English Edition
Dhivehi Edition
ފޮޓޯ: އެމްއެފްއެމްސީ

އައްޑޫ ސިޓީ ހަންކެޑެގައި ތަރައްގީ ކުރަން ރާވާފައިވާ އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓުގައި ހޮޓާތައް މެނޭޖުކޮށް ހިންގަން ދުބާއީގެ ދު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

މޯލްޑިވްސް ފަންޑު މެނޭޖުމެންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ހަންކެޑެގައި ތަރައްގީ ކުރާ ހޮޓާތައް ހިންގުން ހަވާލު ކުރަން އެއްބަސްވުމަށް އައީ ޓައިމްސް ހޮޓެލްސް އާއި ކޮންޑުއިޓް ހައުސް އާއެކުގައި ކަމަށެވެ. އެ ދެ ކުންފުންޏާ އެކު ސޮއި ކޮށްފައިވަނީ ދުބާއީގައި މިހާރު ކުރިއަށްދާ ފިއުޗާ ހޮސްޕިޓާލިޓީ ސަމިޓުގެ ތެރެއިންނެވެ.

މޯލްޑިވްސް ފަންޑް މެނޭޖްމަންޑް ކޯޕަރޭޝަނުން ހަންކެނޑެ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ. އެ މަޝްރޫއުއަކީ އެ ކޯޕަރޭޝަނުން ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާއި ދެމެދު ވެފައިވާ އިންޖިނިއަރިން، ޕްރޮކިއުމަންޓް އަދި ކޮންސްޓަރްކްޝަން (އީޕީސީ) އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ، 142.9 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ.

މަޝްރޫއުގެ ދަށުން ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 2082 އެނދުގެ 1041 ކޮޓަރި އާއި ގްރޭންޑް ހޮޓަލާއި ޑިލަކްސް ހޮޓެލް، ބުޓީކް ހޮޓެކް،ސަރިވސް އެޕަރޓްމަންޓް، ބީޗުވިލާ، ނޮލެޖު ސެންޓަރ، މިކްސް ސްޕޯޓްސް ބިލްޑިންގ، ތިއޭޓަރ، އައުޓްޑޯ ސްޕޯޓްސް އަދި ފުޓް ކޯޓާއި ރެސްޓޯރެންޓާއި ފިހާރަތަކެވެ.

ހަންކެޑެ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެނައުމުގެ އިތުރުން، އައްޑޫގެ ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ކުރުމަށް މަގުފަހިކޮށްދިނުން ކަމަށް މޯލްޑިވްސް ފަންޑް މެނޭޖްމަންޑް ކޯޕަރޭޝަނުން ވިދާޅުވެއެވެ.