ޖަލުތަކުގައި ތިބޭ ގައިދީންނަށް އާއިލީ ބައްދަލު ވުމުގެ ވަގުތު އިތުރު ކޮށްދީފިއެވެ.
ޖަލުތަކުގެ ކަންތައްތަކަށް ގެނައި ބަދަލާއި ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރ ވިދާޅުވީ، ގައިދީންނަށް ލިބިދޭ އާއިލީ ބައްދަލުވުންތައް މިހާރު 2 ގަޑިއިރަށް އިތުރުކޮށްފައިވާކަމަށެވެ.
މީގެއިތުރުން ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބުދުﷲ ވިދާޅުވީ، ޖަލުތަކުގައި ތިބޭ ގައިދީންނަށް އެމީހުންގެ ވަކީލުންނާއި ބައްދަލު ވެވޭނޭ އިންތިޒާމްތައް ވެސް ވާނީ މިއަދުންފެށިގެން ފަހިކޮށްދީފައިކަމުގައެވެ. “ކުރިން ޖަލުތަކުގައި ތިބޭ މީހުންނަށް އެމީހުންގެ ވަކީލުންނާއި ބައްދަލު ކުރުމާއި، އާއިލީ ބައްދަލުވުންތައް ލިބުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ހުރި،މިގޮތުން ވޭތުވެ ދިޔަ ދުވަސްތަކުގައި ޖަލުތަކުގައި ތިބޭ ގައިދީންނަށް ވަކީލުންނާއި ބައްދަލު ކުރުން އޮތީ ވަރަށް ދަތި ގޮތަކަށް، އަދިހަމައެކަނި ކޯޓުގައި އަޑުއެހުމެއް ޝެޑިއުލް ކުރެވުމުން ނޫނީ ގައިދީންނާ ވަކީލުންގެ ބައްދަލުވުން ނުދޭތާ ދުވަސްތަކެއް ވެފައިވޭ” ހޯމްމިނިސްޓަރ ވިދާޅުވިއެވެ.
އެހެންކަމުން ޖަލުތަކުގައި ތިބޭ ގައިދީންނަށް އެމީހުންގެ ވަކީލުންނާއި ބައްދަލު ވެވޭނޭ އިންތިޒާމްތައް މިއަދުންފެށިގެން ފަހިކޮށްދީފައިވާނެ ކަމަށް ވެސް ހޯމްމިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ އައްޝައިޚް އިމާރްން އަބުދުﷲ ވިދާޅުވީ، ގައިދީންނަށް މީގެ ކުރިން އާއިލީ ބައްދަލުވުން ދެވެނީ މަހަކު އެއްފަހަރު 12 ގަޑިއިރު ނަމަވެސް މިހާރު އެބައްދަލުވުމުގެ ވަގުތު މަހަކު އެއްފަހަރު 24 ގަޑިއިރަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މައްސަލަ ވަކިގޮތަކަށް ނިމެންދެން ރިމާންޑް ޖަލުތަކުގައި ބަންދު ކުރެވޭ މީހުންނަށްވެސް އާއިލީ އެކަހެރި ބައްދަލުވުންތައް ދިނުމަށް ނިންމާފައިވާ އިރުއެފަދަ ގައިދީންނަށް އާއިލީ އެކަހެރި ބައްދަލުވުން ދޭނީ ރިމާންޑް ޖަލުގައި ހަތަރުމަސް ދުވަހަށްވުރެ ގިނަ ދުވަހު ބަންދުގައި ތިބެންޖެހޭ ޤައިދީންނަށް ކަމުގައިވެސް ޞައިޚް އިމްރާން ވިދާޅުވިއެވެ.
ޖަލުތަކުގައި ކަންކަން ހުރިގޮތް ބެލުމަށް އޮޑިޓެއް ހެދުމަށް ކޮމިޝަނެއް އެކުލަވާލާފައި ވެއެވެ. ދިވެހިރާއްޖޭގެ ޖަލުތަކުގެ ޙާލަތުގެ އިތުުރުން ޖަލުތަކުގައި ޤައިދީންނާއި ދޭތެރޭ އަމަލުކުރެވޭ ގޮތުގެ މައުލޫމާތު ހިއްސާކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވައިލާފައެވެ.