English Edition
Dhivehi Edition

ކާރިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި 2015 ވަނަ އަހަރު ތަސްދީޤުކޮށްފައިވާ “ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނު” މިހާތަނަށް އޮތީ ތަންފީޒުނުކޮށްކަން ފާހަގަ ކުރައްވައި، އެ ޤާނޫނު ތަންފީޒުކުރުމުގެ މަސައްކަތްތައް މި ސަރުކާރުން ފައްޓަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރުގައި ބޭއްވެވި، ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކާރިސާއާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުން ލާޒިމްކުރާ އެންމެ މުހިއްމު ކަންތައް ކަމަށްވާ ކާރިސާގެ ކަންކަން ބެލެހެއްޓުމަށާއި، ކާރިސާތަކުން ލިބޭ ގެއްލުންތަކާއި ނުރައްކާތައް ކުޑަކުރުމަށްޓަކައި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އުފެއްދުމުގެ މަސައްކަތް ސަރުކާރުން މިހާރު ވާނީ ފައްޓަވާފައި ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިޤާނޫނުގެ ދަށުން، ނޭޝަނަލް ޑީޒާސްޓަރ މެނޭޖްމަންޓް ކައުންސިލެއް އެކުލަވާލައި، އެކައުންސިލްގެ ލަފާގެ މަތިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސްޓިއަރިން ކޮމިޓީއެއް އުފެއްދުން ލާޒިމްކުރާ ކަމަށާއި، އެކަންވެސް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފުރިހަމަވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން، ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމަށްޓަކައި، ދުރާލައި އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަނެ، އެކަންކަން ތަންފީޒުކުރުމަށްޓަކައި އެކުލަވާލަންޖެހޭ، “ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން”ގެ ފުރަތަމަ ދެލިކޮޕީވެސް މިހާރުވަނީ ނިމިފައި ކަމަށާއި، ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، ގެއްލުންތަކުން އަރައިގަތުމަށް ކުރަންޖެހޭ ޚަރަދުތަކަށް ލިބޭ ފައިސާ ޖަމާކުރުމަށް “ޑިޒާސްޓަރ މެނޭޖްމަންޓް ޓްރަސްޓް ފަންޑް”ގެ ނަމުގައި މިމަހުގެ 16 ވަނަ ދުވަހު ފަންޑެއް ޤާއިމް ކޮށްފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވީ، “ޑިޒާސްޓަރ މެނޭޖްމަންޓް ޓްރަސްޓް ފަންޑް” އަށް ލިބޭ ފައިސާ އެނޫން ކަމަކަށް ހޭދަނުކުރެވޭނެކަން ސަރުކާރުން ކަށަވަރު ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހީންގެ އެއްބައިވަންކަމުގެ ދުވަސް ފާހަގަކުރަނީ، 26 ޑިސެމްބަރ 2004ގައި، މުޅި ރާއްޖެ ތަޖުރިބާކުރި ސުނާމީގެ ބިރުވެރި ކާރިސާގައި ދިވެހީން ދައްކުވައިދިން އިންސާނިއްޔަތުކަމާ، އެއްބަނޑުއެއްބަފާކަމާ، އެކުވެރިކަމުގެ މަތިވެރި ރޫޙް، ދިރުވައި އާލާކުރުމަށް ކަމުގައި ވިދާޅުވިއެވެ. އަދި، ސުނާމީގެ ދުވަހުގައި ދިވެހީން ދައްކުވައިދިން އެއްބައިވަންތަކަން، ބައިނަލްއަޤްވާމީ މުޖްތަމަޢު ބަލައިގެންފައިވަނީ ނަމޫނާއެއްގެ ގޮތުގައިކަން ރައީސުލްޖުމްހޫރިއްޔާ ވަނީ އުފަލާއެކު ފާހަގަ ކުރައްވާފައެވެ.