އަންހެނަކަށްވީތީ ކުރިމަތިލާން ޖެހޭ ދަތިތައް ރާއްޖޭގައި ގިނަ ކަމަށާއި ދީނީ ގޮތުން ބައެއް މީހުން ގަބޫލުކުރާ ގަބޫލުކުރުންތަކުގެ ސަބަބުން އަންހެނުންގެ ކުރިއެރުމަށް ހުރަސް އެޅޭ ކަމަށާއި އެފަދަ މީހުންގެ ފަރާތުން އަންހެނުންނަށް ގިނަގުނަ ޖިސްމާނީ އަނިޔާތަކެއް ލިބެމުންދާ ކަމަށް ކުރީގެ ހެލްތު މިނިސްޓަރު މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.
ބަނޑޮސް އައިލެންޑް ރިސޯޓުގައި މިއަދު ފެށި އިންޓަނޭޝަނަލް ސިވިލް ސޮސައިޓީ އެކްޝަން ނެޓްވޯކް (އައިކޭން)ގެ 9 ވަނަ “ވިމެން، ޕީސް އެންޑް ސެކިއުރިޓީ ފޯރަމް” އިފުތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން ޑރ. ޝަކީލާ ވިދާޅުވީ އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް ރާއްޖޭގައި ގާނޫނު އެކުލަވާލާފައިވީ ނަމަވެސް އެ ގާނޫނުތަކުން އަންހެނުންގެ ހައްގުތައް އެންމެ ރަނގަޅަށް ކަށަވަރުކޮށް ނުދެވޭ ކަމަށެވެ.
“ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ ފުރަތަމަ ގާނޫނުއަސާސީއެއް އެކުލަވައިލި އެއް ގައުމަކީ ރާއްޖެ . އެއީ 1932 ވަނަ އަހަރުގައި . އެ ގާނޫނުތަކުގެ ބޭނުމަކީ އަންހެނުން ސިޔާސީ ގޮތުން ބާރުވެރިކޮށް، ސިޔާސީ މައިދާނުގައި ކުރިއަށް ނެރުން . އެ މަގުސަދު ހާސިލުކުރުމުގެ ގޮތުން 1993 ވަނަ އަހަރު ޖެންޑާ މިނިސްޓްރީ އުފެއްދި . އަދި މިހާރު ރާއްޖޭގެ ހުރިހާ ރަށެއްގައި އަންހެނުން ސިޔާސީ ގޮތުން ބާރުވެރިކުރުވުމަށް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އެކުލަވާލައިފައިވޭ. އާއިލާއާއި ބެހޭ ގާނޫނާއި ޖެންޑާ އިކުއަލިޓީ ގާނޫނުން އަންހެނުންނަށް ހައްގުތައް ކަށަވަރުކޮށްދީފައިވޭ” މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޝަކީލާ ވިދާޅުވިއެވެ.
އައްޑޫވިމެންސް އެސޯސިއޭޝަނުގެ ރައީސާގެ މަގާމުގައި ހުންނަވައިގެން އަންހެނުން ބާރުވެރިކުރުވުމައް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން މިހާރުވެސް ގެންދަވާއިރު ޑރ ޝަކީލާ ވަނީ ރާއްޖޭގައި އަންހެނުންނާއި ގުޅޭގޮތުން ހެދިފައިވާ މި ހުރިހާ ގާނޫނުތަކެއް އެންމެ ރަނގަޅަށް ތަންފީޒު ކުރެވޭތޯ ސުވާލު އުފައްދަވާފައެވެ.
“އަޅުގަނޑު ވިދާޅުވާނީ ނޫނެކޭ. އަޅުގަނޑު ވިދާޅުވާނީ އެ ގާނޫނުތައް ތަންފީޒުކުރަނީ ސެލެކްޓިވްކޮށޭ، އަޅުގަނޑުމެން ފެއިލްވެއްޖެ އެ ގާނޫނުތައް ތަންފީޒުކޮށް އަމަލުކުރުމަށް. އަދި އެގާނޫނުތައް ތަންފީޒުކުރޭތޯ މޮނިޓާ ކުރުމަށް،” ޑރ. ޝަކީލާ ވިދާޅުވިއެވެ.
