ޑީ.އެން.އޭ ގެ އެހީގައި މިހާރު އިންސާނާ ދުނިޔޭގައި ދިރިހުންނާނެ މުއްދަތުގެ އަންދާސީ ހިސާބު ޖެހިދާނެއެވެ. މިއީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީ އޮފް އެޑިންބާގް ގެ ދިރާސާވެރިން އިންސާނާގެ އުމުރަށް ބާރުފޯރުވާ ޖެނެޓިކް ތަފާތުތަކުގެ އަސަރުތައް ދިރާސާ ކުރުމަށް ފަހު ހޯދާފައިވާ ހޯދުންތަކުގެ އަލީގައި މިކަން ކުރެވޭނެކަމަށް އެދިރާސާވެރިން ވަނީ ބުނެފައެވެ.
މި ދިރާސާވެރިންގެ ހޯދުންތަކުން ވަނީ “ސްކޯރިންގް ސިސްޓެމް” އެއް ޤާއިމް ކޮށްފައެވެ. 12 އާއި ގާތް ކުރާ އަދަދަކަށް “ހިއުމަން ޖެނޯމް” ގެ ބައިތައް އިންސާނާގެ ދިރިހުރުމުގެ މުއްދަތަށް ބާރުފޯރުވާ ކަމަށް މި ދިރާސާއިން ދައްކައެވެ. ” އިންސާނާގެ ހިތަށާއި ސިކުނޑިއަށް ބާރުފޯރުވާ ޖީންތަކުން އިންސާނާގެ ދިރިހުރުމުގެ މުއްދަތަށް ވަރަށް ބޮޑަށް އަސަރު ކުރާކަމަށް މި ދިރާސާއިން ހޯދިފައިވޭ.” އަޝާރ އިންސްޓިޓިއުޓްގެ ޕީ.އެޗް.ޑީ ދަރިވަރެއް ކަމުގައިވާ ޕޯލް ޓިމާރސް މީޑިއާއަށް މައުލޫމާތު ދިނެވެ.
މި ދިރާސާގެ ބޭނުމަށް ބައި މިލިޔަން މީހުންނާއި އެމީހުންގެ މައިންބަފައިންގެ ޖެނެޓިކް މައުލޫމާތު ދިރާސާ ކުރެވުނެވެ. އަދި މި ދިރާސާގެ ހޯދުންތަކުން ދައްކާގޮތުން ސްކޯރިންގް ސިސްޓެމް ގެ އެންމެ މަތީ 10 އިންސައްތައިގައި ހިމެނޭ މީހުންގެ ދިރިހުރުމުގެ މުއްދަތު އެސިސްޓެމްގެ އެންމެ ދަށް 10 އިންސައްތައިގައި ހިމެނޭ މީހުންނަށް ވުރެ އެވްރެޖްކޮށް 5 އަހަރަށް ދިގެވެ.
“އުފަންވާއިރު ނުވަތަ އޭގެ ފަހުގެ މުއްދަތުގައި 100 މީހުން ނަގާ، އަހަރެމެންގެ ލައިފްސްޕޭން ސްކޯރިންގް ސިސްޓެމް ބޭނުން ކޮށްގެން 10 ބަޔަކަށް ބަހާލުމުން، އޭގެ އެންމެ މަތީ 10 އިންސައްތަ މީހުން ދަށުން 10 އިންސައްތައިގައި ހިމެނޭ މީހުންނަށްވުރެން 5 އަހަރުގެ ދިގު މުއްދަތަކަށް ދިރިތިބުން އެކަށީގެންވޭ.” ޔުނިވާސިޓީ އޮފް އެޑިންބާގް ގެ އަޝާރ އިންސްޓިޓިއުޓްގެ ފަރާތުން ޕީޓާ ޖޯޝީ މީޑިއާއަށް މައުލޫމާތު ދިނެވެ.
މިދިރާސާގެ ހޯދުންތަކުން އިންސާނާގެ އުމުރާއި، ބަލިޖެހުމާއި ގުޅުންހުރި ބަޔޮލޮޖިކަލް މަރުހަލާތަކާއި ގުޅޭ ކަންކަމަށް އަލިއެޅޭ ވަރަށް ގިނަ ކަންކަން ހޯދިފައިވެއެވެ. ދިރާސާވެރިންގެ އަމާޒަކީ މިހާރު އިންސާނާގެ އުމުރުން ދުވަސްވުމުގެ މަރުހަލާއަށް ސީދާ އިންސާނާގެ ޖީންސް ގެ ސަބަބުން ކުރާ އަސަރު ދެނެގަތުމެވެ.