English Edition
Dhivehi Edition

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ މަސައްކަތް ކުރަނީ އެއްވެސް ޕާޓީއެއްގެ މުދާ ބޭނުންކޮށްގެން ނޫން ކަމަށް ޕީއެންސީގެ މުއައްސިސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި މިވަނީ އެއްވެސް ޕާޓީއެއްގެ މުދާ ބޭނުންކޮށްގެން އެހެން ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރާނަމަ އެކަން ކުރާ ބަޔަކާ ދެކޮޅަށް ފިޔަވަޅު އެޅޭ ގޮތަށް ސިޔާސީ ޕާޓީ ތަކުގެ ގަވައިދު އިލެކްޝަންސް ކޮމިޝަނުން އިސްލާހުކޮށްފައި ވަނިކޮށެވެ.

މިއީ ޕީއެންސީއަށް އަމާޒުކޮށްގެން ގެނައި އިސްލާހެއް ކަމަށް ބައެެއް ފަރާތްތަކުން ވާހަކަ ދައްކަމުން ދާތީ އެވާހަކަ ތަކަށް ރައްދުދެއްވަވަމުން އަދުރޭ ވިދާޅުވީ ޕީއެންސީ އުފައްދާފައިވަނީ ޕީޕީއެމްގެ މުދާ ބޭނުންކޮށްގެން ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.

” އިލެކްޝަންސް ކޮމިޝަނުން މިއިސްލާހު ގެނެސްފައިވަނީ ޕީއެންސީއާއި ޕީޕީއެމަށް އަމާޒުކޮށްގެން ކަމަށް ގަބޫލެއް ނުކުރަން. މިއިސްލާހަކީ ރާއްޖޭގައި ހިންގާ ހުރިހާ ސިޔާސީ ޕާޓީއަކަށް ނިސްބަތްކޮށް ގެނައި ބަދަލެއް . މިއިސްލާހުގެ ސަބަބުން ކަންތައްތަކެއް ހަރުދަނާ ވެގެންދާނެ ކަމަށް ގަބޫލު ކުރެވެނީ” އަބްދުއްރަހީމް ވިދާޅުވެފައިވެއެވެ.