English Edition
Dhivehi Edition

އައްޑޫ ސިޓީއަށް ބަޔޮސްފިއަރ ރިޒާވްގެ ލަޤަބް ލިބިއްޖެއެވެ. މި ލަޤަބް އައްޑޫ އަށް ލިބުނީ މިހާރު ކުރިއަށްދާ ޔުނެސްކޯ މޭން އެންޑް ދަ ބަޔޮސްފިއަރ ރިޒާވް އިންޓަނޭޝަނަލް ކޯޑިނޭޝަން ކައުންސިލްގެ ބައްދަލުވުމުގައެވެ.

އައްޑޫ އިން ވަނީ ތިމާވެއްޓަށް ގެއްލުން ލިބޭނެ މަސައްކަތް ނުކުރެވޭނެ 7 ސަރަހައްދެއް (ކޯރ އޭރިއާ) ފާހަގަކުރެވިފައެވެ. އެ ސަރަހައްދުތަކުގެ ބޮޑުމިނުގައި 873.44 ހެކްޓަރ ހިމެނޭ އިރު އެއީ ރަށުގެ 87.79 ހެކްޓަރު އަދި ކަނޑުގެ ސަރަހައްދުން 785.65 ހެކްޓަރެވެ.

އައްޑޫ ސިޓީގައި ކޯރ އޭރިއާއަށް ސީދާ އަސަރުކުރާ މަސައްކަތްތައް ނުކުރެވޭ ސަރަހައްދު، ބަފަރ ޒޯންގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދުގެ ބޮޑު މިނުގައި ހުންނަނީ 1385.02 ހެކްޓަރެވެ. އެއީ ރަށުގެ 101.13 ހެކްޓަރ އަދު ކަނޑުގެ ސަރަހައްދުން 1283.89 ހެކްޓަރެވެ.

އާދައިގެ ގޮތުން މީހުން ދިރިއުޅޭ އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ސަރަހައްދު، ޓްރާންސިޝަނަލް އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވަނީ ކޯރ އޭރިއާ އަދި ބަފަރ ޒޯންގެ ބޭރުން ހިމެނޭ ހުރިހާ ސަރަހައްދެކެވެ. އެގޮތުން މި ސަރަހައްދުގެ ބޮޑުމިނަކީ 13،566.19 ހެކްޓަރެވެ. އެއީ ރަށުގެ 1283.11 ހެކްޓަރާއި ކަނޑުގެ ސަރަހައްދުން 12،283.08 ހެކްޓަރެވެ.

އައްޑޫ ސިޓީއާއި އެކު މި ލަގަބު މިހާރު ދިވެހިރާއްޖެއިން ލިބިފައިވަނީ ބ. އަތޮޅުގެ އިތުރުން ފުވައްމުލައް ސިޓީއަށެވެ.