English Edition
Dhivehi Edition

މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަސައްކަތްތައް ލާމަރުކަޒީ އުސޫލުން ހިންގުމަށްޓަކައި އައްޑޫސިޓީ ކައުންސިލްގެ އިދާރާއާއި ހަވާލުކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ކައުންސިލްގެ އިދާރާގައި ބާއްވައިފިއެވެ.

ކައުންސިލް އިދާރާގައި އިއްޔެ ބޭއްވި މި ބައްދަލުވުމަކީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުގެ ވުޒާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބައެއް މަސައްކަތްތައް ކައުންސިލްތަކާއި ހަވާލުކުރުމަށް ސަރުކާރުގެ މައިގަނޑު ސިޔާސަތެއްގެ ގޮތުގައި ކަނޑައެޅުމާއި ގުޅިގެން މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަސައްކަތްތައް އައްޑޫސިޓީ ކައުންސިލާ ހަވާލުކުރުމަށް ކައުންސިލްގެ މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ޓޫރިސްޓް ގެސްޓް ހައުސް އިންސްޕެކްޓް ކުރުމާއި، ޓްރެވަލް އެޖެންސީ އިންސްޕެކްޓް ކުރުމާއި، ޑައިވް ސެންޓަރތައް އިންސްޕެކްޓް ކުރުމާއި ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީގެ ޓީމުން ވަނީ ކައުންސިލްގެ މުވައްޒަފުންނަށް މައުލޫމާތު ދެއްވާފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ބޭނުމަށް ކައުންސިލްގެ ބިންތައް ދޫކުރެވޭ އުސޫލާއި، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މައުލޫމާތު ދެއްވާފައެވެ.

ޖަނަވަރީމަހު ކުރީކޮޅު، މިނިސްޓަރ އޮފް ޓޫރިޒަމް އަލީ ވަޙީދު، އައްޑޫސިޓީ އަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލާ ބައްދަލުކުރައްވައި އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް އެމިނިސްޓްރީން ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގައި ވަނީ ވިދާޅުވެފައެވެ. ގެސްޓްހައުސްތަކާއި ރިސޯޓްތައް ކައުންސިލް މެދުވެރިވެގެން ޗެކް ކުރެވޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.