އަންހެނުންނަށް ބާއްވާ ދުނިޔޭގެ ސުލްހަ އާއި ސަލާމަތްތެރިކަމާ ބެހޭ ހާއްސަ ފޯރަމް ފުރަތަމަ ފަހަރަށް ރާއްޖޭގައި ފަށައިގެން ކުރިއަށް ކުރިއަށް ދާއިރު މިއީ އިންޓަނޭޝަނަލް ސިވިލް ސޮސައިޓީ އެކްޝަން ނެޓްވޯކް (އައިސީއޭއެން) އާއި އައްޑޫ ވިމެންސް އެސޯސިއޭޝަން (އޭޑަބްލިޔުއޭ) އަދި ވިމެންސް އެލަޔަންސް ފޮ ސެކިއުރިޓީ ލީޑާޝިޕް (ޑަބްލިޔުއޭއެސްއެލް)ގެ މެމްބަރުން ގުޅިގެން ރާއްޖޭގައި ބާއްވާ 4 ދުވަހުގެ ފޯރަމެކެވެ.
40 ގައުމެއްގެ ސުލްހަބަލަހައްޓާ އަންހެނުން ބައިވެރިވާ މި ފޯރަމުގައި ދުނިޔޭގެ ސުލްހަ އާއި ސަލާމަތްތެރިކަމާ ގުޅޭ ގޮތުން ދިވެހި ސަރުކާރުގެ އޮފިޝަލުންނާއި ސިވިލް ސޮސައިޓީ ލީޑަރުންނާއި ބައިނަލްއަގުވާމީ ޑިޕްލޮމެޓުންނާ މަޝްވަރާކުރާނެއެވެ. ހާއްސަގޮތެއްގައި ކޮވިޑަށްފަހު މުޖުތަމައުތަކާއި އަމިއްލަ ނަފުސުތަކާއި ޖަމިއްޔާތަކާއި ނެޓްވޯކުތައް އަދި ސުލްހަ އާއި ސަލާމަތްތެރިކަމަށް ކުރާ މަސައްކަތްތަކައް އެނބުރި، ކުރިން އުޅުނު ގޮތަށް ދިއުމާ ގުޅޭ ގޮތުން ހާއްސަ މަޝްވަރާތަކާއި ސެޝަންތައް ކުރިއަށް ގެންދާނެއެވެ.
އައިސީއޭއެންއަކީ ހަމަނުޖެހުމާއި ހައްދުފަހަނައެޅުމާއި ހަނގުރާމަ އާއި ސިޔާސީ ފިއްތުންތައް ކުރިމަތިވެފައިވާ ގައުމުތަކުގައި ދެމެހެއްޓެނިވި ސުލްހަ ޕްރޮމޯޓް ކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އެމެރިކާގެ ހިލޭ ސާބަހަށް މަސައްކަތްކުރާ އެ ޖަމިއްޔާ އުފައްދާފައިވަނީ 2006 ވަނަ އަހަރުއެވެ. އެ ޖަމިއްޔާގެ ފުރަތަމަ އައިސީއޭއެން ފޯރަމް ބާއްވާފައިވަނީ 2012 ވަނަ އަހަރު ތުރުކީގެ ވެރިރަށް އިސްތަންބުލްގައެވެ. މިއީ އެ ފޯރަމް ބާއްވާ 9 ވަނަ ފަހަރެވެ. އަދި މިއީ ކޮވިޑް-19 އަށްފަހު އެއްތަނަކަށް ޖަމާވެގެން މި ފޯރަމް ބާއްވާ ފުރަތަމަ އަހަރެވެ.
.