އިޓާލިއަން ސެރިއޭގައި ރޭ ކުޅުނު މެޗުގައި ރަށުން ބޭރުގައި ޒަލަޓާން އިބްރާހިމޮވިޗް ވައްދާލި ދެލަނޑާއެކު އޭސީ މިލާނުން 2-0 އިން ކަލިއާރީ ބަލިކޮށް ތާވަލްގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑް ދަމަހައްޓައިފިއެވެ.
ރޭގެ މެޗުން ހޯދި މޮޅާއެކު މިލާނުން މިހާތަނަށް ކުޅުނު 18 މެޗުން 43 ޕޮއިންޓް ހަމަކޮށްފައިވާއިރު، އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ވާދަވެރި އިންޓަ އެވެ. ތިންވަނައިގައި އޮތް ނަޕޯލީގެ އިތުރުން ހަތަރުވަނައިގައި އޮތް އޭއެސް ރޯމާ އަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. ނަޕޯލީ އަށް އެ އަދަދަށް ޕޮއިންޓް ލިބިފައިވަނީ 17 މެޗުންނެވެ.
ކަލިއާރީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި މިލާނުން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން ސްވިޑެންގެ އަބަދަށްފެހި ފޯވާޑް އިބްރާހިމޮވިޗް އެވެ. މިއީ އިބްރާހިމޮވިޗަށް ކަލިއާރީގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ހާފުގައި މިލާންގެ ލީޑް ފުޅާކުރުމަށް ޑެވިޑޭ ކަލާބްރިއާ އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 38 ވަނަ މިނެޓުގައި ކަލާބްރިއާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.
ރޭގެ މެޗުގައި މިލާނުން ޖެހި ދެވަނަ ލަނޑު، މެޗުގެ 52 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިބްރާހިމޮވިޗް އެވެ. މިއީ އެ ޓީމުގެ ޑިފެންޑަރު ކަލާބްރިއާ ދިން ރީތި ޕާހަކުން އިބްރާހިމޮވިޗް ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް މިލާންގެ އަލެކްސިސް ސީލްމޭކާ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
މިލާނަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެޓަލާންޓާއާ ދެކޮޅަށް ކުޅޭ މެޗެވެ. މިލާންގެ ސެންސީރޯގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ފަށާނީ ރާއްޖޭގަޑިން 22:00 ގައެވެ.