އަބަދުވެސް ދައްކާ ވާހަކައަކީ މުޖްތަމައުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމުގެ ވާހަކައެވެ. ފިރިހެނުންނަށް ލިބިދޭ ހައްގުތަކާއި އެއްވަރު ހައްގުތަކެއް އަންހެނުންނަށްވެސް ލިބިދޭންޖެހޭ ނުވަތަ ލިބިފައިވާ ކަމުގެ ވާހަކައެވެ. ދަރިން ތަރުބިއްޔަތު ކުރުމުން ފެށިގެން ގާނޫން ހަދާ މަޖީލީހުގެ މަގާމުތަކުގައިވެސް އަންހެނުންގެ ހިއްސާ ބޮޑު ވާހަކައެވެ. ހުރިހާ ދާއިރާއެއްގައިވެސް ކަންކަން ކުރުމުގެ މަގު ފަހިކުރުމުގެ ފުރުސަތު ތައް އަންހެނުންނަށް ހޯދައިދޭންޖެހޭ ވާހަކައެވެ
ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުން ގައުމު ކުރިއަރާދާއިރު، ގައުމު އާރަސްތުކޮށް ތަރައްޤީކުރުމުގައި އަންހެނުންގެ ހިއްސާ ވަރަށްވެސް ބޮޑެވެެ. މި ގޮތުން ގާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު)ގެ 35 ވަނަ މާއްދާ އާއި 57 ވަނަ މާއްދާގެ ދަށުން ކޮންމެ ރަށު ކައުންސިލެއްގެ ބެލުމުގެ ދަށުގައި ‘އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ އަންހެނުންގެ ކޮމިޓީ’އެއް އޮތުންވަނީ ލާޒިމްކޮށްފައެވެ.މި ކޮމެޓީގެ މަގްސަދަކީ ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލްތަކުގައި ހިމެނޭ އަވަށްތަކުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކަށް ލަފަ އާއި މަޝްވަރާ ދިނުމާއި، އަންހެނުންގެ ތަރައްގީއަށާއި ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުމެވެ.
އަންހުނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް ލިބިފައިވާ ބާރުތަކާއި މަސްއޫލިއްޔަތަކީ، ރަށް ނުވަތަ ސިޓީގެ ތަރައްގީގެ ކަންކަމުގަ އާއި ކައުންސިލުން ދެމުންދާ ރަށްވެހިކަމުގެ ހިދުމަތްތަކާއި ބެހޭގޮތުން ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ލަފާދިނުމާއި ކޮމިޓީގެ ނަމުގައި މުދާ މިލްކުކުރުމާއި ކޮމިޓީގެ ނަމުގައި އެކިއެކި ވިޔަފާރި މުއާމަލާތުކުރުމާއި،ކޮމިޓީގެ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމާއި، އާމްދަނީ ހޯދުމަށާއި އަންހެނުންގެ ތަރައްގީއަށްޓަކައި އެކިއެކި ހަރަކާތްތައް ހިންގުމެވެ.މީގެ އިތުރުން އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާއި، އަންހެނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމާއި، ސިޔާސީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުމާއި މަތީ ތައުލީމު ހާސިލުކުރާ އަންހެނުންގެ އަދަދު އިތުރުކުރުމަށް މަސައްކަތްކުރުމާއި، އަންހެނުންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރުމާއި އަދި ކޮމިޓީގެ މާލިއްޔަތުގައިވާ މުދަލާއި ފައިސާ ބެލެހެއްޓުމެވެ.
މި ކޮމަޓީގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ވަރަށްވެސް ފުރިހަމަވެފައި ގިނައެވެ. އެހެންނަމަވެސް މި ކޮމަޓީއިން ކުރަމުންދާ މި ބުރަ މަސައްކަތުގެ އަގު އެންމެ އެކަށީގެންވާ ގޮތެއްގައި އަދާކުރެވޭތޯއެވެ . ހިތާމައާއި އެކު ދަންނަވަންޖެހޭނީ މި ފަދަ ގިނަ މަސްއޫލިއްޔަތުތަކާއި ބާރުތައް ލިބިގެންވާ އަންހެނުންގެ ހައްގަށް މަސައްކަތްކުރާ ކޮމަޓީއަށް ލިބެންވާ ފުރިހަމަ ހައްގު ‘އެ ކޮމަޓީ’އަށް ނުލިބޭވާހަކައެވެ. ރައްޔަތުންގެ ވޯޓަކުން ހޮވި ރައްޔަތުންނަށް ހިދުމަތްކުރުމަށް ހިތްވަރާއެކު ތިބި މި ކޮމަޓީގެ މެމްބަރުންގެ ހައްގުތައް ގެއްލިފައިވުމަކީ ކޮމަޓީތައް ރަގަޅަށް ހިންގައި ކުރިއަށް ދިއުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެއްކަން ޔަގީނެވެ.
