English Edition
Dhivehi Edition

ރާއްޖޭގައި ދެން އިންތިޚާބުކުރެވޭ ރައްޔިތުންގެ މަޖިލީހަކީ ވަކި ބައެއްގެ ކިއްލާއަކަށް ވެގެންނުވާނެ ކަމަށް ކުރީގެ ނާއިބުރައީސް އަދި ޖުމުހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރ ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ވިލިމާލެ ދާއިރާއަށް ކެމްޕޭން ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަމީލް ވިދާޅުވީ މަޖިލީހުގެ އަޣުލަބިއްޔަތު ވަކި ބަޔަކަށް އޮންނަންޖެހޭ ކަމަށް ބުނެ ވާހަކަދައްކަނީ އަމިއްލަ އެދުމުގައި ކަމަށެވެ .
ގައުމުގެ ސިޔާސީ ހަމަޖެހުމާއި ރައްޔިތުންގެ މެދުގައި ގެންނަންވާ ތަރައްގީއަށްޓަކައި ބޭނުންވަނީ ވަކި ޕާޓީއެއް ނުވަތަ ވަކި ފިކުރަކަަށް ބުރަވެފައި އޮންނަ މަޖިލީހެއް ނޫން ކަމަށާއި ރާއްޖެއަށް ބޭނުންވަނީ ރާއްޖޭގެ ގާނޫނުއަސާސީން ބިންވަޅު ނެގިފައިވާ، ގައުމީ ވިސްނުމާއި ގައުމީ ފިކުރު ކުރިއަށް ނެރެގެން މަސައްކަތް ކުރާނެ މަޖިލީހެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވިދާޅުވީ ރާއްޖޭގައި ދެން އަންނަ މަޖިލީސް ވާންވާނީ ރައްޔިތުން ގެނައި ނިޒާމު ހިފަހައްޓާ މަޖިލީހަކަށް ކަމަށެވެ. ރައްޔިތުން ގެނެސްފައިވާ ނިޒާމުގައި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ފާރަވެރި ނަޒަރަކުން ދެން ތިބި ފަރާތްތައް ކުރާ މަސައްކަތްތައް ބެލެހެއްޓުން ކަމަށެވެ. އެކަން ކުރެވޭނީ ރައްޔިތުންގެ މަޖިލީހަކީ ވަކި ރަށަކަށް، ވަކި ކުލައަކަށް، ވަކި ޕާޓީއަކަށް ނިސްބަތްކޮށް ހޮވާ ތަނަކަށް ހަދައިގެން ނޫން ކަމަށާއި އެމަސްއޫލިއްޔަތު އަދާކުރެވޭ ފަދަ ބަޔަކު މަޖިލީހަށް ހޮވައިގެން ކަމަށް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ވަކި ޕާޓީއަކުން ބޭނުންވާ ދިމާއަކަށް ކަންތައްތައް ގެންދިއުމަކީ ހަމަހަމަކަން ނޫން ކަމަށާއި ރައްޔިތުން ހޮވަންވީ ހަމަހަމަކޮށް އިންސާފާއެކު ރައްޔިތުންގެ މައްޗަށް ތަރައްގީ ގެނެވޭނެ މަޖިލީހެއް ކަމަށެވެ. މަޖިލީހަށް ދެން ހޮވަންޖެހެނީ ގައުމީ ފިކުރު ކަމަށާއި ޖޭޕީއަކީ އެފިކުރު ކަމަށެވެ.