English Edition
Dhivehi Edition

ދުނިޔޭގެ އެންމެ މޮޅު ފޯނުތަކުގެ ތެރެއިން އެޕަލް ކުންފުނިން އުފައްދާ ބާޒާރަށް ނެރޭ އެޕަލް އައިފޯނަކީ އޭގެ ޑިމާންޑް އެހާ ހައި އަދި ގިނަ ބައެއް ގަޔާވާ ފޯނަކަށް ވަނީ ވެފައެވެ.އައިފޯނެއްގެ އަގު އެހާ މަތީގައި ހުންނައިރުވެސް އައިފޯން ގެންގުޅޭ މީހުން މަދެއް ނޫނެވެ.ޗަައިނާގެ ފިރިހެން ކުއްޖަކު ވަނީ އޭނާގެ އެއް ކިޑުނީ ވިއްކާލާ އައިފޯނެއް ގަނެފައެވެ.

ޗައިނާގެ މީޑިޔާއެއް ކަމަށްވާ އޮރިއެންޓެޑް ޑެއިލީގައިވާގޮތުން ޒިއާއޯ ވަންގް 24 އަހަރު އޭނާގެ އެއް ކިޑުނީ ވިއްކާލީ އޭނާގެ އުމުރުން 17 އަހަރުގައެވެ. އަދި އެ ކިޑުނީ ވިއްކާލައި އޭނާ ގަތީ އައިފޯން 4 ކެވެ. މީޑިޔާ ރިޕޯޓް ބުނާގޮތުން ވަންގް އޭނާގެ ކިޑުނީ ވިއްކާލީ 22 ހާސް ޔުއާން,3200$ އެމެރިކާ ޑޮލަރަށެވެ.އެއީ ރާއްޖޭގެ ބައިލައްކައެއްހާ ރުފިޔާއެވެ.

ވަންގުގެ އޮޕެރޭޝަން ކުރެވުނީ ބިމު އަޑީގައި ހަދާފައިވާ ހޮސްޕިޓަލަކުންނެވެ.އެ ހޮސްޕިޓަލުން އޮޕެރޭޝަނަށްފަހު ބުނީ ހަފްތާއެއްހާ ދުވަހުން މުޅިން ރަނގަޅުވާނޭ ކަމަށެވެ.ނަމަވެސް ހަފްތާއަކުންވެސް ވަންގް ރަނގަޅު ވެފައެއް ނުވެއެވެ. ވަންގުގެ އޮޕެރޭޝަންކުރެވުނު ހޮސްޕިޓަލަކީ އެހާ ސާފުތާހިރު ތަނަކަށް ނުވުމުން ވަންގްގެ ހަށިގަނޑުގައި ހުރި ފާރުގަނޑު ނުހިކި އިންފެކްޓް ވާން ފެށިއެވެ.

މިކަމުގެ ސަބަބުން ވަންގުގެ ސިއްޙަތު އިތުރަށް ގޯސްވެ އިތުރު ފަރުވާ ކުރަން ޖެހުނެވެ.އަދި އާއިލާޔަށް ނޭގި ވަންގް ކުރި މި ސިއްރު އޮޕަރޭޝަނުގެ ސަބަބުން އޭނާގެ މުޅި ދިރިއުޅުން ހަލާކުވެ އުމުރު ދުވަހަށް އެނދުގައި ތަންމަތިވެފައި އޮންނަން ޖެހުނީއެވެ.