މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) ގެ މޯލްޑިވްސް ޓްރެވަލް އެވޯޑްސް 2018 ގައި ލީޑިން އެއާޕޯޓް ހޮޓެލްގެ އެވޯޑު މިއަހަރުވެސް އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖުން ހޯދައިފިއެވެ،
ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ރޭ ބޭއްވި މަޓާޓޯ މޯލްޑިވްސް ޓްރެވަލް އެވާރޑްސް ގައި އީކުއޭޓަރ ވިލެޖުން މި އެވޯޑު ކާމިޔާބު ކުރީ އެ ކެޓަގަރީން ވާދަކުރި ޗަމްޕާ ސެންޓްރަލް ހޮޓެލް އާ ވާދަކޮށްގެންނެވެ. 2017 ވަނަ އަހަރުވެސް ލީޑިން އެއާޕޯޓް ހޮޓެލްގެ އެވޯޑު އީކުއޭޓަރ ވިލެޖުން ވަނީ ހޯދާފައެވެ. މިދިޔަ އަހަރު އީކުއޭޓަރ އިން މި އެވޯޑު ކާމިޔާބު ކުރީ ހުޅުލޭ އައިލެންޑް ހޮޓެލް އަދި ހޮޓެލް ޖެން ގެ އިތުރުން ދަ ސޮމަރސެޓް އާއި ދަ މެލްރޯސް ހޮޓެލް އާއި ވާދަކޮށްގެންނެވެ.
2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ މި އަހަރުގެ ގާލާ ބާއްވާފައިވަނީ ރޭ، ޕެރެޑައިސް އައިލެންޑް ރިސޯޓުގައެވެ. މި ހަފްލާގައި އީކުއޭޓަރ ވިލެޖުގެ އެވޯޑާ ހަވާލުވެފައިވަނީ އެ ހޮޓަލުގެ މެނޭޖަރ މުޙައްމަދު ވަޙީދެވެ.
ކައިމޫ ހޮޓެލްސް އިން އައްޑޫގައި ހިންގަމުން އަންނަ އީކުއޭޓަރ ވިލެޖުން 2 އަހަރު މަތިން މި އެވޯޑް ކާމިޔާބު ކޮށްފައިވާއިރު އީކުއޭޓަރ ވިލެޖު ފާހަގަކޮށްލެވެނީ އައްޑޫގައި ބާއްވާ ބޮޑެތި ގިނަ ރަސްމިއްޔާތުތައް އެތަނުގައި ބާއްވާ އަދި އާންމުންގެ ގިނަ ހަފްލާތައް ފަސޭހަ ކަމާއެކު ބާއްވާލެވޭ އާންމުންނާ ނުހަނު ގާތް ގުޅުމެއް ބާއްވާ ހޮޓަލެއްގެ ގޮތުގައެވެ. 2017 ވަނަ އަހަރުގެ ސައުތުއޭޝިއަން ޓްރެވަލް އެވޯޑް އީކުއޭޓަރ ވިލެޖުގައި ބާއްވާފައިވާއިރު މި ހަފްލާގައިވަނީ، ދެކުނު އޭޝިއާގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރައްވަވަމުން ގެންދަވާ މަސައްކަތުގެ އަގު ވަޒަންކޮށް އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުޙައްމަދު ވަހީދަށް ސަޓާގެ ފަރާތުން ޚާއްޞަ އެވޯޑެއްވެސް އަރުވާފައެވެ.
މެދުކެނޑުމެއް ނެތި މާޓާޓޯއިން ބާއްވަމުން އަންނަ މި އެވޯޑުގެ ގާލާގައި މުޅި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓް ތަކާއި، ހޮޓާ އަދި ސަފާރީތަކުގެ އިތުރުން ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ބޮޑެތި ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ.
އެގޮތުން ޕީޕަލްސް ކެޓަގަރީން ވަނީ ހަތަރު ބޭފުޅެއްގެ އަގު ވަޒަންކޮށް އެވޯޑް ދީފަ އެވެ. އެ ބޭފުޅުންނަކީ؛ ވަން އެންޑް އޮންލީ ރީތި ރަށުގެ އެއާޕޯޓް މެނޭޖަރު ހުސައިން ވަހީދު އާއި އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) އަދި ވިސްޓާ ކޮމްޕެނީގެ އެއް ވެރިޔާ އަލީ އަހްމަދު (އަލިބެ)ގެ އިތުރުން ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީގެ ސީއީއޯ މާކް ހޭހާއެވެ.