English Edition
Dhivehi Edition

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ތިން ލައްކައަށް އަރައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަ ކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރު މިހާތަނަށް ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދުތައް ފާއިތުވެދިޔަ ދެ އަހަރާ އަޅާކިޔާއިރުވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެގޮތުން 2021 ގައި ރާއްޖެެއަށް މި މުއްދަތުގެ ތެރޭގައި އައިސްފައި ވަނީ 164،395 ފަތުރުވެރިންނެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް 241،750 ފަތުރުވެރިން މި މުއްދަތުގެ ތެރޭގައި އައިސްފައިވާއިރު، މި އަހަރު މިހާތަނަށް 308،367 ފަތުރުވެރިން ރާއްޖެ އައިސްފައި ވެއެވެ.

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ތިން ލައްކައަށް އަރާފައިވާއިރު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ރަޝިޔާއިންނެވެ. އެއީ 39,262 ފަތުރުވެރިންނެވެ. އެ ގައުމުން މި އަހަރު ފެބްރުއަރީ 21 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 39،262 ފަތުރުވެރިން އައިސްފައި ވެއެވެ.

ދެ ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިންޑިޔާއިންނެވެ. އިންޑިޔާއިން އައި ފަތުރުވެރިންގެ އަދަދަކީ 33,561 އެވެ. އިނގިރޭސިވިލާތުން 28,876 ފަތުރުވެރިން އައިސްފައިވާއިރު އިޓަލީން އައިސްފައިވަނީ 28,426 ފަތުރުވެރިންނެވެ.

ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މި އަހަރު ތެރޭގައި ރާއްޖެއަށް ޗައިނާ ފަތުރުވެރިން އަންނަ ވަނީ ފަށައިފައެވެ. އެގޮތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 8،854 ޗައިނާ ފަތުރުވެރިން އައިސްފައިވާއިރު، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ތެރެއިން އަށް ވަނައިގައި އޮތީ ޗައިނާއެވެ.

ކޮވިޑްގެ ކުރިން، 2019 ވަނަ އަހަރު ރާއްޖެއަށް ޖުމްލަ 1.70 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރިއިރު މިދިޔަ އަހަރު ސަރުކާރުން އަމާޒު ހިފީ 1.6 މިލިއަން ފަތުރުވެރިން ގެނައުމަށެވެ. އެ އަމާޒަށް ވާސިލުވެ، މިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.68 މިލިއަނަށް އެރިއެވެ.