English Edition
Dhivehi Edition
މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގާލާ -- ވަން ފޮޓޯ: މުހައްމަދު އައުޒަމް

.އިސްމާއިލް ހަމީދު، އާއްމުންގެ ނަމުންނަމަ (ހައިރައިޒް އިއްސޭ)އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މިހާރު ނަން މަޝްހޫރު ބްރޭންޑެކެވެ. މުޅި ރާއްޖޭގެ އިތުރުން ސައުތު އޭޝިއާގެ ގައުމުތަކުގައި އިއްސެގެ ނަން ވިދާލާފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ ކާމިޔާބު ކުރުމަށް ހިތްމަތާއެކު މަސައްކަތް ކުރާ ވަރުގަދަ ޝަޚުސެއްގެ ގޮތުގައެވެ. އިއްސެގެ މި މަސައްކަތުގެ އަގު ވަޒަންކޮށް މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ރިކޮގްނިޝަން ފޯ އައުޓްސްޓޭންޑިންގް ޕަފޯމަންސް އިން ޓްރެވަލް އިންޑަސްޓްރީގެ އެވޯޑުވެސް މިއަހަރު އިއްސެއަށް ވަނީ ދެއްވަވާފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިއްސެ ކުރައްވަވަމުންގެންދަވާ މަސައްކަތަށް ސާބަސް ދޭހައިވެއެވެ.

އިއްސެގެ އެންމެ ބޮޑު ކާމިޔާބީ އަކީ ރާއްޖޭގެ އިވެންޓް އޮގަނައިޒިން ކޮމްޕެނީ ހައިރައިޒެވެ. ހައިރައިޒަކީ އިއްސެއާއި އިއްސެގެ ޓީމުން ކުރަމުން އަންނަ މަސައްކަތްތަކުގެ ކާމިޔާބު އަންގައިދޭ ލޯގަނޑެވެ. ހައިރައިޒުން ވަނީ ތަފާތު އެކިފަހަރުމަތިން “ލިވިން އެކްސްޕޯ” ބާއްވާފައެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ އުނޫޝާގެ އަޑު ދުނިޔެއަށް ފޯރުކޮށް ދިނީ ހައިރައިޒުންނެވެ. މީގެ އިތުރުން ދިވެހި އާޓިސްޓުން ދުނިޔެ އަށް ނެރުމަށްޓަކައި “ސައުންޑްސް އޮފް މޯލްޑިވްސް” ގިނަ ޝޯތަކެއް އިއްސެގެ ޓީމުން ވަނީ ބާއްވާފައެވެ. މީގެ އިތުރުން ރާއްޖޭގައި “އެފްއެންބީ” ޝޯވް އެއް އިންތިޒާމު ކުރީވެސް އިއްސޭ އެވެ.

މިހުރިހާ ކަމަކާ އެކުވެސް އިއްސެ އެންމެ ފާހަގަކޮށްލެވެނީ ސަރަހައްދީ ޓޫރިޒަމްގެ އެންމެ ޝަރަފުވެރި އެވޯޑު، ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) އެވޯޑުންނެވެ. މިއީ އިއްސެއާއި އިއްސެގެ ޓީމުން ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ކޮށްދެއްވަވާ އަގުނުކުރެވޭފަދަ ބުރަ މަސައްކަތެކެވެ.

