އައްޑޫ ނޭޗަރ ޕާރކް އިން ވިޒިޓާސް ޕާސް ތަޢާރަފްކޮށް މިއަދުން ފެށިގެން އެތަނުގެ ޙިދުމަތް ތަކުގެ އަގަށް ބަދަލުގެނެސްފިއެވެ.
މިއަދު ހެނދުނު ނޭޗަރ ޕާރކްގައި އޮތް ރަސްމިއްޔާތެއްގައި ވިޒިޓާސް ޕާސް ތަޢާރަފްކޮށް ދެއްވީ އައްޑޫ ސިޓީ މޭޔަރެވެ. ވިޒިޓާސް ޕާސް ތަޢާރަފްކުރުމުން މިއަދުން ފެށިގެން ނޭޗާރ ޕާރކަށް ވަދެވޭނީ މި ޕާސް ބައްލަވައިގެންނެވެ. އަދި މިޕާސްގެ އަގަކީ -/5ރ އެވެ. މީގެ އިތުރުން އެޕާރކް އިން މީގެ ކުރިން ދެމުން ދިޔަ ޚިދުމަށްތަކުގެ އަގަށް ވެސް ބަދަލުތަކެއް ގެނެސްފައި ވެއެވެ.
މިހާތަނަށް އެތަނުގެ ޙިދުމަތްތަކުގެ އަގު ނަގަމުން ގޮސްފައި ވަނީ %50 ޑިސްކައުންޓްގައި ކަމަށާއި، މިއަދުން ފެށިގެން ފުރިހަމަ އަގު ނަގަން ފަށާފައިވާ ކަމަށް ނޭޗަރ ޕާރކުން މަޢުލޫމާތު ދީފައި ވެއެވެ. އަގަށް ބަދަލު ގެނެސްފައި ވީނަމަވެސް ދޭތެރެ ދޭތެރެއިން ޙާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެކަމަށް ވެސް މަޢުލޫމާތު ދީފައި ވެއެވެ.
ނޭޗަރ ޕާރކަކީ ވަރަށް ގިނަ މީހުން މިހާރުވެސް ޒިޔާރަތްކުރަމުންދާ ތަނެއްކަމުން ކުރިއާލައި ބުކިންގ ހެދުމަށް އެތަނުން އެދިފައިވެއެވެ. އަދި ކުރިއަށް އޮތްތަނުގައި އިތުރު ޚިދުމަށްތައްވެސް ތަޢާރަފްކުރާނެކަމަށް ވެއެވެ. އެހެންކަމުން އިިތުރު މަޢުލޫމާތު ހޯދުމަށް ހޮޓްލައިން ނަންބަރ 7580059 އަށް ގުޅުވުމަށާއި، ނުވަތަ ފޭސްބުކް ޕޭޖް އަށް ޒިޔާރަތްކޮށްލުމުން ވެސް މަޢުލޫމާތު ލިބޭނެކަމަށެވެ.
އައްޑޫ ނޭޗަރ ޕާރކަކީ އައްޑޫގެ ރައްޔިތުންނާއި، އައްޑޫ އަށް ޒިޔާރަތްކުރާ ފަރާތްތަކާއި ފަތުރުވެރިންގެ މަޤްބޫލްކަން ހޯދާފައިވާ ތަނެކެވެ.