެސް މީޑިއާތަކާ ހިއްސާކޮށް ހަންކެޑެ 2014 ގައި، ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިދުމަތަށް ހުޅުވައިލާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މަރަދުއާ އިންވެގެން އޮންނަ ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ރޭވި މަޝްރޫއުގެ ތެރެއިން ފުރަތަމަ އިއުލާން ކުރި އެއް ރަށް ކަމަށް ވިޔަސް، އެއީ މިހާތަނަށް ކޮޅެއްގައި ނުޖެހި އެންމެ ބޮޑަށް ދިގުލައިގެން ގޮސްފައިވާ އެއް މަޝްރޫއެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މި މަހުގެ ކުރީކޮޅު އައްޑޫ ސިޓީއަށް ވަޑައިގެންނެވި ދަތުރުފުޅުގައި ވަނީ، ޖެނުއަރީ މަސް ނިމުމުގެ ކުރިން ހަންކެޑެ މަޝްރޫއާމެދު ގޮތެއް ނިންމަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.