English Edition
Dhivehi Edition

ރ.އިނގުރައިދޫ ކައުންސިލާއި ދިވެހި ބަހުގެ އެކަޑަމީ ގުޅިގެން އެރަށުގައި ޅެން ހަދަން ދަސްކޮށްދޭ ކޯހެއް ބާއްވަން ހަމަޖެހިފައިވާކަމަށް ވިދާޅުވެއްޖެއެވެ. އިނގުރައިދޫ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ވާގޮތުން ޅެން ހަދަން ދަސްކޮށްދޭ ކޯސް އަރަށުގައި ބާއްވަނީ 2019 ވަނަ އަހަރުގެ ޅެންވެރިންގެ ދުވަސް އިނގުރައިދޫގައި ފާހަގަ ކުރާ ގޮތަށް ހަމަޖެހިފައި ވާތީއެވެ.

ދިވެހި ޅެންވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ފާހަގަ ކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހެވެ. މި ދުވަސް ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރެވެނީ ދިވެހި ޅެންވެރިކަމުގެ ގުލްފާމުގެ ގޮތުގައި ނަންދެވިފައިވާ އަލްއުސްތާޛް އިބްރާހިމް ޝިހާބު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ދުވަހާ ގުޅުވައިގެންނެވެ.

އިނގުރައިދޫ ކައުންސިލްގެ އިއުލާންގައި ވާ ގޮތުން އެ ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ 2019 އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 4 ދުވަހުގެ މުއްދަތަށެވެ. ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ސެޓްފިކެޓް ލިބޭ ގޮތަށް ކުރިއަށް ދާ މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ރ.އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލާފައިވާ ކަމަށް އިނގުރައިދޫ ކައުންސިލްގެ އިއުލާންގައިވެއެވެ.

އެންކަމުން ޅެން ހަދަން ދަސްކޮށްދޭ ކޯހުގައި ބައިވެރިވާން ބޭނުން ފަރާތްތަށް 31 ޑިސެންބަރު 2018 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން އެ ކައުންސިލަށް ގުޅައިގެން ނަން ނޯޓް ކުރުމަށް އިއުލާންގައި އެދިފައިވެއެވެ. އަދި އިތުރު މަޢުލޫމާތު ހޯދުމަށް އެ ކައުންސިލްގެ ނަންބަރު 6580028 އަކަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް އިއުލާންގައި އެދިފައިވެއެވެ.