ޖަލުތަކުގައި ޙުކުމް ތަންފީޒުކުރަމުންދާ 105 މީހަކަށް ރައީސުލްޖުމްހޫރިއްޔާ އަދަބު ލުއިކޮށްދެއްވައިފިއެވެ.
ހޯމް މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގައިދީންނަށް އަދަބު ލުއިކޮށްދީފައި ވަނީ ކޮވިޑް-19ގެ ބިރު ދިވެހިރާއްޖެ އަށް އިންތިހާޔަށް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ޖަލުތަކުގައި ބަންދުކޮށްފައި ތިބި ގައިދީންނާއި ބަންދު މީހުންނާއި ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމާއި ގައިދީންނާއި ބަންދުމީހުންނާ ގުޅުންހުރި ކަންކަމުގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުންގެ ސިއްޙީ ރައްކާތެރިކަމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށެވެ.
މީގެ އިތުރުން މާޢާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރުގެ ދަށުން 105 މީހަކަށް އަދަބު ލުއިކޮށްދެއްވުމުގައި ރިޢާޔަތްކުރައްވާފައިވަނީ އެ ޤާނޫނުގައި ބަޔާންވެގެންވާ ހަމަތަކަށާއި، ޙުކުމް ތަންފީޒުކުރަމުންދާ މީހުން ރިހިބިލިޓޭޓްކޮށް އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ އެ ޕްރޮގްރާމްތަކުން ނެރެފައިވާ ނަތީޖާއަށާއި، ސިއްޙީ ކުއްލި ނުރައްކަލުގެ މިހާލަތުގައި، އަދަބު ލުއިކޮށްދެވުނު މީހުން ދިރިއުޅެން ހުރިތަންތަނުގެ ޙާލަތަށާއި، އެމީހުންގެ ފަރާތުން މުޖުތަމަޢަށް ނުރައްކާ އޮތް މިންވަރަށާއި އަދި އެ ފަރާތްތަކުން ކޮށްފައިވާ ކުށުގެ ބާވަތަށާއި ވަށައިގެންވާ އެހެން ކަންކަމަށް ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.
“އަދި ދަންނަވަމެވެ. ޤައިދީންނާއި ބަންދުމީހުން ހިމެނޭހެން ، ޖަލުތަކާ ގުޅުންހުރި އެންމެހާ ފަރާތްތަކުގެ ސިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޖަލުތަކުގެ އާބާދީ މަދުކޮށް ތޮއްޖެހުން ކުޑަކުރުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި ކަމާ ގުޅުންހުރި ފަންނީ މާހިރުން އަންނަނީ ލަފާދެމުންނެވެ.”، އެ ބަޔާނުގައި ވެއެވެ.
އަދި ސަރުކާރުގެ މި ފިޔަވަޅަކީ އަނިޔާކުރުމާއި ދަށުދަރަޖައިގެ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމާ ގުޅޭ އދގެ ސަބްކޮމިޓީ (SPT)އިން، އަނިޔާކުރުމާއި ދަށުދަރަޖައިގެ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމާ ގުޅޭ ބައިނަލްއަޤުވާމީ މުޢާހަދާގައި ބައިވެރިވެފައިވާ ގައުމުތަކަށް ކޮވިޑް-19 ގެ ޙާލަތާ ގުޅޭގޮތުން ދީފައިވާ ލަފަޔާއި، އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑް ކްރޮސް (ICRC) އިން ރާއްޖޭގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ކޮވިޑް-19 ގެ ޙާލަތާ ގުޅޭގޮތުން ދީފައިވާ އިރުޝާދާއި، މަސްތުވާތަކެއްޗާއި ރާވައިގެން ހިންގާ ބޮޑެތިކުށްތަކާ ބެހޭ އދގެ އޮފީސް (UNODC) އިން ނެރެފައިވާ ގައިޑްލައިނަށް ރިއާޔަތްކޮށްގެން އެޅިފިޔަވަޅެއް ކަމަށްވެސް ހޯމް މިނިސްޓްރީން ބުނެފައި ވެއެވެ.
ހޯމް މިނިސްޓްރީން ވަނީ މި ދަނޑިވަޅުގައި ކަމާ ގުޅުންހުރި ރަސްމީ އިދާރާތަކުގެ އިރުޝާދާށް ބޯލެނބުމަށާއި އެންމެންގެ ސަލާމަތަށްޓަކައި ސިއްޙީ މާހިރުންގެ އިރުޝާދާއެކު ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ފުރިހަމަޔަށް ތަބަޢަވުމަށްވެސް އިލްތިމާސްކޮށްފަ އެވެ.