English Edition
Dhivehi Edition

ޑެންގޫ ހުމާއި އަރިދަފުސް ރޯގާ އަދި ވައިރަލް ހުން ފެތުރޭތީ އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރައްވައިފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިދުވަސްވަރު ޑެންގޫ ހުމާއި އަރިދަފުސް ރޯގާ އަދި ޑެންގޫ ހުން ޖެހިގެން ރިޕޯރޓް ކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެހަފްތާގެ ތެރޭގައި ތިންހާސް ހަތަރު ސަތޭކަ އަށްޑިހަ އެއް މީހުންނަށް ވައިރަލް ހުން ޖެހިގެން ރިޕޯރޓްކޮށްފައިވާއިރު، އަރިދަފުސް ރޯގާ ޖެހިގެން ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ހަތް މީހުން ރިޕޯޓް ކޮށްފައި ވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ޑެންގީ ހުން ޖެހިގެން ވޭތުވެ ދިޔަ ދެ ހަފްތާގެ ތެރޭގައި ދުއިސައްތަ ތިރީސް މީހުން ރިޕޯޓްކޮށްފައި ވާކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މިދުވަސްކޮޅާ އަޅާ ބަލާއިރު އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.

ޑެންގީހުން ޖެހިގެން އެންމެ ގިނައިން ރިޕޯޓްކޮށްފައި ވާކަމަށް އެ ބަޔާނުގައި ބުނެފައި ވަނީ ހުޅުމާލެ، ރ، ހއ އަދި ބ އަތޮޅުން. މީގެއިތުރުން އެ ބަޔާނުގައި އުމްރާއަށް ގޮސްފައި އެނބުރި އަންނަ ގިނަ މީހުންނަށް އަރިދަފުސް ރޯގާ ޖެހޭކަން ފާހަގަ ކުރައްވާފައިވެއެވެ. އެހެންކަމުން އަރިދަފުސް ރޯގާއާއި، ވައިރަލް ހުން ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް އެ އޭޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އެޗްޕީއޭގެ ބަޔާނުގައި ބުނެފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ފެތުރެމުންދާ ބޭރަށް ހިންގުމާއި ހޮޑުލުން، އަދިވެސް ފެތުރެމުން ދާކަމަށް. އެގޮތުން ރާއްޖޭގެ ހުރިހާ ސަހަރައްދަކުން ވޭތުވެ ދިޔަ ދެހަފްތާގެ ތެރޭގައި ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން ތިންހާސް ދުއިސައްތަ ފަސްދޮޅަސް އެއް މީހުން ރިޕޯޓްކޮށްފައިވާ ކަމަށްވެސް އެ އެޖެންސީން ބުނެފައިވެއެވެ.

މި ދުވަސްވަރަކީ ދަތުރުފަތުރާއި، އެއްވެއުުޅުން ގިނަ ދުވަސްވަރަކަށްވާތީ، މިފަދަ ބަލިތައް އިތުރަށް ފެތުރިގެން ދިޔުމުގެ ފުރުސަތު ބޮޑު ކަމުން އެކަމަށް ހުރިހާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެޗްޕީއޭ އިން އިލްތިމާސްކުރެއެވެ.