English Edition
Dhivehi Edition
ފޮޓޯ: އައްޑޫ ސިޓީ ކައުންސިލް

އައްޑޫގެ ފަތުރުވެރިކަން ތަރައްޤީކުރުމުގެ ތަސައްވުރު އެކުލަވާލުމުގައި އައްޑޫގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ކައުންސިލްގެ ފަރާތުން ރައްޔިތުންނާއެކު އަންގާރަދުވަހުގެ ރޭ ބައްދަލުވުމެއް ބާއްވައިފިއެވެ.

ރައްޔިތުންގެ މަޖިލިސްގެ މެމްބަރު މުޙައްމަދު އަސްލަމް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުވުމުގައި އައްޑޫގެ ފަތުރުވެރިކަން ކުރިއަރުވައި ތަރައްޤީކުރުމުގެ ގޮތުން ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ގިނަ ހިޔާލުތަކެއް ޖަލްސާގައި ބައިވެރިވި ފަރާތްތަކުން ވަނީ ހުށަހަޅާފައެވެ.

މިގޮތުން އެންމެ ގިނަ ފަރާތްތަކުން ފާހަގަކުރި އެއްކަމަކީ އައްޑޫގައި ފަތުރުވެރިކަމަށް ވަކި ސަރަހައްދުތަކެއް ކަނޑައަޅައި ދޮންވެލި ތުނޑިއެއް ހެދުން މުހިންމު ކަމަށެވެ. އަދި ފަތުރުވެރިންގެ ގޮތުގައި އައްޑޫއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އައްޑޫއަކީ ސާފުތާހިރު ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި ޕްލާސްޓިކާއި ކުނި އެޅުން މެނޭޖްކޮށް، މަދިރިއާއި، މީދާ ފަދަ ބަލި ފަތުރާ ދިރޭ ތަކެތި މަދުކޮށް ކޮންޓްރޯލް ކުރުމަށެވެ. ހަމައެއާކު ފަތުރުވެރިކަމުގެ ޕްލޭން އެކުލަވާލުމުގައި ކައިރި މުސްތަޤްބަލަށާއި ދުރު މުސްތަޤްބަލަށް ވިސްނައި ޕްލޭން އެކުލަވާލުމަށެވެ.

މި ޖަލްސާގައި އެންމެ ގިނަފަރާތްތަކުން ކަންބޮޑުވުން ފާޅުކުރި އެއްކަމަކީ ދަތުރުފަތުރުގެ އަގުތައް ބޮޑުވުމެވެ. އެގޮތުން ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ރާއްޖޭން ބޭރަށް ކުރާ ދަތުރުތަކަށް ވުރެބޮޑުކަން ބައެއްފަރާތް ތަކުން ވަނީ ފާހަނގަ ކޮށްފައެވެ. ވަކިން ހާއްސަކޮށް އައްޑޫއަށް ފަތުރުވެރިން ނާނަ އެއްސަބަބަކަށްވަނީ މި ގޮންޖެހުމާ ހެދިކަމަށް ބައެއްފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ.

އައްޑޫގެ ފަތުރުވެރިކަމުގެ ޕްލޭނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހަފްތާގެ ނިޔަލަށް ވަނީ ހުޅުވާލެވިފއެވެ. އެހެންކަމުން ސޯޝަލް މީޑިއާ މެދުވެރިކޮށް ނުވަތަ އީމއެއިލްއިން ހިޔާލު ހުށަހެޅުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ކައުންސިލް އިދާރާއިން ވިދާޅުވެއެވެ.

ފަތުރުވެރިކަމުގެ ތަސައްވުރު އެކުލަވާލުމުގައި ރައްޔިތުންގެ މަޝްވަރާ ހޯދުމަށް ހުޅުދޫ އަދި މީދޫގެ ރައްޔިތުންނާވެސް ކައުންސިލުން ވަނީ ރޭ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުން އޮތީ އަތޮޅު މަދުރަސާގައެވެ. ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫގެ ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުން އޮތީ ކައުންސިލްގެ އިދާރާގައެވެ.

އައްދޫ ސިޓީ އަކީ މިހާރުވެސް ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ކުރިއަރަމުން އަންނަ އަތޮޅެކެވެ. އައްޑޫގައި ހިމާޔަތް ކޮށްފައިވާ ކޯއްޓޭ ފަދަ ތަންތަނަކީ ޓޫރިސްޓުން މެދުގައި ވަރަށް މަގުބޫލު ތަންތަނެވެ.

އައްޑޫގައިފަތުރުވެރިކަން ތަރައްގީ ކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކުގައި ހިމެނޭ ވައުދެކެވެ.