English Edition
Dhivehi Edition
ހުޅުމާލެ ޖަލު - ފޮޓޯ: ރާއްޖެއެމްވީ

ހުޅުމާލޭ ޖަލުން ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ސަރވިސްގެ ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި އިމިގްރޭޝަން ޤާނޫނާ ޚިލާފުވެގެން ފުރުވާލެވެންދެން ބައިތިއްބާފައިވާ ބިދޭސީންގެ ތެރެއިން ފަސް ބިދޭސީއަކާއި، ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުންދިޔަ ޤައިދީއަކު ކޮވިޑް-19 ޕޮޒިޓިވްވެފައިވާކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ.

މީގެ އިތުރުން ކަރެކްޝަންސް އިން ބުނީ ހުޅުމާލޭ ޑިޓެންޝަން ސެންޓަރަށް އެ ވައިރަސް ވަދެފައިވާ ކަމަށް ބެލެވެނީ އަލަށް ގެނެވުނު ބިދޭސީންގެ ފަރާތުން ކަމަށެވެ. އަދި މިހާތަނަށް ޖުމްލަ 10 އޮފިސަރުންނާއި، 02 ނަރުހުންގެ އިތުރުން 19 ޑިޓެިނީންނާއި 91 ޤައިދީގެ ސާމްޕަލް ނެގިފައިވާ ކަމަށް އެ ސަރވިސް އިން ބުނެއެވެ.

ކަރެކްޝަންސް އިން ބުނީ މި ޙާލަތާ ގުޅިގެން އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެ ސަރވިސް އިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޖަލުތަކުގައި މެދުކެނޑުމެއްނެތި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.