ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަލަށް ޕާޓީއެއް އުފައްދަވައި އެޕާޓީގެ ކުލަ މިއަދު ދައްކާލައިފިއެވެ.މިގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)އެވެ.އަދި މި ޕާޓީގެ ރަސްމީ ކުލައަކީ ޓާކިޝް ބުލޫއެވެ.މި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދިނީ މިއަދުއެވެ.
އީސީއިން އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމާއިއެކު ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސެއިން މަނިކު ވަނީ އާ ޕާޓީގެ ކުލަ ހިމެނޭ ފޮޓޯ އަކާއެކު ޓުވީޓެއް ކޮއްފައެވެ. އެ ޓުވީޓުގައި ނިހާން ވަނީ އާ ޕާޓީގެ ކުލަ އަކީ ޓާކިޝް ބުލޫ ކަމަށް ވިދާޅުވެފައެވެ.މި ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަށެވެ. އަދުރޭ ވަނީ މި ޕާޓީ އުފެއްދުމަށްޓަކައި ޕީޕީއެމްއިންވެސް ވަކިވެވަޑައިގެންފައެވެ.
ރައީސް ޔާމީން އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ، ޕީޕީއެމް ހޯދަން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ބާނީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޯޓަށް ހުށަހެޅި މައްސަލާގައި ސްޕްރީމް ކޯޓުން މިހާތަނަށް ގޮތެއް ނިންމާފައި ނުވާތީއެވެ.