English Edition
Dhivehi Edition

އިޓާލިއަން ލީގުގައި ރޯމާ އާ ވާދަކޮށް ޔުވެންޓަސް އުނދަގޫމޮޅެއް ހޯދައި ލީގުގައި އެއްވަނާގައި އަށް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ލީގުގައި މި ދެ ޓީމް ކުޅުނު ވާދަވެރި މިމެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 0-1 ލަނޑުންނެވެ.

ރޭގެ މޮޅާއި އެކު 17 މެޗުން 49 ޕޮއިންޓް ހޯދައި ޔުވެންޓަސް އިން އެއްވަނައިގައި އޮތްއިރު ދެވަނައިގައި 41 ޕޮއިންޓާއެކު އޮތީ ނަޕޯލީ އެވެ.އަދި ތިންވަނައިގައި 33 ޕޮއިންޓާއި އެކު އޮތީ އިންޓަ މިލާންއެވެ.

އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އެންމެ ފަހުން 4 ސީޒަނުގައި ވެސް ހޯދި ޔުވެންޓަސް އަދި މިސީޒަންގައި ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާއިރު ރޭގެ މެޗުގައި އެ ޓީމުން ކާމިޔާބު ކުރި ހަމަ އެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 35 ވަނަ މިނެޓްގައި މަންޒުކިޗުއެވެ.

އިޓާލިއަން ލީގުގައި ރޭ ފޯރިގަދަ ގިނަ މެޗުތަކެއް ކުޅެފައިވާއިރު ޓޭބަލްގެ ދެވަނާގައި އޮތް ނަޕޯލީ އާއި އެސްޕީއޭއެލް ބައްދަކު ކުރި މެޗުން ނަޕޯލީ މޮޅުވެފައިވާއިރު ޓޭބަލްގެ ތިންވަނާގައި އޮތް އިންޓަ މިލާން އާއި ޗިއެވޯ ބައްދަލުކުރި މެޗު ވަނީ 1-1 ލަނޑުން އެއްވަރު ވެފައެވެ.