English Edition
Dhivehi Edition

ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން އަފްޣާނިސްތާނުގެ ޖަލުތަކުގައި ތިބި ތާލިބާނުންގެ ގައިދީންގެ ތެރެއިން 98 މީހުން މިދިޔަ ހޮނިހިރު ދުވަހު ދޫކޮށްލާފައިވާކަމަށް އެގައުމުގެ ނޭޝަނަލް ޑައިރެކްޓޮރޭޓް އޮފް ސެކިއުރިޓީން ހާމަކޮށްފިއެވެ.

މިއީ އަފްޣާނިސްތާނުގެ ސަރުކާރާއެކު ތާލިބާނުން ސުލްހައިގެ ވާހަކަތައް ފެށިގެންދިއުމާއެކު މިދިޔަ މާރިޗް މަހުގެ 11 ވަނަ ދުވަހު އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީ ނެރުނު ހާއްސަ އަމުރެއްގެ ދަށުން ދޫކޮށްލެވުނު ގައިދީންނެވެ.

އެގޮތުން، ޖަލުން ދޫކޮށްލާނެ ތާލިބާނުންގެ ގައިދީން ކަނޑައެޅުމަށްޓަކައި އެ ފަރާތްތަކުގެ ސިއްޙީ ހާލަތާއި، އުމުރުގެ އިތުރުން ހުކުމުގެ ބާކީ އޮތް މުއްދަތު ހިމެނޭގޮތައް ގިނަ ކަންތައްތަކަށް ބަލާފައިވެއެވެ. އެހެންކަމުން، އަފްޣާނިސްތާނުގެ ޖަލުތަކުގައި ތިބި ތާލިބާނުންގެ ގައިދީން ދޫކޮށްލުމުގެ ފަހަތުގައި ވަނީ ސުލްހައިގެ ވާހަކަތައް އެކަނި ނޫން ކަމަށާއި، މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަން އެ ގައުމުގައި ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި ސިއްހީގޮތުން ދިމާވެދާނެ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މީގެއިތުރުން، މިދިޔަ މާރިޗް މަހުގެ ފަހުން މިހާތަނަށް އައިއިރު ތާލިބާނުންގެ 650 އެއްހާ ގައިދީން ދޫކޮށްލާފައިވާއިރު، އަދި އިތުރު 850 ގައިދީން ދޫކޮށްލާނެކަމަށް ވެސް އަފްޣާނިސްތާނުގެ ސަރުކާރުން ނެރުނު ބަޔާނެއްގައިވެއެވެ.

އަދި ތާލިބާނުންނާއެކު އަފްޣާނިސްތާނުގެ ސަރުކާރުން ފަށާފައިވާ ސުލްހައިގެ ވާހަކަތައް ހަލުވި ސްޕީޑެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހުއްޓުމެއްނެތި މަސައްކަތްކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.