English Edition
Dhivehi Edition

ރާއްޖޭގައި ހިނގާފައިވާ މީހުން މެރުމުގެ މައްސަލަތަކާއި މީހުން ގެއްލުވާލުމުގެ މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން ބަލަމުންދަނީ 24 މައްސަލައެއް ކަމަށާއި އެމައްސަލަތަކުގެ ތެރޭގައި ހިމެނޭ އަފްރާޝީމާއި ރިޟުވާނާއި ޔާމީނުގެ މައްސަލައިގެ އައު މައުލޫމާތު ލިބިފައިވާ ކަމުގައި، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބުނެފިއެވެ.

މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވީ ބަލަން ނިންމާފައިވާ މައްސަލަތަކުގައި ގޮތް ނިންމާނީ، އެކަމުގައި ބޭރުގެ ތަޖުރިބާ ކާރު ފަރާތްތަކުގެ އެހި ހޯދައިގެން ކަމަށެވެ. މިގޮތުން ބޭރުގެ ބައެއް ފަރާތްތަކުން އެހީތެރިވުމަށް ހުށައަޅާފައިވާ ކަމަށެވެ. އަދި ޕްރޮފެސަރ ހަސަން އުގައިލްގެ އެހީތެރިކަންވެސް ހޯއްދަވާނެ ކަމަށާއި އެމަސައްކަތް ޑރ އުގައިލް އާއި އެކު ޖެނުއަރީ މަހުގެ ތެރޭގައި ފެށިގެން ދާނެ ކަމަށެވެ.

ކޮމިޝަނުން ބަލަން މިހާތަނަށް ނިންމާފައިވާ މައްސަލަތަކުގެ ތެރޭގައި، ނޫސްވެރިޔާ އަހްމަދު ރިޟްވާން ވަގަށް ނެގި މައްސަލަ އާއި ޑރ. އަފްރާޝީމް އަލީ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އިތުރުން، ކުޑަކުދިންގެ ހިޔާގައި މަރުވި ކުއްޖަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މަރުވި މީހެއްގެ މައްސަލަ ވެސް ހިމެނެ އެވެ. އަދި ޖަލުގައި މަރުވެފައިވާ ބައެއް މީހުންނާއި މާރާމާރީތަކުގައި މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ވެސް ހިމެނެ އެވެ.
އަދި ބަނގުލަދޭޝްގައި މަރުވި ދިވެހި މޮޑެލް ރައުދާ އާތިފްގެ މައްސަލަވެސް ރައުދާގެ ބައްޕަ ހުށައަޅުއްވާފައިވާތީ އެމައްސަލަވެސް ހިމަނުއްވާފައި ވާކަމަށް ސުއޫދު ވިދާޅުވިއެވެ.

ސުއޫދު ވިދާޅުވީ ނޮވެމްބަރު 25 ގައި ކޮމިޝަންގެ މަސައްކަތް ފެށުމަށް ފަހު، ވަރަށް ހަލުވިކަމާ އެކު މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި އަންނަ އަހަރުގެ އޭޕްރީލް މަހު ކޮމިޝަންގެ މަސައްކަތް ނިންމާލެވޭނެކަމަށް ވެސް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، ބަލަން ނިންމާފައިވާ 24 މައްސަލައަކީ މިވަގުތައް ކަނޑައަޅާފައިވާ އަދަދު ކަމަށާއި މައްސަލަތަކުގެ އަދަދު އިތުރުވެ ގިނަވުން އެކަށީގެންވާ ކަމަށެވެ. އަދިވެސް އެކި މައްސަލަތައް ބަލައި ދިނުމަށް ހުށައެޅުމުގެ ފުރުޞަތުވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. .