English Edition
Dhivehi Edition

ކޮވިޑް-19ގެ ހާލަތުގައި އިންޓަނެޓް މެދުވެރިކޮށް ދަރިވަރުންނަށް ކިޔަވައިދޭން ޓީޗަރުން ކުރި މަސައްކަތުގެ އަގު ވަޒަން ކުރުމަށް ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާ (އެންއައިއީ) ކެމްބްރިޖް ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ “އިނޮވޭޝަން ކޮންފެރަންސް” އިން ފަޚުރުވެރި ދެ އެވޯޑެއް އައްޑޫސިޓީގެ ފޭދޫ ސްކޫލުން ހާސިލް ކޮއްފިއެވެ.

ފޭދޫ ސްކޫލް ވަނީ މި ފަހަރުގެ މި ކޮންފަރެންސުން ޕްރޮފެޝަނަލް ސަޕޯޓިންގ ޓްރެއިނިންގް ގެދަށުން މޮސްޓް އިންސްޕައަރިން ކެޓަގަރީ އަދި މޮސްޓް ސަސްޓެއިނަބްލް ކެޓަގަރީގެ އެވޯޑް ހާސިލް ކޮއްފަ އެވެ.

“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަވަމުން ފޭދޫ ސްކޫލް ގެ ލީޑިން ޓީޗަރ އަހުމީމާ ލުތުފީ ވިދާޅުވީ އިނޮވޭޝަން ކޮންފެރަންސް ގައި ފޭދޫ ސްކޫލުން ހުށަހެޅީ 2 ޕްރޮޖެކްޓް ކަމަށެވެ. އޭގެ ތެރެއިން ” ޓެކްނޮލޮޖީ ޓްރާންސްފޯމިން އެޑިޔުކޭޝަން -އަ ރިވެލޫޝަނަރީ ޗޭންޖް” މި ވަނީ އޯއީސީޑީ ގްލޯބަލް ޓީޗިން އިންސައިޓް ޕްލެޓްފޯމަށް ހުށަހެޅުމުގެ ފުރުސަތު ލިބިފައި ކަމަށް އަހުމީމާ ވިދާޅުވިއެވެ.

އޯއީސީޑީ އަކީ ދުނިޔޭގެ 37 ގައުމަށް ނިސްބަތްވާ އިގްތިސާދީ ގޮތުން އެއްބާރުލުން ދިނުމާއި ތަރައްގީ އާއި ގުޅޭ ޖަމިއްޔާއެކެވެ.

މި ކާމިޔާބު މަސައްކަތުގެ ކުރީ ސަފުގައި ޓީޗަރުން ފެންނަން ތިއްބަސް މި މަސައްކަތް ކުރުމަށް މަގު ފަހި ކޮއްދެއްވި އެޑިޔުކޭޝަން މިނިސްޓަރަށް އައިޝަތު އަލީ އަށް ސްކޫލުން ވަނީ ވަރަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

ދެ ދުވަހަށް ކުރިއައް ގެންދިޔަ މި ކޮންފަރެންސު ގައި 23 ސްކޫލަކުން ކަނޑައަޅާފައިވާ ހަތް ދާއިރާއަކަށް 47 ޕްރޮޖެކްޓެއް ހުށަހަޅާފައި ވެ އެވެ.

އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ކޮންފަރެންސް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދެވެ. ފަސްޓް ލޭޑީގެ އިތުރުން މި ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތީ އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ އާއި އެންއައިއީގެ އިސްވެރިޔާ، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ރަޝީދެވެ.