ކޮމިޓީގެ ޖަލްސާއަށް ހާޒިރުވާ ކޮންމެ މެންބަރަކަށް ކައުންސިލާއި ކޮމިޓީ އެއްބަސްވާ ގޮތެއްގެ މަތިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މަޝްވަރާއާއި އެކު އެލަވަންސެއް ހަމަޖެއްސިދިނުމަށް ކަނޑައަޅާފައިވާއިރ ުމި އެލަވަންސް ލިބޭނީ ގިނަވެގެން މަހަކު 4 (ހަތަރެއް) ޖަލްސާއަށް ހާޒުރުވުމުންނެވެ.އެއަށް ވުރެ އިތުރަށް ޖަލްސާ ބޭއްވި ނަމަވެސް އެލަވަންސެއް ނުދެވޭނެކަމަށް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގަވާއިދުގައިވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްފައެވެ.
އެހެންކަމުން ރައްޔަތުންގެ ހިދުމަތްކުރުމަށް ރައްޔަތުންގެ ހައްޤުގައި ނިކުމެތިބި ރައްޔަތުންގެ ހާދިމުންގެ ހައްޤު މިވަނީ ގެއްލިފައިކަން ޝައްކެއްވެސް ނެތެވެ. ތިން އަހަރު ދުވަސްވަންދެން އެ ކޮމަޓީއިން ކުރާ ބުރަ މަސައްކަތް ހަމައެކަނި ދައުރު ނިންމާލާއިރު ދެވޭ ހަނދާނީ ލިޔުމަކުން ފުއްދާލެވޭކަށް ނެތެވެ. އަންހެނުންގެ ހައްޤުގެ ވާހަކަތައް ދައްކާއިރު އެ ހައްޤު ހޯދައިދިނުމަށް އިސް ސަފުގައި ނިކުމެތިބި މެމްބަރުންގެ ހައްޤު ހޯދައިދިނުމަށް ކައުންސިލްތަކާއި،ރައްޔަތުންގެ މަޖިލީސް އަދި ރައީސުލްޖުމްހޫރިއްޔާވެސް މަސައްކަތްކުރަންޖެހެވެ.އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީގެ ގަވާއިދު އިސްލާހުކުރުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިފައިވީ ހިދު މި ކޮމަޓީގެ މެމްބަރުންކުރާ މަސައްކަތާއި އެކަށީގެންވާ އުޖޫރައެއް ކަނޑައަޅަންޖެހެއެވެ. ރައްޔަތުންގެ މަޖިލީހުގެ މެމްބަރުންނާއި، ސިޓީ ކައުންސިލްގެ މެމްބަރުންނަކީ ރައްޔަތުންގެ ވޯޓުން ހޮވިފައިވާ މެމްބަރުންނަށްވީ ހިދު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީއަކީވެސް ރައްޔަތުންގެ ވޯޓުން ހޮވިފައިވާ ކޮމަޓީތަކެވެ.ެ މަޖިލީހުގެ މެމްބަރުންނާއި، ކައުންސިލްގެ މެމްބަރުންނަށް ކަނޑައެޅިފައިވާ ‘މުސާރަ’އެއް ހަމަޖެހިފައިވާ އިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީއަށް ގާނޫންގައި ކަނޑައެޅިފައިވާ މުސާރައެއް ދޭގޮތަށް ހަމަޖެހިފައި ނެތުމަކީ ވަރަށްވެސް ބޮޑު ބޭއިންސާފެކެވެ.އަންހެނުންގެ ހަމަހަމަކަމާއި ހައްޤުތަކަށް ވަކާލާތުކުރަމުންދާއިރު އެންމެ ފުރަތަމަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމަޓީއަށް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދޭންޖެހޭ ކަން ޔަގީނެވެ.
‘އަންހެނުންގެ ކޮމަޓީއަކީ ހެދިކާ ކޮމަޓީއެއްގެ’ ގޮތުގައި މަޝްހޫރުވެފައިވަނީ އެމީހުންނަށް ލިބިދޭންޖެހޭ ހައްގުތައް އުނިވެ، އެ ކޮމަޓީއަކީ މާ މުހިއްމު ކޮމަޓީއެއްގެ ގޮތުގައި ނުދެކޭތީ ކަމަށްވެސް ވެދާނެއެވެ. އެހެންކަމުން މިއީ އަޅުގަނޑުމެން އެންމެންވެސް ވަރަށް ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. އަންހެނުންގެ ކޮމަޓީއިން އަންހެނުންގެ ހައްޤުގައި އުފުލަމުންދަނީ ވަރަށް ބޮޑު ބުރަ މަސްއޫލިއްޔަތެކެވެ. އަންހެނުންގެ ހައްގުތައް ހޯދައިދިނުމަށްކުރަމުންދަނީ ވަރަށްވެސް ބުރަ މަސައްކަތެކެވެ. އެހެންކަމުން މި ކޮމަޓީން ކުރާ މަސައްކަތުގެ އަގަކީ ކޮންމެ ޖަލްސާއަކަށް ދޭ 100 ރުފިޔާ ނުވަތަ ދައުރު ނިމުމުންދޭ ލިޔުމަކަށް ހަދައިގެން ދޫކޮށްލެވޭކަށް ނެތެވެ. ހައްޤުތަކަށް ވަކާލާތުކުރާ މީހުން މި ކޮމަޓީއަށްވެސް ހައްޤުވާ މިންވަރު ހޯދައިދޭންޖެހެއެވެ. ހަމައެއާއެކު މި ކޮމަޓީއިންވެސް ހައްޤުތައް ހޯދުމަށް ވަކާލާތުކޮށް ނިކުންނަންޖެހެއެވެ.