English Edition
Dhivehi Edition
ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގައި މައުތުވޮޝްގެ ޛަރިއްޔާއިން ކުރިއެރުންތައް ލިބިފައިވާކަމަށް ފަހުގެ ދިރާސާތައް ބުނޭ. --

އަނގަ ދޮންނަން ބޭނުންކުރާ މައުތުވޮޝްގެ ޛަރިއްޔާއިން 30 ސިކުންތުގެ ތެރޭގައި ކޮރޯނާވައިރަސް ޖައްސާ ވައިރަސް މަރާލާކަމަށް އިނގިރޭސިވިލާތުގެ ކާޑިފް ޔުނިވާސިޓީގެ ސައިންސްވެރިންގެ ފަހުގެ ދިރާސާއަކުން ދައްކައިފިއެވެ.

އެ ޔުނިވާސިޓީގެ ސައިންސްވެރިންގެ ހޯދުންތަކަށް ބަލާއިރު، އަނގަ ދޮންނަން ބޭނުންކުރާ މައުތުވޮޝްގައި އެކުލެވިގެންވާ މާއްދާއެއްކަމަށްވާ ސެޓީލްޕައިރިޑިނިއަމް ކްލޮރައިޑް (ސީޕީސީ)ގެ 0.07 އިންސައްތައިން ކޮރޯނާވައިރަސް ޖައްސާ ވައިރަހާ ދެކޮޅަށް އުއްމީދީ ކަންތައްތަކެއް ފެނިގެންގޮސްފައިވާކަމަށްވެއެވެ.

އެ ޔުނިވާސިޓީގެ ސައިންސްވެރިންގެ ޕްރެލިމިނަރީ ރިޕޯޓްގައިވާ މައުލޫމާތުތައް އަދިވެސް އިތުރަށް ޔަގީންކުރުމަށް ހަމަޖެހިފައިވާއިރު، މީގެ ހަފްތާއެއްހާ ދުވަސް ކުރީން ނެރުނު އެހެން ދިރާސާއެއްގައިވާގޮތުން ސީޕީސީގެ ޛަރިއްޔާއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ ހަށިގަނޑުގައި ހުންނަ ވައިރަސް މަދުކުރާކަމަށްވެއެވެ.

މައުތުވޮޝްއާ ގުޅޭގޮތުން ހެދިފައިވާ ދިރާސާތައް ހާމަކޮށްފައިމިވަނީ ކާޑިފްގައި ހުންނަ ޔުނިވާސިޓީ ހޮސްޕިޓަލް އޮފް ވޭލްސް އިން އެ ތަނުގައި ތިބި ކޮވިޑް-19ގެ ބަލިމީހުންގެ ކުޅުގައި އެކުލެވިގެންވާ ވައިރަހާ ދެކޮޅަށް މައުތުވޮޝް ބޭނުންކޮށްގެން ކްލިނިކަލް ޓްރަޔަލްއެއް ފެށުމަށް ހަމަޖެހިފައިވަނިކޮށެވެ. މި ދިރާސާގައި އެއްކުރެވިގެންދާ މައުލޫމާތުތައް އަންނަ އަހަރުގެ ކުރީކޮޅު ހާމަކުރެވިގެންދާނެކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި ކާޑިފް ޔުނިވާސިޓީގެ ޕްރޮފެސަރު ޑޭވިޑް ތޯމަސް އިސްނަގައިިގެން ކުރިއަށްގެންދާ މި ކްލިނިކަލް ޓްރަޔަލްގައި ބޭނުންކުރަނީ ‘ޑެންޓައިލް’ ކިޔާ އިނގިރޭސިވިލާތުގެ މައުތުވޮޝް ބްރޭންޑެއްކަމަށްވެއެވެ.

“ލެބޯޓަރީގައި ކުރެވިގެންދިޔަ ތަހުލީލުތަކަށްފަހު ވަރަށް އުއްމީދީ ނަތީޖަތަކެއް ފެނިގެސްގޮސްފި. އެކަމަކު އަދިވެސް އިތުރު ކްލިނިކަލް ރިސާޗް ހަދަންޖެހޭ،” ޕީއޭ ނިއުސް އެޖެންސީ އަށް މައުލޫމާތުދެމުން ޑރ. ތޯމަސް ވިދާޅުވިއެވެ.

ތޯމަސް އިތުރަށް ވިދާޅުވީ ލެބޯޓަރީގައި މައުތުވޮޝް ބޭނުންކޮށްގެން ކުރެވިގެންދިޔަ ތަހުލީލުތަކުގެ މައްޗަށް ބިނާކޮށް އިތުރަށް އެއްޗެއް ބުނަން އެނގޭނީ ބަލިމީހުންގެ ހަށިގަނޑުގައި ހުރި ވައިރަސް ކުޅުގެ ޛަރިއްޔާއިން ދެނެގަނެ މައުތުވޮޝް ބޭނުންކޮށްގެން ކުރިއަށްގެންދެވޭ ކްލިނިކަލް ޓްރަޔަލްއަށް ފަހުގައި ކަމަށެވެ. އަދި އެންމެ ބޮޑު އަމާޒަކީ މި ޓްރަޔަލްތައް އަންނަ އަހަރުގެ ކުރީކޮޅު ނިންމާލުމަށް ކަމަށް ވެސް ތޯމަސް ވިދާޅުވިއެވެ.

މި ހުރިހާ ދިރާސާތަކާ ހަވާލާދީ ސްޕެޝަލިސްޓް ޕިރިއޮޑޮންޓޮލޮޖިސްޓެއްކަމަށްވާ ޑރ. ނިކް ކްލޭޑަން ވިދާޅުވީ، އިޖްތިމާއީ ގައިދުރުކުރުމާއި، ގިނަގިނައިން އަތްދޮވެގެންނާއި، މާސްކް އެޅުމުގެ ސަބަބުން ވައިރަހާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ކުރިއެރުންތައް ހޯދޭ ފަދައިން މައުތުވޮޝްގެ ޛަރިއްޔާއިން ވެސް އުއްމީދީ ކަންތައްތަކެއް ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެކަމަށް ގަބޫލުކުރާކަމަށެވެ.

މުޅި ދުނިޔޭން 56 މިލިއަނަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ޔޫރަޕްގެ އިތުރުން އެމެރިކާ އާއި އެހެނިހެން ކަންކޮޅުތަކުގައި މި ބަލިމަޑުކަމުގެ ނުރައްކާ އިންތިހާއަށް ބޮޑުވަމުންދާ މި ދަނޑިވަޅުގައި އޭގެއިން ދިފާއުވުމަށް ކުރެވޭ މަސައްކަތްތަކުގައި ވެކްސިނެއް ހޯދުމުގައި ކުރިއެރުންތައް ވަނީ ލިބިފައެވެ. އެގޮތުން، އެމެރިކާގެ ފައިޒާ އާއި ޖަރުމަނުގެ ބައޮއެންޓެކް ކުންފުނި ގުޅިގެން އީޖާދުކުރި ވެކްސިންގެ ތިންވަނަ މަރުހަލާގެ ތަހުލީލުތައް ނިންމާލިއިރު 95 ޕަސެންޓް ކާމިޔާބުކަމަށް ހާމަކޮށްފައިވާއިރު، އެމެރިކާގެ މޮޑާނާ ކުންފުނިން އުފެއްދި ވެކްސިން ވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށް 95 ޕަސެންޓް ކާމިޔާބުކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.