2018 ވަނަ އަހަރު އިންޑިއާގެ މުމްބާއީގައި ބޭއްވި ސައުތުއޭޝިއަން ޓްރެވަލް އެވޯޑުގެ 3 ވަނަ އެޑިޝަނާއެކު ހައިރައިޒުން ވަނީ މަޓާޓޯ އާއި ގުޅިގެން މިއަހަރުގެ އޮގަސްޓް މަހުގައި ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި “މޯލްޑިވްސް ޝޯކޭސް” ގެ ނަމުގައި ކާމިޔާބު އިވެންޓެއް ބާއްވައި ރާއްޖޭގެ ގިނަ ގެސްޓްހައުސްތަކާއި ރިސޯޓުތައް ޕްރޮމޯޓުކުރުމަށް އެހީތެރިވެދީފައެވެ. ހަމަ އެއާއެކު 2016 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކުރިއަށް ގެންދާ “ވެކޭޝަން އެކްސްޕޯ” މިއަހަރުވެސް ކާމިޔާބުކަމާއެކު ހައިރައިޒުން ވަނީ ބާއްވާފައެވެ. މީގެ ކޮންމެ އިވެންޓަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުމަށް ހުޅުވިގެންދާ އާ ދޮރުތަކެވެ. ގެސްޓްހައުސް ވިޔަފާރީގައި ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާ އިތުރު ހިތްވަރެކެވެ.

ރާއްޖޭގެ ދެވަނަ އަށް އޮތް އެންމެ އާބާދީ ބޮޑު އައްޑޫސިޓީގެ ޓޫރިޒަމް ޕްރޮމޯޓް ކޮށް ދިނުމަށް އިއްސެ ކޮށްދެއްވެވި މަސައްކަތްތަކަކީ އައްޑޫސިޓީގައި ފަތުރުވެރިކަން ކުރިއެރުވުމަށް މަސައްކަތް ކުރާ ހަމަ ކޮންމެ މީހަކުވެސް ގަބޫލު ކުރާނެ ހަގީގަތެކެވެ. ބޮޑެތި ގޮންޖެހުންތަކަކާ އެކުވެސް 2017 ވަނަ އަހަރުގެ ސަޓާ އެވޯޑު އައްޑޫގައި ބާއްވައިދިން ދިނުން ވެގެން ދިޔައީ މުޅި ދުނިޔެއަށް އައްޑޫސިޓީ ތައާރަފްވެ ދުނިޔޭގެ ނަން މަޝހޫރު ބްރޭންޑްތަކަކަށް އައްޑޫ ސިޓީ އެނގިގެން ދިޔަ ކަމަކަށެވެ! ވަކިން ޚާއްޞަކޮށް އައްޑޫގެ ރައްޔިތުން އަބަދުވެސް ދެކެމުން ދިޔަ “އިވެންޓް ޓޫރިޒަމް” ހަގީގަތަކަށް ވެގެން ދިޔަ ސަބަބަށް ސަޓާ އެވޯޑު ވާނެއެވެ.

ސަޓާ އެވޯޑު އައްޑޫގައި ކުރިއަށް ގެންދިޔައިރު އައްޑޫގެ މީޑިއާއެއްގެ ގޮތުގައި “އޭއޯނިއުސް” އިން ހައިރައިޒް ޓީމާއެކު ގާތުން މަސައްކަތް ކޮށްފައިވާނެއެވެ. ނަތީޖާއެއްގެ ގޮތުން އައްޑޫގައި މި އިވެންޓް ބޭއްވުމުގައި ހައިރައިޒް އަދި އިއްސެއަށް ކުރިމަތިވި ގޮންޖެހުންތަކާއި އަދި އެގޮންޖެހުންތަކުން އަރައިގަނެ ކާމިޔާބު ކަމާއެކު އައްޑޫގައި އިވެންޓް ބޭއްވުމަށް ކުރި މަސައްކަތްތައް ވަރަށް ރަނގަޅަށް އެނގި ހާމަވެގެން ދިޔައެވެ. އިއްސެއާއި ޓީމުގެ މަސައްކަތަށް ހާމަ ސާބަސް ދޭ ވަރުވެއެވެ.

