English Edition
Dhivehi Edition

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ހުންނެވީ ވެރިކަމުގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ދަށުވެފައި ކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރުކަމުން އިސްތިއުފާ ދެއްވި އިބްރާހިމް މުއާޒް ވިދާޅުވެއެވެ

ރޭ ނޫސްވެރިންނާއި ބަދަލުކޮށް ފިނިފެންމާ ލޯންޗުގެ ހާދިސާ އާއި ގުޅޭ ގޮތުން މުއާޒު ދެއްކެވި ވާހަކަތަކަށް އުމަރު ރައްދު ދެއްވާފައިވާއިރު މުއާޒް މިއަދު ވިދާޅުވީ އުމަރު ނަސީރު ހުންނެވީ މިނިވަން 50ގެ ކޮރަޕްޝަންގެ މައްސަލައިގައި ރައީސް އަބްދުﷲ ޔާމީންގެ ދަށުވެ ވަރަށް ބޮޑަށް ފިތިފައި ކަމަށެވެ.

މިއަދު ‘ވަގުތަށް’ ދިން އިންޓަވިއުއްގައި މުއާޒް ވިދާޅުވީ އުމަރު ނަސީރުގެ މައިގަނޑު ބޭނުމަކީ ރައީސް ޔާމީނަށް ހެޔޮ އެދޭ ކަމަށް ދައްކައިގެން ޕީޕީއެމް ބައިބައިކުރުވުން ކަމަށެވެ.”އުމަރު ނަސީރުގެ މައިގަނޑު ބޭނުމަކީ ރައީސް ޔާމީނަށް ހެޔޮ އެދޭ ކަމަށް ދައްކައިގެން ޕީޕީއެމްގެ މެންބަރުންގެ ބޮލަށް އެރި، އެ ޕާޓީގެ ތެރޭގައި އުމަރުގެ ފެކްޝަނެއް އުފައްދުން”މުއާޒު ވިދާޅުވިއެވެ. މީގެ އިތުރުން މުއާޒް ވިދާޅުވީ އުމަރު ނަސީރަށް ތުހުމަތު ކުރެވޭ ހުރިހާ ކޮރަޕްޝަންގެ މައްސަލައެއް ތަހުޤީގުކުރަން ޖެހޭނެކަމަށެވެ

އުމަރު ނަސީރު ދެއްކެވި ވާހަކަތަކައް ރައްދު ދެއްވަމުން މުއާޒް ވިދާޅުވީ އުމަރު ނަސީރަށް ރައީސް އޮފީހުން ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާގެ ރޯ ފައިލްއެއް ނުވަތަ ރޯ ވީޑިއޯއެއް ލިބުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ތަހުޤީގު ކުރަން ޖެހޭ ކަމަށް މުއާޒް ވިދާޅުވިއެވެ.މީގެ އިތުރުން މުއާޒްވަނީ މިނިވަން 50ގެ ކޮރަޕްޝަން އާއި ގުޅިގެން ރަގަޅު ތަހުގީގެއް ކުރުމަށްވެސް ގޮވާލާފައެވެ