English Edition
Dhivehi Edition
15 ޖަނަވަރީ 2023 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: މިހާރު

ރިޔާސި އިންތިޚާބު މި އަހަރުގެ ސެޕްޓެންބަރު މަހުގެ 09 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކޮށްފިއެވެ.

އީސީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ ރައީސް، ފުއާދު ތައުފީޤު ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި 280،000 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވާ ކަމަށެވެ. އަދި، ދެވަނަ ބުރަކަށް ގޮސްފިނަމަ އިންތިޚާބުގެ ވޯޓުލުން އޮންނާނީ 30 ސެޕްޓެންބަރު 2023ގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އީސީން މި ފަހަރުގެ ރިޔާސީ އިންތިޚާބަށް ކަނޑައަޅާފައި “މަގޭ ވިސްނުން – މަގޭ ވޯޓު”، މި ޝިޢާރުކަމަށްވާއިރު، އިންތިޚާބުގައި ބޭނުންކުރާނެ ހޭޝްޓެގަކީ “ވިސްނުން23” އެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު 23 ޖުލައި 2023 އިން 03 އޮގަސްޓު 2023 އަށް ހުޅުވާލާއިރު، އޮފިޝަލުންނަށް ކުރިމަތިލުމަށް ހުޅުވާލާނީ 25 ޖުލައި 2023 އިން 13 އޮގަސްޓު 2023ގެ ނިޔަލަށެވެ.

އިންތިޚާބަށް ކެމްޕެއިންކުރުމުގެ ފުރުޞަތު 10 އޮގަސްޓު 2023 އިން 08 ސެޕްޓެންބަރު 2023ގެ ނިޔަލަށް ހުޅުވާލާނެއިރު، މި ފަހަރު މާލޭގައި 145 ވޯޓު ފޮށްޓާއި، ހުޅުމާލޭގައި 47 ،ވިލިމާލޭގައި 10 އަދި ރަށްރަށުގައި 327 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، މި އަހަރުގެ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ 12 ވޯޓު ފޮށްޓެވެ.