ކައިމޫއިން އައްޑޫސިޓީގެ ގަމުގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖަކީ އައްޑޫގައި އެއާޕޯޓް ހޮޓަލެއްގެ ގޮތުގައި ހިންގަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ތަނެކެވެ. ސަޓާ އެވޯޑު އެތަނުގައި ބޭއްވުމަށް އިއްސެގެ ޓީމުން އައި ރިކުއެސްޓް، ތަނުގެ މެނޭޖަރ މުޙައްމަދު ވަހީދު ނެންގެވީ ވަރަށް ޕޮޒިޓިވް ކޮށެވެ. އެފަދަ ކަމަކަށް އީކުއޭޓަރ ވިލެޖް ތައްޔާރުވެފައި ނެތް ނަމަވެސް ވަހީދުގެ “ޕޮޒިޓިވް” ޖަވާބާއެކު އިއްސެގެ ޓީމުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ފޮންޏެވެ. އީކުއޭޓަރ ވިލެޖްގެ ޓީމާއި ހައިރައިޒުން މުޅި ދުނިޔެއަށް ހާމަކޮށްދިނީ އައްޑޫސިޓި އަކީ މިފަދަ އިވެންޓް ތަކަށް ފުރިހަމަ ތަނެއް ކަމަށެވެ.

އައްޑޫސިޓީއަކީ ފަތުރުވެރިނަށް ވަރަށް ރަނގަޅު މަންޒިލެއް ކަމަށާއި އަލަށް މި ތައާރަފްވި އައްޑޫއަށް އަދި އަލުން އާއިލާއާއި ރަޙްމަތްތެރިންނާއެކު ޗުއްޓީ ހޭދަކޮށްލަން އަންނަން ބޭނުން ކަމަށް އިވެންޓުގައި ބައިވެރިވި ގިނަ ބަޔަކު ބުންޏެވެ. މިއީ ހައިރައިޒުން އައްޑޫގެ ރައްޔިތުންނަށް ދިން އަގުނުކުރެވޭފަދަ އަގުބޮޑު ހަދިޔާއެކެވެ.

“ކާމިޔާބީ ހާސިލް ކުރުމަށްޓަކައި ޓީމު ވޯކް އަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް އަބަދުވެސް ގަބޫލު ކުރަނީ. އައްޑޫގައި ބޭއްވި އިވެންޓަށް ވެސް ވަރަށް ގިނަ ބައެއްގެ ސަޕޯޓް ލިބިގެން ދިޔަ. ވަކިން ޚާއްޞަކޮށް ކައިމޫ އަދި އީކުއޭޓަރ ވިލެޖްގެ މެނޭޖަރ ވަހީދު.. ހަމަ އެއާއެކު އައްޑޫސިޓީގެ ރައްޔިތުންގެ ސަޕޯޓް ވަރަށް ބޮޑަށް ފާހަގަކޮށްލަން” އިއްސެ ވިދާޅުވިއެވެ.

 

އިވެންޓް ހިންގާ ރޭވުމުގެ ރޮނގުން ޒުވާނުންނަށް ސަރުކާރުން ދެއްވަވާ ގައުމީ އިނާމު 2015 ވަނަ އަހަރު ލިބިލެއްވެވި އިއްސެގެ ކާމިޔާބުގެ ދަތުރުގައި ލިސްޓުގެ އެންމެ ކުރީގައި އަބަދުވެސް އޮންނަނީ އިއްސެގެ ލޯބިވާ އަނބިކަބަލުން ނިއުމާއެވެ. ކާމިޔާބު ކޮންމެ ފިރިހެނެއްގެ ފަހަތުގައި އަންހެނަކު ވާނެ ފަދައިން ނިއުމާއަކީ އިއްސެގެ ކޮންމެ މަސައްކަތެއްގައި ވެސް އެންމެ ހިތް ވަރުދޭ ބައިވެރިޔާ އެވެ. ނިއުމާއަށް ފަހު އިއްސެގެ ކާމިޔާބީގައި ދެން އަންނަނީ ހައިރައިޒް ގެ ޒުވާން ހުނަރުވެރި ޓީމެވެ!

އިއްސެ ގަބޫލު ކުރައްވަވާ ގޮތުގައި ކާމިޔާބަށް ވާސިލްވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ ކޮންމެ ކަމެއްގައި ވެސް އުންމީދާއެކު މަސައްކަތް ކުރުމެވެ.!

އިއްސެ އާއި އަދި އިއްސެގެ ޓީމުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެމެވެ!