ޕީޕަލްސް ނެޝަނަލް ކޮންގްރެސް ( ޕީއެންސީ ) އުފެއްދުމަށް ބޭނުންވާ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ނުދެއްވައިގެން އުޅުއްވަނީ އެ ކޮމިޝަނުގެ މެމްބަރުންގެ ހިތުގައި އޮތް ޒާތީ ހަސަދައެއްގެ ސަބަބުން ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ( އަދުރޭ) ވިދާޅުވެއްޖެއެވެ.
ޕީއެންސީ އުފެއްދެވުމުގައި އީސީން އެ ޕާޓީއަށް ކުރިމަތި ކުރުވަމުން ގެންދަވާ ދަތިތަކާ ގުޅިގެން މީޑިޔާއާ އެވާހަކަތައް ހިއްޞާ ކުރެއްވުމަށް އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ޕީއެންސީ ރަޖިސްޓްރީކޮށް ނުދީ ވަކި ގޮތަކަށް އަމަލުކުރަމުން ދަނީ ޒާތީ ގޮތުން ކަމަށެވެ..
ޕީއެންސީގެ ފޯމްތައް ސައްހަ ކުރުމުގައި އިލެކްޝަންސް ކޮމިޝަނުން ހަރުކަށި އުސޫލުތަކެއް ގެންގުޅެމުން ގެންދަވާތީ އެކަން ކުށްވެރި ކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އާއި އެހެން ޕާޓިތަކާ ތަފާތުކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން އެހެން ޕާޓީތަކުގެ ފޯމްތައް ސައްހަ ކުރާއިރު ފޯމް ހުށަހަޅާ ހުރިހާ ފަރާތްތަކަށާއި ހެކިންނަށް ނުގުޅާ ކަމަށާއި ނަމަވެސް ޕީއެންސީގެ ނަމުގައި ފޯމު ހުށަހެޅި ހުރިހާ ފަރާތްތަކަށާއި ހެކިންނަށް ގުޅާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ކޮމިޝަނުން ގުޅާ ވަގުތު އެ ފޯމްގައިވާ ބޭފުޅާއަށް ފޯނަށް ޖަވާބު ނުދެއްވިއްޖެ ނަމަ އެ ފޯމަކީ ޞައްޙަ ނޫން ފޯމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.