އިންޑޮނޭޝިއާ ކައިރީގައި އުފެދުނު ސުނާމީއެއް އެޤައުމުގެ ތިން ސަރަހައްދެއް ކަމަށްވާ ޕެންޑެގްލެގް,ސެރަންގް އަދި ދެކުނު ލަމްޕުންގް އަށް އަރައި މަދުވެގެން 43 މީހުން މަރުވެ 582 މީހުން ޒަހަމް ވެއްޖެކަމަށް އިންޑޮނޭޝިއާގެ ނެޝަނަލް ޑިޒާސްޓަރ މިޓިގޭޝަން އެޖެންސީއިން ބުނެފިއެވެ. އެ އިދާރާއިން ބުނީ މި ހާދިސާގެ ސަބަބުން ދެމީހަކު ގެއްލިފައިވާކަން މިހާތަނަށް ކަށަވަރު ކުރެވިފައިވާކަމަށެވެ.
އިންޑޮނޭޝިއާއަކީ މިކަހަލަ ހާދިސާތައް ވަރަށް ގިނައިން ދިމާވާ ޤައުމެކެވެ.ކުއްލި ހާލަތުގައި އެހީތެރިކަން ފޯރުކޮށްދޭ އިންޑޮނޭޝިއާގެ އިދާރާ އިން ބުނީ ސުނާމީގެ ސަބަބުން 430 ގެއަކަށް ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތް ފޯރުކޮށްދޭ ނުވަ ހޮޓަލަކަށް ވެސް ވަރަށް ބޮޑަށް ގެއްލުން ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންޑޮނޭޝިއާގެ އަޑީގައި ގިނަ އަލިފާން ފަރުބަދަތައް ހުރިއިރު ރިޕޯޓްތައް ބުނާ ގޮތުގައި ސުނާމީ އުފެދުނީ އެއިން އަލިފާން ފަރުބަދައެއް ކައިރިން ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުންނެވެ.
“ސުނާމީއެއް އުފެދުނު ކަމުގެ ރިޕޯޓް ލިބިފައި ވަނީ ރޭ އިންޑޮނޭޝިއާގެ ގަޑިން 21:03 ގައި. އޭގެ 24 މިނެޓް ފަހުން ވަނީ ސުނާމީ އަރާފައި.” އިންޑޮނޭޝިއާގެ މޫސުމާއި ބެހޭ އިދާރާ އިން ބުންޏެވެ.