މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އައްޑޫގެ ހުރިހާ ސްކޫލެއް ހިމެނޭ ގޮތަށް ކަރިކިއުލަމް ފޯރަމްތަކެއް ބާއްވައިފިއެވެ. އައްޑޫގެ 3 ސަރަހައްދަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި ފޯރަމް ތަކުގައި އައްޑޫގެ ސްކޫލްތަކުގެ 143 ބެލެނިވެރިންނާއި 208 މުދައްރިސުން އަދި 86 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި ފޯރަމްތައް ކުރިއަށް ގެންގޮސްފައިވަނީ އެންއައި އީ ގެ ބޭފުޅުންނާއި އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރ ޑރ އަބްދުﷲ ރަޝީދު ހިމެނިވަޑައިގަންނަވާ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެލިގޭޝަނަކުންނެވެ.
މިމަހުގެ 28 އަދި 29 މި ދެދުވަހު ކުރިއަށް ގެންދިޔަ ފޯރަމްގައި އިއްޔެގެ ސެޝަން އޮތީ ހުޅުމީދޫގައެވެ. މި ފޯރަމަށް ފަހު “އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ސްޓޭޓް މިނިސްޓަރ ޑރ އަބްދުﷲ ރަޝީދު ވިދާޅުވީ މި ކަރިކިއުލަމް ފޯރަމް ތަކުގެ މައިގަނޑު ބޭނުމަކީ އަންނަ ފެބްރުއަރީ މަހު މާލޭގައި ބޭއްވުމަށް ތައްޔާރުވަމުންދާ ކަރިކިއުލަމް ސިމްޕޯސިއަމަށް މައުލޫމާތު އެއްކުރުން ކަމަށެވެ. ފެބްރުއަރީ 23 އަދި 24 ގައި މާލޭގައި ބާއްވާ ކައިރިއުލަމް ސިމްޕޯސިއަމަކީ މިހާރު އަމަލު ކުރަމުން މިދާ ކަރިކިއުލަމް ރިވިއުކޮށްލުމަށް ބާއްވާ ސިމްޕޯސިއަމެއް ކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
“މި ސިމްޕޯސިއަމްގެ މައިގަނޑު ބޭނުމަކީ އާ ކަރިކިއުލަމް ކުރިއަށް އެންމެ ރަނގަޅަށްތޯ އާއި ޓެކްސްޓް ފޮތްތައް ހުރީ ރަނގަޅަށްތޯ އަދި ސިލަބަސް ރަނގަޅުތޯ އާއި ކިޔަވައިދެމުން މިގެންދެވެނީ ރަނގަޅަށްތޯ ބެލުން. މި ސިމްޕޯސިއަމްގައި ރާއްޖޭގެ ހުރިހާ ހިސާބަކުން ބޭފުޅުން މާލެ ގެންގޮސްގެން އެންމެން އެއްތަނެއްގައި ތިބެގެން މި ކަމާ ބެހޭގޮތުން މަޝްވަރާކުރާނީ” ޑރ އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
ސިމްޕޯސިއަމްގެ ކުރިން ރާއްޖޭގެ 3 ސަރަހައްދެއްގައި ކަރިކިއުލަމް ފޯރަމް ތަކެއް ބާއްވަން މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ފޯރަމްތައް ބާއްވަނީ އައްޑޫސިޓީ، މާލެ އަދި ކުޅުދުއްފުށީގައެވެ. ސިމްޕޯސިއަމްގެ ކުރިން ބާއްވާ އެންމެ ފުރަތަމަ ފޯރަމް ބާއްވާފައި މިވަނީ އައްޑޫސިޓީގައެވެ.
” މި ފޯރަމްތަކުގައި ކުދިންގެ އަޑުވެސް އަހާ އެކުދިންގެ ފީޑްބެކް ހޯދަން. ފޮތްތަކާ ބެހޭ ގޮތުން އެކުދިންގެ ޚިޔާލު ހޯދައި އެކުދިން އެންމެ ގަޔާވަނީ ކޮން ގޮތަކަށް ކިޔަވައިދިނުމުން ތޯ އާއި އެކުދިން ހިތްހަމަ ޖެހެނީކޮންކަހަލަ ކަންތައްތަކެއް ސްކޫލްގެ ތެރެއިން ފެނިގެން ދިޔައީމާތޯ ސުވާލުކޮށް ޚިޔާލު ހޯދަން. ހަމަ އެއާއެކު ބެލެނިވެރިންނާ ބައްދަލުކޮށް ބެލެނިވެރިންގެ ޚިޔާލާއި އަދި މުދައްރިސުންނާ ވެސް ބައްދަލުކޮށް މުދައްރިސުންގެ ޚިޔާލުވެސް ހޯދިން. ކަރިކިއުލަމް އެންމެ ކާރިން ބަލަމުންދާނީ މުދައްރިސުން ކަމަށްވާތީ މުދައްރިސުންގެ ޚިޔާލު މިކަމަށް ވަރަށް މުހިއްމު. މުދައްރިސުން ދެކޭ ގޮތުންގައި ޓެކްސްޓް ފޮތްތަކަށް ގެންނަން ޖެހޭ ބަދަލަކީ ކޮބައިތޯއާއި ކިޔަވައިދިނުމަށް އަންނަންވީ ކޮންކަހަލަ ބަދަލުތަކެއްތޯއާއި ކިޔަވައި ދިނުމުގައި މިހާރު ދިމާވާ ގޮންޖެހުންތަކަކީ ކޮބާއިތޯ ބަލާ ޚިޔާލު ހޯދަމުން މިދަނީ” ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
މި ފޯރަމް ތަކުގައި ދަރިވަރުން އަދި ބެލެނިވެރިންނާއި މުދައްރިސުންނަށް ވެސް ސުވާލުތަކެއް ހިމެނޭ ކަރުދާހެއް ދިނުމަށް ފަހު ސުވާލުތަކަށް އެފަރާތްތަކުން ދެކޭ ގޮތް ހާމަކޮށް ޖަވާބު ހޯދާފައިވެއެވެ. އަދި ސުވާލު ތަކުގެ ތެރޭގައި ނެތް ނަމަވެސް ފާޅުކުރަން ބޭނުން އިތުރު ޚިޔާލެއް އޮންނަމަވެސް ކަރުދާހަށް އިތުރުކޮށް ލުމަށް ފުރުސަތު ވަނީ ދީފައެވެ. އަބްދުﷲ ރަޝީދު ވިދާޅުވީ ފޯރަމަށް ފަހު މި ކަރުދާސްތައް ދިރާސާކޮށް އެންމެންގެ ޚިޔާލުތައް އެއްކުރުމަށްފަހު އެއެއްޗެތި އެނަލައިޒްކޮށް ސިމްޕޯސިއަމަށް ހުށަހަޅާނެ ކަމަށާއި މިނިސްޓްރީގެ ވިސްނުން ހުރީ ސިމްޕޯސިއަމް ނިމުމަށް ފަހު ލިބޭ ނަތީޖާއަކަށް ބަލައިގެން 2019 ވަނަ އަހަރުގައި ފައުންޑޭޝަން ސްޓޭޖާއި ކީސްޓޭޖް 1 ގެ ކަރިކިއުލަމް ރިވައިޒް ކުރުމަށް ކަމަށެވެ.
ކަރިކިއުލަމް ސިމްޕޯސިއަމެއް ބޭއްވުމަކީ ރައީސުލް
ޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙްގެ 100 ދުވަހުގެ ވައުދު ތަކުގެ ތެރެއިން
އެއްވައުދެވެ.