ދައުރުން ބޭރުގައި ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ސަރުކާރު ހިންގާ ކޯލިޝަނުގެ ހަތަރު ލީޑަރުން އެއްބެސްވެ އެކަމަށް ހުށަހެޅި ނަމަވެސް ގިނަ މެމްބަރުންގެ ތާއީދު ނުލިބުމާ ގުޅިގެން ޖަލްސާ ނުބޭއްވިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް ހީވެއްޖެ އެވެ
މަޖިލިހުގައި ރައްޔިތުންނާ ގުޅުން ހުރި މުހިންމު ބިލުތަކެއް ފާސް ނުވެ، “ތާށިވެފައި” އޮއްވައި ސަރުކާރު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުންކޮންމެ މަހަކު އެއް ފަހަރު ބާއްވާ ބައްދަލު ކުރުމުގެ ތެރެއިން ދައުރުން ބޭރުން ބައްދަލުވުމެއް ބޭއްވުމަށް ލީޑަރުންވަނީ ނިންމާފައެވެ. ހަތަރު ލީޑަރުން މިދިޔަ މަހުގެ ހޮޓެލް ޖެންގައި ބޭއްވި ބާއްދަލުވުން ނިންމާލުމަށް ފަހު ރައީސް ސޯލިހު ވިދާޅުވީ ޖެނުއަރީގައި ދައުރުން ބޭރުގެ ޖަލްސާއެއް ބާއްވައި ދިނުމަށް މެންބަރުންނަށް ދަންނަވާނެ ކަމަށެވެ. އެކަމަކު، މަސް ނިމެން ހަފްތާ އަކަށް ވެފައިވާއިރު، ޖަލްސާ މިއަދާ ހަމައަށް ވެސް ބޭއްވޭ ގޮތްވަނީ ނުވެފައެވެ
‘އޭއޯ ނިއުސް’އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް ބޭނުންވާ 28 މެންބަރުންގެ ސޮއި މިހާރު ހަމަވެފައިވާއިރު ޖަލްސާ ނުބޭއްވި ލަސްވަނީ ބިލްތައް ފާސްކުރުމަށް ބޭނުންވާ ގާނޫނީ އަދަދު ހަމަ ނުވާތީ އެވެ
މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގެ ތިންބައިކުޅަ އެއްބައި މެންބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށް މަޖިލީހަށް ހުށަހެޅުމުން، 14 ދުވަހުގެ ތެރޭގައި ޖަލްސާއެއް ބާއްވަން ޖެހޭނެ އެވެ.