ސައުތު އޭޝިއަން ވިމެން ނެޓް ވޯކާއި ޔުނެސްކޯ ގުޅިގެން ކުރިއަށް ގެންދާ ” ބިލްޑިން އަ ޖެންޑަރޑް މީޑިއާ އިން ސައުތު އޭޝިއާ” ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތް ކުރާ އަންހެނުންނާ ގުޅުން ހުރި ސާރވޭއެއް ރާއްޖޭގައި ފަށައިފިއެވެ.
މި ސާރވޭ ރާއްޖޭގައި ކުރިއަށް ގެންދަނީ އައްޑޫވިމެންސް އެސޯސިއޭޝަނުން އިސްނަގައިގެން އެކުލަވާލާފައިވާ މީޑިއާ ބޯޑު މެމްބަރުން ހިމެނޭ ޓީމަކުންނެވެ. މި ޓީމުގައި ރާއްޖޭގެ ތަފާތު އެކި މީޑިއާ ތަކުގައި މަސައްކަތް ކުރައްވަވާ ސީނިއަރ ލެވެލްގެ އަންހެން ޖާނަލިސްޓުން ހިމެނެއެވެ.
ސައުތު އޭޝިއާގެ 9 ގައުމަކުން ބައިވެރިވާ މި ޕްރޮޖެކްޓަކީ 3 އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. 2016 ވަނަ އަހަރު ފެށި މި ޕްރޮޖެކްޓްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމަން ޖެހެއެވެ.
އަންހެނުންނަށް ޚާއްޞަ ކޮށްގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގައި މިހާރު ކުރިއަށް ގެންދަނީ ޕްރޮޖެކްޓްގައި ހިމެނޭ ސާރވޭގެ މަސައްކަތެވެ. އެގޮތުން ޓީވީ، އޮންލައިން، ޕްރިންޓް މީޑިއާ އާއި އިޝްތިހާރު ކުރުމާއި އިޝްތިހާރު ތައްޔާރުކުރުމުގައި އަންހެނުންނަށް ހުރި ފުރުސަތުތަކާއި ދިމާވާ ގޮންޖެހުންތަކާއި އަދި އެފަދަ މަސައްކަތްތަކުގައި އަންހެނުންގެ ބޭނުންކުރެވިފައިވަނީ ކޮންކޮން ގޮތްތަކަކަށްތޯ މި ސާރވޭގައި ބަލައެވެ. މީގެ އިތުރުން މީޑިއާތަކުގެ ޓޮޕް މެނޭޖް މެނޭޖްމަންޓުން އަންހެނުންނާއި ފިރިހެނުންނަށް ފުރުސަތު ލިބިދޭ މިންވަރާއި މަސައްކަތުގެ މާހައުލުގައި އަންހެނުންނަށް ރައްކާތެރިކަން ކަށަވަރު ވެފައިވާ މިންވަރަށް ވެސް ބަލާލެވެއެވެ.
މި ސަރވޭ ރާއްޖޭގައި ކުރިއަށް ގެންދެވުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ އައްޑޫ ވިމެންސް އެސޯސިއޭޝަނުގެ ރައީސާ ޑރ މަރިޔަމް ޝަކީލާއެވެ. ޕްރޮޖެކްޓާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަވަމުން ޑރ ޝަކީލާ ވިދާޅުވީ މިއީ ސިޔާސީ ފިކުރުން އެއްކިބާވެ އެއްވެސް ކަހަލަ ތަފާތު ކުރުމެއްނެތި ކުރިއަށް ގެންދާ މަސައްކަތްތަކެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ނަން މަޝްހޫރު ހުރިހާ މީޑިއާއަކުން ސީނިއަރ ލެވެލްގެ އަންހެން ނޫސްވެރިން މި ޕްރޮޖެކްޓްގައި މަސައްކަތް ކުރައްވަވާނެ ކަމަށާއި ބޭނުމަކީ މި ޕްރޮޖެކްޓްގެ ތެރެއިން ވެސް އަންހެނުން ބާރުވެރި ކުރުމާއެކު އަންހެނުންގެ ހައްގުތައް ހޯދައިދިނުން ކަމަށެވެ.
ހަމަ އެއާއެކު މިއީ ސައުތުއޭޝިއާގެ ގައުމުތަކުގެ ތަޖުރިބާކާރު ނޫސްވެރިންތަކެއް ބައިވެރިވާ ޕްރޮޖެކްޓެއް ކަމަށާއި ޕްރޮޖެކްޓްގައި މަސައްކަތް ކުރައްވަވާ ރާއްޖޭގެ ނޫސްވެރިންނަށް މިއީ ލިބިގެންދާ މުހިއްމު ތަޖުރިބާ ތަކެއް ކަމަށް ޑރ ޝަކީލާ ވިދާޅުވިއެވެ.