އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ އިސްތިއުފާ ދިނިމަށް މޯލްޑިވްސް ޓުއަރިޒަމް އެންޑް ޓުއަރ އޮޕަރޭޓާސް، (މަޓާޓޯއިން) ގޮވާލައިފިއެވެ.
މަޓާޓޯއިން މިގޮތަށް ގޮވާލާފައިވަނީ ޑޮލަރު ތާށިކަން އިންތިހާއަށް ގޯސްވެގެން ދިއުމުގެ ޒިންމާ، ރެގިއުލޭޓޮރީ އޮތޯރިޓީއެއްގެ ހައިސިއްޔަތުން އެމްއެމްއޭއިން އުފަލަން ޖެހޭނެކަމަށް މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ދުނިޔޭގެ ބޮޑު ދެ އިގުތިސާދު ކަމަށްވާ ޖަޕާނާއި އިނގިރޭސިވިލާތް ރިސެޝަނަކަށް ދިޔަކަން ފާހަގަކޮށް އެ އެސޯސިއޭޝަނުގެ ބަޔާނުގައި ބުނީ، ބޮޑެތި ގައުމުތަކުން ވެސް މާލީ ގޮންޖެހުންތަކާ ކުރިމަތިލާއިރު ދިވެހިރާއްޖެއިން ހަރުދަނާ ފިސްކަލް ސިޔާސަތުތަކެއް ތަންފީޒުކުރުން ކޮންމެހެން ބޭނުންތެރި ކަމަށެވެ.
މަޓާޓޯއިން ބުނީ ޑޮލަރުގެ މައްސަލަ އިންތިހާއަށް ބޮޑުވެ، އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދީ ހަމަޖެހުމަށް އިންތިހާއަށް ނުރައްކާވެފައިވާ ކަމަށެވެ.
“ރާއްޖޭގެ ޑޮލަރުގެ މައްސަލަ އިތުރަށް ގޯސްވާ މައިގަނޑު އެއް ސަބަބަކީ ލޯކަލް ބޭންކުތަކުގެ ތެރޭގައި ހުރި ބޭރު ފައިސާގެ ދަތިކަމާއި ލިކުއިޑިޓީގެ މައްސަލަތައް. އަދި ލޯކަލް ވިޔަފާރިތަކަށް ލޯނު ދިނުމަށް އިސްކަން ދިނުމުގެ ބަދަލުގައި ބޭންކުތަކުން ބޮންޑަށް ފައިސާ ރީޑައިރެކްޓްކޮށް، ބާޒާރުގައި ޑޮލަރު ލިބުން އިތުރަށް ހަރުކަށިކޮށްފައިވޭ. މީގެއިތުރުން ވަސީލަތްތައް ރަގަޅަށް ބޭނުން ނުކުރުމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމަށް ވަރަށް ބޮޑަށް ވަނީ ހުރަސް އެޅިފަ,” -މަޓާޓޯ-
މަޓާޓޯއިން ބުނީ ޑޮލަރު ލިބުމަށް ދިމާވާ އަނެއް ބޮޑު ގޮންޖެހުމަކީ ފާއިތުވި އަހަރުތަކުގައި ދިވެހި ސަރުކާރުން ދެމެހެއްޓެނިވި ނޫންގޮތުގައި ހަރަދުކުރުމާއި ދަރަނި ނެގުމުގެ އާދަތައްކަމަށެވެ.
“ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުމާއި ތަނަވަސްކަން ދެމެހެއްޓުމަށްޓަކައި، މި ގޮންޖެހުންތަކުން އަރައިގަނެ، ވިސްނުންތެރި ފިސްކަލް ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި، ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަކީ ވަރަށް މުހިންމު,”
މި ކަންބޮޑުވުންތަކާ ގުޅިގެން މަޓާޓޯއިން ވަނީ ޑޮލަރުގެ ދަތިކަން ހައްލުކުރުމަށް އަވަސް އަދި ނިންމަންޖެހޭ ފިޔަވަޅެއް އެޅުމަށް ދިވެހި ސަރުކާރަށް ގޮވާލާފައެވެ.
“ލޯކަލް ބޭންކްތަކުގެ ތެރޭގައިހުރި ލިކުއިޑިޓީގެ މައްސަލަތައް ހައްލުކުރުމަށާއި، ލޯކަލް ވިޔަފާރިތަކަށް ލޯނު ދިނުން ޕްރޮމޯޓްކުރުމަށާއި، ގަވާއިދާ ހިލާފަށް ފައިސާގެ ވިޔަފާރީގެ ހަރަކާތްތައް ހުއްޓުވުމަށް މިހާރުން މިހާރަށް އަޅާންޖެހޭ ފިޔަވަޅުތަކެއް އެބަހުރި,”
މަޓާޓޯއިން ބުނީ، ޑޮލަރުގެ މައްސަލަ ބޮއްސުންލައިގެން ދިޔައިރު އެކަން ހައްލުކުރަން އެމްއެމްއޭއިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައިނުވާ ކަމަށެވެ.