English Edition
Dhivehi Edition

73،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ތައުލީމީ އާ އަހަރުގެ ކިޔެވުން މިއަދު މުޅި ރާއްޖޭގައި ފަށައިފި އެވެ.

ތަފާތު ގިނަ އާ ކަންތައްތަކާއި އާ އުއްމީދު ތަކަކާ އެކު ދިރާސީ އާ އަހަރު މިއަދު ފެށިގެން ދިޔައިރު ހުރިހާ ސްކޫލެއްގައި މުދައްރިސުން ހަމަވެ ބޭނުންވާ ސާމާނު ހަމަކުރެވިފައިވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ،ދިރާސީ އާ އަހަރާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިމަހުގެ 10 ވަނަ ދުވަހު ވިދާޅުވެފައިވަނީ ރާއްޖޭގެ 213 ސްކޫލަކަށް ބޭނުންވާ ވަސީލަތްތަކާއި ޓީޗަރުން ހަމަވެފައިވާ ކަމަށެވެ.

ސަރުކާރުން ދަރިވަރުންނަށް ހިލޭ ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ވެސް މިއަދު ބައެއް ސްކޫލްތަކުގައި ވަނީ އިފްތިތާހުކޮށްފަ އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ހެނދުނުގެ ނާސްތާ ޕްރޮގްރާމް ފުރަތަމަ ފެށުމަން ނިންމާފައިވަނީ 25 ސްކޫލެއްގަ އެވެ. އޭގެ ތެރޭގައި ދަރިވަރުންގެ އާބާދީ މަދު ސްކޫލުތަކާއި މެދު ފަންވަރެއްގައި އާބާދީ ހިމެނޭ ސްކޫލުތަކާއި ދަރިވަރުން ގިނަ ސްކޫލުތައް ހިމެނެ އެވެ. އެ ޕްރޮގްރާމް ފެށުމަށް މާލެ ސަރަހައްދުން ފަސް ސްކޫލަކާއި ކޮންމެ އަތޮޅަކުން އެއް ސްކޫލު ވަނީ ހަމަޖައްސައިފަ އެވެ.

އާ އަހަރުގެ ކިޔެވުން ފެށިގެން ދިޔައިރު އެޑިޔުކޭޝަން މިނިސްޓްރީ އާއެކު ކިޔަވާ ދަރިވަރުންގެ ބެލެނިވެރިންނާއި ސްކޫލްތަކުން ވެސް ތިބީ އާ އުއްމީދެއްގައެވެ. ވޭތުވެި ދިޔަ އަހަރަށް ވުރެ ކާމިޔާބު އަހަރަކަށް މިއަހަރުވެގެންދާނެ ކަމަށް ހުރިހާ އެންމެންވެސް އުއްމީދު ކުރެއެވެ. ރާއްޖޭގެ ގައުމީ މަންހަޖުގައި ކަނޑައަޅާފައިވާ އަސާސްތައް ކުދިންނަށް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ކޮންމެ ސްކޫލަކުން ވެސް ތިބީ ތައްޔާރުވެގެންނެވެ.