މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރެއްވުމަށް ކަނޑައަޅުއްވާފައިވާ ވައުދުފުޅުތަކުގެ ތެރެގައި ހިމެނޭ، ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފަށައިފިއެވެ.
މިއަދު ހެނދުނު އަމީނިއްޔާ ސްކޫލްގައި ބޭއްވެވި ރަސްމިއްޔާތުގައި މި ޕްރޮގްރާމު ރަސްމީކޮށް ފަށްޓަވައި ދެއްވެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބްރައީސް ވިދާޅުވީ ރަނގަޅު ޖީލެއް ބިނާކުރުމަށްޓަކައި ތައުލީމީ ދާއިރާ ހަރުދަނާ ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑު އަހަންމިޔަތެއް ދެއްވާ ކަމުގައެވެ. މިގޮތުން، މީގެ ކުރީގައި ދިވެހި ސަރުކާރުން ނުކުރާވަރުގެ ހޭދައެއް މި ސަރުކާރުން ތަޢުލީމީ ދާއިރާއަށް ކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އިލްމު އުނގެނުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލައްވަވަމުން ފައިސަލް ވަނީ، މުދައްރިސުންގެ އަޑުއަހައި، މައިން ބަފައިންގެ ބަސްއަހައި، ފިލާވަޅުތަކަށް ޝައުޤުވެރިން ބަހައްޓައި، ފަސްވަގުތު ނަމާދުކޮށް ރަނގަޅު ނަތީޖާއެއް ހާސިލުކުރާ ކުދިންތަކަކަށް ވުމަށް ހުރިހާ ދަރިވަރުންނަށް ނަޞޭހަތްތެރިވެވަޑައިގެންފައެވެ.
ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން އަމީނިއްޔާ ސްކުލްގެ ދަރިވަރުންނާއެކު ނައިބް ރައީސް ވަނީ ހެނދުނުގެ ނާސްތާގައި ބައިވެރިވެވަޑައިގެންފައެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފަށޭއިރު ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފުރަތަމަ ފެށުމަށް ނިންމާފައިވަނީ 25 ސްކޫލެއްގަ އެވެ. އޭގެ ތެރޭގައި ދަރިވަރުންގެ އާބާދީ މަދު ސްކޫލުތަކާއި މެދު ފަންވަރެއްގައި އާބާދީ ހިމެނޭ ސްކޫލުތަކާއި ދަރިވަރުން ގިނަ ސްކޫލުތައް ހިމެނެ އެވެ. އެ ޕްރޮގްރާމް ފެށުމަށް މާލެ ސަރަހައްދުން ފަސް ސްކޫލަކާއި ކޮންމެ އަތޮޅަކުން އެއް ސްކޫލު ވަނީ ހަމަޖައްސައިފަ އެވެ.
ޔުނިސެފްގެ އެހީއާ އެކު މިނިސްޓްރީން ވަނީ ނާސްތާއަށް 10 މެނޫއެއް ވެސް ތައްޔާރުކޮށްފަ އެވެ. އޭގެ ތެރޭގައި ރޮއްޓާއި ބިސްގަނޑާއި ކިރާއި ތަރުކާރީ މަސްހުންޏާއި ބަރަބޯ މަސްހުންޏާއި ސޭންޑްވިޗް ފަދަ ތަކެތި ހިމެނެ އެވެ. ދަރިވަރުންނަށް ކޮންމެ ދުވަހަކު ވެސް އޭގެ ތެރެއިން ތިން މެނޫއެއް އޮންނާނެ އެވެ.
ނާސްތާ ދޭން ފަށާ 25 ސްކޫލުގެ ޖުމުލަ އާބާދީ އަކީ 14،720 އެވެ. އޭގެ ތެރެއިން ވެސް ނާސްތާ ދޭން ހަމަޖައްސާފައިވަނީ ހެނދުނުގެ ދަންފަޅީގައި ކިޔަވާ ދަރިވަރުންނަށް އެކަންޏެވެ. އެ ދަރިވަރުންނަށް ނާސްތާ ދޭނީ ކިޔެވުން ފެށުމުގެ ކުރިން ކްލާސްރޫމުގަ އެވެ.
ސްކޫލް ކުދިންނަށް ނާސްތާ ދިނުމަށް ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.