English Edition
Dhivehi Edition

ދިވެހި ރައްޔިތުންނަށް ރައްޔިތުން ބޭނުންވާފަދަ ހެޔޮވެރިކަމެއް ގެނެސްދެއްވައި އިގްތިޞާދު ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވައުދު ތަކުގެ ތެރެއިން ފުރަތަމަ 100 ދުވަހުގެ ވައުދުތައް ފުއްދުމުގައި ފާހަގަކުރެވޭ ވަރުގެ ކާމިޔާބީތަކެއް ހާސިލް ކުރެވިއްޖެ ކަމަށް ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

އެގޮތުން ސަރުކާރުގެ 30 މަސައްކަތުދުވަސް މިހިނގާ ޖަނަވަރީ މަހުގެ ނިޔަލަށް މި މުއްދަތުގައި ކުރައްވަން ނިންމާފައިވާ67 ކަމެއްގެ ތެރެއިން 56 ކަމެއްވަނީ ނިމފައެވެ. ނުވަތަ 30 ދުވަހުގެ ވައުދު ތަކުން 84 އިންސައްތަ ފުރިހަމަ ކުރައްވާފައި ވާކަން ސަރުކާރުން ފާހަގަ ކުރައްވައެވެ.

ސަރުކާރުން ހާމަކުރައްވާ ގޮތުގައި، ފުރިހަމަ ކުރެވިފައިވާ 84 އިންސައްތަ މަސައްކަތުގެ ތެރޭގައި 19 ދާއިރާ އަކާ ގުޅޭ މުހިންމު އެކިއެކި ކަންކަން ހިމެނިފައި ވެއެވެ. މީގެ ތެރޭގައިމަތީ ތަޢުލީމާއި، ކޮރަޕްޝަން ނައްތާލުމާއި، ސިއްހީ ދާއިރާއާއި، ދަތުރުފަތުރާއި، ޑިމޮކްރެސީ އާއި އިންސާނީ ޙައްޤުތަކާ ގުޅޭ ކަންކަން ހިމެނެއެވެ.

ސަރުކާރުގެ 30 ދުވަހުގެ ވައުދުތަކުން އެންމެ ބޮޑަށް ފާހަނގަ ކޮށްލެވޭ އެއްކަމެއްގެ ގޮތުގައި މިނިވަން ނޫސްވެރިކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭގޮތަށް މީގެ ކުރިން ފާސްކޮށްފައިވާ “އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލް”، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި ރައީސުލްޖުމްހޫރިއްޔާ އެބިލް ތަޞްދީޤު ކުރައްވާފައިވެއެވެ.

ތަންފީޒީ އިދާރާތަކުން، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ހިނގާފައިވާ ހަގީގަތް ނޭނގޭ މަރުތަކާއި މީހުން ގެއްލުވައިލުމުގެ ހާދިސާތަކުގެ މިނިވަން ތަހުގީގެއް ހިންގުމަށްޓަކައި، “މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަން” ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވައި ދެއްވާފައިވެއެވެ.

ޒުވާނުންނާއި ގުޅުންހުރި ދާއިރާ އަށްބަލާއިރު ރާއްޖޭގައި ހިންގާ މަތީ ތައުލީމުގެ ހުރިހާ މަރުކަޒުތަކަކުން ބެޗެލާސް ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ތަނަވަސްކޮށްދެއްވުމަށް ވެފައިވާ ވައުދުވަނީ ފުއްދަވައިފައެވެ. އަދި އެހެންމެ ރާއްޖެއިން ބޭރުގައި ކިޔަވަން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން މަތީ ތައުލީމުގެ ލޯނުގެ އިންޓްރެސްޓް 3 އިންސައްތައަށް ކުޑަކޮށް، ލޯން އަނބުރާ ދެއްކުމަށް ހަމަޖައްސަވާފައިވާ މުއްދަތު 25 އިންސައްތައަށް ވަނީ އިތުރު ކޮށްދެއްވައިފައެވެ. އަދި މަތީ ސާނަވީ އިމްތިހާން ތަކުގައި އެންމެރަނަގޅު ނަތީޖާ ހާސިލް ކުރާ ކުދިންގެ ސްކޮލަޝިޕް، އޯ.އީ.ސީ.ޑީ. ޤައުމުތަކުގެ އުނިވަރސިޓީތަކުން ހޯދޭނެ މަގު ވަނީ ފަހިކޮށްދެއްވައިފައ ވެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއިން ކޮމަންވެލްތުގައި އަލުން ބައިވެރިވުމަށް ރަސްމީކޮށް ހުށަހެޅުއްވުމާއި، ލާމަރުކަޒީ ޤާނޫނުގެ ދަށުން ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކުގެ ތެރެއިން މީގެ ކުރިން ސަރުކާރަށް ނަންގަވާފައިވާ ބާރުތައް އަލުން އަނބުރާ ސިޓީ ކައުންސިލްތަކަށް ދިނުން ވެސް 100ހިމެނެއެވެ

ތިމާވެށީގެ ދާއިރާ އަށް ބަލައިލާނަމަ ހއ. ބާރަށާއި، ހއ. ނޭކުރެންދޫގައި ހިމާޔަތްކުރެވިފައިވާ ސަރަހައްދުތަކެއް ކަނޑައެޅުއްވުމާއި، ހއ. ކޭލަކުނަކީ ހިމާޔަތްކުރެވިފައިވާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުން ހިމެނެއެވެ. އަދި ސިއްހީ ދާއިރާއިން އާސަންދައިގެ ތެރޭގައި ތަފާތު ތެރަޕީ ފަރުވާތައް ހިމެނުމާއި، އައި.ޑީ. ކާޑު މުއްދަތު ހަމަވެފައިވީ ނަމަވެސް އާސަންދައިގެ ޚިދުމަތް ހޯދުމަށް މަގުފަހި ކޮށްދެއްވާފައިވެއެވެ.

މިކުރު މުއްދަތުތެރޭގައި ސަރުކާރުން ބޮޑުބައެއް ހާސިލް ކުރެވިފައިވާތީ ރައީސުލް ޖުމްހޫރިއްޔާ މިކާމިޔާބީ އާއިމެދު ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނާ ކަމުގައި ސަރުކާރުން ވިދާޅުވެއެވެ. އަދި މިހާތަނަށް ހާސިލް ކުރެވުނު ކަންކަމަކީ ސަރުކާރު އަމާޒަށް ވާސިލް ވުމަށް ލިބުނު އިތުރު ހިތްވަރެއްކަމަށް ރައީސްވިދާޅުވެއެވެ.

މީގެއިތުރުން އިގްތިޞާދާއި ގައުމީ ތަރައްޤީއާއި ސަރުކާރު ހިންގުމަށް ރައްޔިތުން ބައިވެރިކޮށްރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވައުދުވެފައިވާ ކަންކަން ފުރިހަމަ ކުރެއްވުމުގައި އިތުރު ބާރަކަށް މިހާސިލްކުރެވުނު ކާމިޔާބީ ވެފައިވާ ކަމަށް ރައިސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ފުރަތަމަ 100 މަސައްކަތު ދުވަސް 27 މާރިޗު 2019 ގައި ހަމަވާއިރު، 21 މިނިސްޓްރީއަކާ ގުޅޭ 161 ވައުދެއް ފުއްދެވުމަށް ސަރުކާރުން ވަނީ ކަނޑައަޅުއްވައިފައެވެ.