ހަނގުރާމައިގައި ހަލާކުވެފައިވާ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް ތުރުކީން ހަމަލާދީފި ނަމަ ނުވަތަ އެޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ ތުރުކީވިލާތުގެ އިޤްތިސާދު ފުނޑާލާނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް އަބަދުވެސް މިކަހަލަ އިންޒާރުދޭއިރު މިއީ މިހާތަނަށް ދިން އެންމެ ވަރުގަދަ އިންޒާރެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ކުރެއްވި އިންޒާރުދިނުމުގެ ޓުއީޓެއްގައި ވިދާޅުވީ “ކުރުދީންނަށް ހަމަލާދީފި ނަމަ އިޤްތިސާދީ ގޮތުން ތުރުކީ ފުނޑާލާނެ” ކަމުގަ އެވެ. އަދި ޓްރަމްޕް ވިދާޅުވީ ތުރުކީގެ ނުރައްކަލުން ސޫރިޔާގެ ކުރުދީން ހިިމާޔަތް ކުރުމަށް ޓަކައި 20 ކިލޯ މީޓަރުގެ ބަފަޒޯން އެއްވެސް ސޫރިޔާގެ އުތުރުގައި ގާއިމް ކުރާނެ ކަމަށާއި އެ ސަރަހައްދަށް ތުރުކީއަށް ގާތް ނުވެވޭނެ ކަމުގައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްގެ މިއިންޒާރަށް ރައްދު ދެމުން ތުރުކީން ވަނީ އެމެރިކާއަށް ވެސް އިންޒާރު ދީފައެވެ. ތުރުކީގެ ރިޔާސަތުން ދިން މި އިންޒާރުގައި އެމެރިކާއަށް އަންގާފައި ވަނީ ޓެރަރިސްޓުންނާ ގުޅުންތައް ބާއްވައިގެން ތުރުކީ ބައިވެރިއެއްގެ ގޮތުގައި އެމެރިކާއަށް ނޯވެވޭނެ ކަމަށެވެ. މިގޮތުން އެމެރިކާއަށް އޮތީ ބައިވެރިއެއްގެ ގޮތުގައި ތުރުކީ ނޫނީ ސޫރިޔާގެ ކުރުދީ ޖަމާއަތްތައް މިދެ ފަރާތުންކުރެ ފަރާތެއް އިޚްތިޔާރުކުރުން ކަމަށް ޓްރަމްޕަށް ރައްދު ދިނުމުގެ ގޮތުން ތުރުކީގެ ރިޔާސަތުން ނެރުނު ބަޔާނުގައި ވެއެވެ.