ރާއްޖޭގައި ޓެކްސީ ދަތުރު ކުރުމަށް ބޭނުންކުރާ ކާރުތަކަކީ ވަކި ހުއްދައެއް ލިބިގެން ޓެކްސީ ކުރަމުންދާ ކާރުތަކެކެވެ. އަދި ޓެކްސީ ދުއްވާ ފަރާތަކީ ވެސް އެފަދަ ހުއްދައެއް އޮންނަން ޖެހޭ ފަރާތެކެވެ. މިއީ ޤާނޫނުގައި ލިޔެވިފައި އޮތް ގޮތެވެ. ނަމަވެސް އަމަލު ކުރެވެނީ މިހެންތޯ ބަލާނެ ފަރާތެއް އެބަހުރިތޯ އެވެ.
މާލެ ފިޔަވައި އާބާދީގެ ގޮތުން އެންމެ ބޮޑު ސިޓީ އަކީ އައްޑޫ ކަމަށްވީއިރު، ދެވަނައަށް އެންމެ ގިނަ ޓެކްސީ ދުއްވަނީ އެސިޓީގައެވެ. އާމްދަނީ ހޯދުމަށް އެމަސައްކަތް ކުރާ އެތައްބަޔަކު ތިބި އިރު އެފަރާތްތަކުގެ ޝަކުވާތައް ވަރަށް ގިނައެވެ. އެންމެ ބޮޑު ޝަކުވާއަކަށް ކުރަމުން ދިޔަ ޓެކްސީ ރަޖިސްޓަރީ ފީ ސަރުކާރުން ކަނޑާލައިދިނުމަކީ އެފަރާތްތަކަށް ލިބުނު ހިތްހަމަ ޖެހުމެކެވެ. ނަމަވެސް އެކަމަށް ދާއިމީ ހައްލެއް އޮތީ ޤާނޫން އިން އެބަދަލު ގެނައުމުނެވެ.
ޒަމާނުއްސުރެ ޓެކްސީ ޑްރައިވަރުން އައްޑޫގައި ކުރަމުންދާ އެއްޝަކުވާއަކީ މަގުތަކުގެ ވާހަކައެވެ. މަގުތައް ރަނގަޅު ފެންވަރަށް ހެދިފައި ނެތުމުން އުޅަނދަށް ލިބޭ ގެއްލުމުގެ ވާހަކަތަކެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން އެޝަކުވާ މިހާތަނަށް ބަލައިގަނެފައި ނެތެވެ. އެހެންކަމުން ޑްރައިވަރުން މިހާރު އަމަލުކުރަމުންދާ ގޮތަކީ ދުރު މަގުން ދުއްވަން ޖެހުނު ކަމުގައި ވިޔަސް ކިރިޔާވެސް ދުއްވާލެވޭ ވަރުގެ މަގުތައް ބޭނުންކުރުމެވެ. އެހެންނަމަވެސް މިގޮތަށްވެސް މާ ގިނަ ދުވަހަކު ތިބެވޭކަށް ނެތެވެ. މީޓަރ ޓެކްސީ ތަޢާރަފް ކުރުމުން ދިގުމަގުން ކުރާ ދަތުރަށް ދަތުރުވެރިންގެ ފާޑުކިޔުން އަންނާނެއެވެ. އެހެންކަމުން މިކަމަށްވެސް ހައްލެއް ނެތެވެ.
ޓެކްސީ ގަވައިދު އައުމާއި އެކު ޓެކްސީ ޑްރައިވަރުންގެ އެންމެ ބޮޑު އުންމީދަކަށް ވީ ޕްރައިވެޓް ޓްކްސީ ކުރާ ފަރާތްތަކުގެ އުނދަގުލުން ސަލާމަތް ވާނެކަމަށެވެ. ޕްރައިވެޓް ބޯޑްގައި، ޓެކްސީ ހުއްދަ ނުނަގާ ދަތުރު ކުރާ ފަރާތްތަކުގެ ވާހަކައެވެ. ފެރީ ޓާމިނަލް އާއި އެއަރޕޯޓް ޓާމިނަލް އިން ނުއަގުގައި ދަތުރު ކުރާ ފަރާތްތަކެވެ. އެފަރާތްތަކުން ގަވައިދާ ޚިލާފަށް ދަތުރު ނެގުމުން ރަޖިސްޓަރީ ޓެކްސީތަކަށް ދަތުރު ނުލިބެއެވެ. ނަމަވެސް މިކަން ބަލާފަރާތެއް، އަދި އެޝަކުވާ އަޑުއަހާނެ ފަރާތެއް ނެތެވެ. އެކި އެކި ފޯރަމްތަކުގައި ފުލުހުންނަށްވެސް އެކަން ހުށަހެޅިފައިވާކަމަށް އައްޑޫގެ ޓެކްސީ ޑްރައިވަރުން ބުނިނަމަވެސް މިއަދާއި ހަމައަށް އެދެވޭ ހައްލެއް ގެނެސްފައި ނުވެއެވެ. ޓާމިނަލްތަކުންވެސް ޓެކްސީ ޑްރައިވަރުންނަށް ޙާއްސަ ޖާގަތަކެއް ކަނޑައަޅާފައިވާނަމަ މިފަދަ ކަންކަން ހިނގުން މަދުވީހެވެ.
ޓެކްސީ ޑްރައިވަރުންނަކީ އެތަކެއް ޒިންމާތަކަކާއި އެކު އަބުރުވެރި ޚިދުމަތެއް ފޯރުކޮށްދޭ ބަޔަކަށް ވީނަމަވެސް ކަމާބެހޭ ފަރާތްތަކުން އެކަން ބަލައިނުގަނެއެވެ. ޑްރައިވަރުންގެ އާދޭހުގެ އަޑުތަކަށް ބީރުކަންފަތެއް ދިނުމަކީ އެތައް ރައްޔިތުންނަށް އޭގެ ތުރާ ފޯރަމުންދާ ކަމެކެވެ. ގަވައިދާ އެއްގޮތަށް ޓެކްސީ ޑްރައިވަރުން ޙިދުމަތުގައި ދެމިތިބި އިރުވެސް ހިތްދަތިކަން ލިބެނީވެސް ހަމަ އެފަރާތަށެވެ.
އައްޑޫގެ ޓެކްސީ ޑްރައިވަރުންގެ އާދޭހަކީ އެފަރާތްތަކުގެ އަޑު އަހާ އެޝަކުވާތަކަށް ކޮންމެވެސް ހައްލެއް ހޯދައި ދިނުމެވެ. ޓެކްސީގެ ޙިދުމަތަކީ އައްޑޫގެ އެތައް ބަޔަކު ބޭނުންކުރާ އަދި އެހާމެ ބޭނުންތެރި ޙިދުމަތެކެވެ.